ކީޕަރު އިމްރާން ދެ މެޗަށް ސަސްޕެންޑްކުރުމުން ޓަވަރޭޒް ރުޅިގަދަވެއްޖެ!

މާލޭ ލީގުގައި މެއި މަހުގެ ހަތްވަނަ ދުވަހު އީގަލްސް އަދި ނިއުރޭޑިއަންޓް ބައްދަލުކުރި މެޗަށްފަހު ދެޓީމުގެ ކުޅުންތެރިންގެ ދެމެދުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން --- ފޮޓޯ/ ޕީއެސްއެމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކެޕްޓަން އަދި ގޯލްކީޕަރު އިމްރާން މުހައްމަދު، ދެ މެޗަށް ސަސްޕެންޑްކުރުމުން އެ ކްލަބުގެ ކޯޗު ބެނާޑޯ ޓަވާރޭޒް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

މާލޭ ލީގުގައި މިމަހުގެ ހަތްވަނަ ދުވަހު ކްލަބު އީގަލްސްއާއި ނިއު ބައްދަލުކުރި މެޗަށްފަހު ހިނގި ހަމަނުޖެހުމާ ގުޅިގެން އެފްއޭއެމްއިން ވަނީ އިމްރާންގެ އިތުރުން ނިއުގެ ގަލާޑޯ ވަލްޑޭސް އެޑްރިއަންއާއި، ބޮއޭސްޓްރާ ޖަމާލް ރޮމާނޯއާއި، އީގަލްސްގެ އިބްރާހިމް މުބީން (މުއްކި)އާއި، ސޮލާހު އަލީ އަދި އެޓީމުގެ އެސިސްޓަންޓް ކޯޗު އަހްމަދު ނިމާދު (ނިމާ)އަށް ވެސް ފިޔަވަޅު އަޅާފައިވެއެވެ.

އެފްއޭއެމް ހައުސްގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ގަލާޑޯ ވަނީ އީގަލްސްއާއި ނިއު ބައްދަލުކުރި މެޗުގެ ހަތަރު ރެފްރީންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އެ މެޗުގެ ރެފްރީކަން ޒައީމް އަލީ ކުރިއިރު، އެސިސްޓަންޓް ރެފްރީންގެ ގޮތުގައި މަސައްކަތްކުރީ އަބްދުﷲ ޝާތިރާއި އަހްމަދު މުނީރެވެ. އަދި އެ މެޗުގެ ހަތަރުވަނަ ރެފްރީއަކީ އިބްރާހިމް ނިއުޝާދެވެ.

"އަހަރެމެން އީގަލްސްއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކިން. އެކަމަކު އަހަރެމެންނަށް ލަނޑު ނުޖެހުނީ. މެޗުގައި އީގަލްސް ނަމްބަރު 27 (ސޮލާހު އަލީ) ގޯސްތަކެއް ހެދި. ހަތަރު ރެފްރީން ހިމެނޭ. ފުރަތަމަ ރެފްރީއަށް އެކަން ނުފެނުނަސް ދެން ތިބި ރެފްރީންނަށް އެކަން ފެންނަންޖެހޭނެ. އަބަދުވެސް އީގަލްސްގެ ނަމްބަރު 5 (މުއްކި) ދިޔައީ ހަޅޭއްލަވަމުން، ނަމްބަރު 27 (ސޮލާހު) ދިޔައީ ގޯސް ބަސްތަކެއް ރައްދުކުރަމުން. ރެފްރީ ޖެހޭނެ ގޭމް އަދި ކުޅުންތެރިން ހިމާޔަތްކުރަން،" އޭނާ ބުންޏެވެ.

ޓަވަރޭޒް ބުނީ، މެޗުގެ ދެވަނަ ހާފުގައި އެއްވެސް ވަރަކަށް ކުޅުމެއް ކުޅޭތަން ފެނިގެންނުދިޔަ ކަމަށާއި އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދަށް އަނިޔާވެގެން މެޗުގެ ކުޅުން ތިންވަރަކަށް ފަހަރު ހުއްޓުމަކަށް ގެންނަން ޖެހުނު ކަމަށެވެ. އަދި ކޮންމެ ވަގުތެއްގައި ފެނިގެންދިޔައީ މެޗުގެ ކުޅުން ހުއްޓުމަކަށް ގެންނަން ޖެހުނުތަން ކަމަށް ވެސް އޭނާ ބުންޏެވެ.

"ރެފްރީގެ ފަރާތުން އެއްވެސް ކަހަލަ ކަމެއް ނުފެނުނު. މެޗުގެ ހަތަރު ރެފްރީން އެބަޖެހޭ މެޗުގެ ރީޕްލޭ ބަލަން. މެޗެއް އިންސާފުކުރާނީ ހަތަރު ރެފްރީން. އެންމެ ރެފްރީއެއް ނޫން. ބައެއް ފަހަރު ފުރަތަމަ ރެފްރީއަށް ހުރިހާ އެއްޗެއް ނުފެނިދާނެ. މެޗުގައި ރެފްރީން ހަމައެކަނި ބަލަން ޖެހޭނީ ބޯޅަ އޮންނަ ތަނެއް ނޫން. ރެފްރީން މިކަންކަން ބަލަންޖެހޭ،" އޭނާ ބުންޏެވެ.

ޓަވަރޭޒް ބުނީ، ހުރިހާ ޒުވާން ކުދިން މިސާލެއްގެ ގޮތުގައި ބަލާ ކީޕަރު އިމްރާނަށް އެވަރުގެ ސަސްޕެންޝަނެއް ހައްގު ނޫން ކަމަށާއި އޭނާ މަސައްކަތްކުރީ ދެޓީމުގެ ދެމެދުގައި ހިނގި ހަމަނުޖެހުން ހުއްޓުވައި ކުޅުންތެރިން ދުރުކުރުވަން ކަމަށެވެ. އަދި އިމްރާން ސަސްޕެންޑްކޮށްފައިވަނީ ކެޕްޓަނެއްގެ ޒިންމާ އަދާކުރުމަށް ހަރަކާތްތެރިވުމުން ކަމަށް ވެސް އޭނާ ބުންޏެވެ.

"އޭނާއަކީ ޓީމުގެ ކެޕްޓަން. ޓީމުގެ ކުޅުންތެރިން ހިމާޔަތްކުރުމަށް އޭނާ ދާން މަޖުބޫރުވާނެ. އެއަށްފަހު މި ފެނުނީ ދެ މެޗަށް އިމްރާން ސަސްޕެންޑްކުރިތަން. އަހަރެން ކުރިން ދެ ސީޒަނެއްގައި އޭޝިއާގައި ވެސް މަސައްކަތްކުރިން. އިމްރާނަކީ އަހަރެންނާއެކު މަސައްކަތްކުރި ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު އެއް ގޯލްކީޕަރު ގޮތުގައި އަހަރެން ދެކެނީ،" ޓަވަރޭޒް ބުންޏެވެ.

ފުރަތަމަ ބުރުގައި ކުޅުނު އެ މެޗުގައި ނިއުގެ މައްޗަށް އީގަލްސްއިން ކުރި ހޯދީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އީގަލްސްއިން ކާމިޔާބުކުރީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައެވެ. އެ ލަނޑު އީގަލްސްއަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނާއިމްއެވެ.

comment ކޮމެންޓް