އިންޑިއާގެ އެންވަޔަރަމަންޓް މިނިސްޓަރު އަވަހާރަވެއްޖެ

މިއަދު އަވަހާރަވި އިންޑިއާގެ އެންވާރަމެންޓް މިނިސްޓަރު އަނިލް މަދަވް ޑޭޥް ---

އިންޑިއާގެ ޔޫނިއަން ސަރުކާރުގެ އެންވަޔަރަމަންޓް މިނިސްޓަރު އަނިލް މަދަވް ޑޭވް، އުމުރުން 60 އަހަރުފުޅުގައި މިއަދު އަވަހާރަވެއްޖެ އެވެ.

މިނިސްޓަރު އަނިލް އަވަހާރަވީ ނިއުމޯނިއާ ޖެހިގެން ހާލު ދެރަކޮށް އުޅުއްވުމަށް ފަހު އެވެ. އިންޑިއާ ޓައިމްސްއިން ރިޕޯޓުކުރާ ގޮތުގައި، ހާލު ދެރަވެގެން މިއަދު މިނިސްޓަރު އަނިލް ވަނީ ދިއްލީގެ އެއިމްސް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އޭނާ އަވަހާރަވީ އެތަނުގަ އެވެ.

އަނިލް މަދަވް އަވަހާރަވުމާ އެކު، އެންވަޔަރަމެންޓް މިނިސްޓްރީ ވަގުތީ ގޮތުން ހިންގަވަމުން ގެންދަވަނީ ސައިންސް އިންޑިއާގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ހަރްޝް ވަރުދަނެވެ.

އިންޑިއާގެ އެންވަޔަރަމެންޓް މިނިސްޓަރު އަވަހާރަވުމާ ގުޅިގެން އެގައުމުގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅުވީ މިނިސްޓަރު އަނިލްއަކީ އާންމުންނަށް ޚިދުމަތް ކޮށްދެއްވުމަށް ވަރަށް ބޮޑަށް އަހަންމިއްޔަތުކަމެއް ދެއްވި ބޭފުޅެއް ކަމަށާއި، ތިމާވެށި ހިމާޔަތްކުރުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

އަދި ރޭގެ ވަގުތެއްގައި މިނިސްޓަރު އަނިލްއާ ބައްދަލުކުރައްވައި، ސިޔާސަތުތަކާ ބެހޭ ބައެއް މަޝްވަރާތައް ވެސް ކުރެއްވިކަމަށް ބޮޑުވަޒީރު މޯދީ ވިދާޅުވި އެވެ.

އަނިލް މަދަވް ޑޭވްއަކީ 2009 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖްޔާ ސަބާގައި މަދްޔާ ޕްރަދޭޝް ތަމްސީލުކުރައްވަމުން ގެންދެވި މެމްބަރެވެ. އެންވާރަމެންޓް މިނިސްޓަރުކަމަށް އަނިލް އައްޔަނު ކުރީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ ފަސް ވަނަ ދުވަހު އެވެ.

comment ކޮމެންޓް