ކޮލޮމްބޯގެ މަޝްހޫރު ސެވޯއި ސިނަމާ ކައިރީގައި ހުރި އިމާރާތެއް ވެއްޓިއްޖެ

ކޮލޮމްބޯގެ ވެއްލަވައްތަގައި އިމާރާތެއް ވެއްޓުން -- ފޮޓޯ/ ސިލޯން ޓުޑޭ

ސްރީލަންކާގެ ކޮލޮމްބޯގައި ގިނަ އަދަދެއްގެ ދިވެހީން ޒިޔާރަތްކޮށް، ދިރިއުޅޭ ވެއްލަވައްތަ އަވަށުގައި ހަދަމުންދިޔަ އިމާރާތެއް ވެއްޓިއްޖެ އެވެ.

ވެއްލަވައްތަ އަވަށުގައި ދިވެހީންވެސް އާންމުކޮށް ގޮސް އުޅޭ މަޝްހޫރު ސެވޯއި ސިނަމާގެ ފަހަތުގައި ހަދަމުން ދިޔަ އިމާރާތް ވެއްޓުނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ސްރީލަންކާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، އެ އިމާރާތް ހެދުމުގެ މަސައްކަތް ކުރަމުންދާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ.

ކޮލޮމްބޯގެ ވެއްލަވައްތަގައި އިމާރާތެއް ވެއްޓުން -- ފޮޓޯ/ ސިލޯން ޓުޑޭ

މި އިމާރާތް ވެއްޓުނު ހާދިސާގައި މަދުވެގެން 14 މީހަކަށް އަނިޔާވެފައިވާ އިރު، އެ މީހުންނަށް ކަލުބޯވިލާ ހޮސްޕިޓަލާއި ކޮލޮމްބޯ ނޭޝަނަލް ހޮސްޕިޓަލުން މިހާރު ގެންދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އެ އިމާރާތް ހެދުމުގައި މަސައްކަތް ކުރަމުން ދިޔަ ކޮންސްޓްރަކްޝަން ވޯކަރުން ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ. ރިޕޯޓުތައް ބުނާ ގޮތުން، އަދިވެސް އިމާރާތުގައި ބަޔަކު ވަނީ ތާށިވެފައެވެ.

އިމާރާތް ވެއްޓުމަށް ދިމާވި ސަބަބު އަދި އެނގިފައި ނުވި ނަމަވެސް، ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ކޮލޮމްބޯއަށް މިވަގުތު ދަނީ ވިއްސާރަ ވެސް ކުރަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި، އިމާރާތް ކުރަމުންދިޔަ ބިން މިވަގުތު ދަނީ އިތުރަށް އަޑިއަށް ދަމުންނެވެ. އެހެންކަމުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވަމުންނެވެ.

comment ކޮމެންޓް