އީރާނުގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ނުފޯރުވުމަށް ރިވެލިއުޝަނަރީ ގާޑުންނަށް އިލްތިމާސް ކުރައްވައިފި

ރޫޙާނީ

ތެހެރާން (މޭ 18): އީރާނުގެ ރިޔާސީ އިންތިޚާބުގައި މާދަމާ ވޯޓުލުމަށް ހަމަޖެހިފައިވާއިރު އިންތިޚާބަށް ނުފޫޒު ފޯރާފަދަ އެއްވެސް އަމަލެއް ނުހިންގުމަށް ރައީސް ހަސަން ރޫޙާނީ އެ ގައުމުގެ ބާރުގަދަ ރިވޮލިއުޝަރަނީ ގާޑުންގެ ލަޝްކަރުތަކަށް ގޮވާލައްވައިފި އެވެ.

އީރާނުގެ ރިޔާސީ އިންތިޚާބުގެ ކޭންޕޭން ނިންމާލުމާއެކު އިންތިޚާބީ ހިމޭން ކަމަށް ދިޔުމުގެ ކުރިން ދެއްވި ބަޔާނެއްގައި ރޫޙާނީ ވިދާޅުވީ ރިވޮލިއުޝަރަނީ ގާޑުންނަކީ އީރާނުގެ މުޖުތަމައުގައި އިހްތިރާމް ލިބިގެންވާ ބައެއް ކަމަށާއި ނަމަވެސް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފިނަމަ މިއިހްތިރާމަށް ލޮޅުން އަރާނެ ކަމުގައެވެ. އީރާނުގެ ރިޔާސީ ރޭހުގައި އެންމެ ގާތުން ވާދަ ކުރައްވާކަން ޚިޔާލު ހޯދުމުގެ ސާވޭތަކުން ދައްކަނީ އިސްލާޙީ ފިކުރުގެ ރައީސް ހަސަން ރޫޙާނީ އާއި ކޮންޒަވެޓިވް ފިކުރުގެ ބޭފުޅެއްކަމަށްވާ އިބްރާހީމް ރައީސީ އެވެ.

މިދެބޭފުޅުންގެ ތެރެއިން ރޫޙާނީއަކީ އީރާނާ ދެކޮޅަށް އދ. އާއި ޔޫރަޕާއި އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްކޮށްދީ އީރާނާއި ހުޅަނގާ ދެމެދު ގުޅުންތައް ރަނގަނޅު ކޮށްދިން ޕްރެގްމެޓިކް ޝަޚްސިއްޔަތެވެ. ރޫޙާނީގެ ވެރިކަމުގައި އީރާނުން ވަނީ އެ ގައުމުގެ ނިއުކްލިއާ މައްސަލަ ހައްލުކުރުމުގެ އެއްބަސްވުމެއްގައި ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު ސޮއިކޮށް ކުރިން އީރާން އޮތް އެކަހެރިކަމުން ސަލާމަތްކޮށްދެއްވާފަ އެވެ. މިކަމުގެ ސަބަބުން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ ބޮޑުބަޔަކުން އީރާން ސަލާމަތްވެ ދުނިޔޭގެ އިޙްތިރާމް އީރާނަށް ލިބި އިގްތިސާދީ ގިނަ ފައިދާތަކެއް އީރާނަށް ލިބިގެން ގޮސްފައިވެއެވެ.

ނަމަވެސް އީރާނުގެ ފަގީރުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަނޅު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމުގެ ޝަކުވާ ރޫޙާނީ ގެ މައްޗަށް ކުރަމުން ގެންދެއެވެ. މިގޮތުން ރޫޙާނީގެ ވެރިކަމުގައި އީރާނުގެ މުއްސަނދިންނާއި މެދުފަންތީގެ މީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެފައިވާއިރު ފަގީރުންގެ ހާލަތުވަނީ ދަށަށްގޮސްފައެވެ.

ރޫޙާނީގެ ވާދަވެރިޔާ އިބްރާހީމް ރައީސީއަކީ ކޮންޒަވެޓިވް ފިކުރުގެ ބޭފުޅަކަށްވެފައި އޭނާއަކީ އީރާނުގައި ނުފޫޒުގަދަ ރިވޮލިއުޝަރަނީ ގާޑުންގެ ލަޝްކަރުތަކުގެ އިތުބާރު ލިބިފައިވާ ބޭފުޅެކެވެ. އަދި ރައީސީއަކީ އީރާނުގެ ފަގީރުންނާއި ރައްފުށުގެ ވިލެޖްތަކުގެ އެންމެ އާދައިގެ މީހުންގެ ތާއީދު ވަރަށް ބޮޑަށް ލިބިފައިވާ ބޭފުޅެކެވެ. ރައީސީވަނީ އޭނާއަށް ވެރިކަން ލިބިއްޖެނަމަ އީރާނުގެ ފަގީރުންގެ ހާލަތު ރަނގަނޅުކުރުމަށްޓަކައި ޚާއްސަ ޕްރޮގްރާމެއް ހިންގުމަށް ވައުދުވެވަޑައިގެންފައެވެ.

މީގެތެރޭގައި ފަގީރުންނަށް ލުއިލޯން ލިބޭނެގޮތް ހަދައިދިނުމާއި އެމީހުންނަށް ވަޒީފާގެ ފުރްސަތުތައް މިހާރަށްވުރެ ބޮޑަށް ފަހިވާފަދަ މާހައުލެއް ގާއިމްކޮށްދިނުމާއި ފަގީރުންނަށް ޚާއްސަކޮށްގެން ބައެއްކަހަލަ ސަބްސިޑީ ތައް ދިނުން ހިމެނެއެވެ.

އީރާނަކީ ވަކިފަރުދެއްގެ މައްޗަށް ބިނާވެފައިވާ ވެރިކަމެއްގެ ބަދަލުގައި ގިނަ މުއައްސަސާތަކުގެ މައްޗަށް ބިނާވެގެންވާ ވެރިކަންކުރާ ގައުމަކަށްވާތީ އީރާނުގެ ރައީސުން ބަދަލުވުމުން އެގައުމުގެ ބޭރުގެ ގުޅުންތަކާއި ޚާރިޖީ ކަންކަމުގެ އަސާސްތަކަށް މާބޮޑު ބަދަލުތަކެއް ނާންނާނެއެވެ. ނަމަވެސް ދާޚިލީ ބައެއްކަންކަމަށާ ތަރައްގީގެ ކަންކަމަށް ބަދަލުތައް އަންނާނެއެވެ.

އީރާނުގެ ވެރިކަމުގެ ނިޒާމު ބިނާވެފައިވަނީ ދީނީ މުރްޝިދާއި ރައީސުލްޖުމްހޫރިއްޔާއާއި ޕާލަމެންޓާއި ގާޑިޔަން ކައުންސިލާއި ތަޖްރިބާކާރުންގެ މަޖިލީހުގެ މައްޗަށެވެ. ވެރިކަމުގެ ބާރު ބެހިގެންގޮސްފައިވަނީ މި މުއްސަސާތަކުގެ މައްޗަށެވެ. މިއިންކޮންމެ ފަރާތަކީވެސް ވަކިވަރެއްގެ ބާރުތަކެއް ލިބިފައިވާ އަދި އެއްފަރާތަކުން އަނެއްފަރާތެއްގެ މައްޗަށް ވަރަށް ކުޑަ ބާރެއްނޫނީ ނުފޯރުވޭނެ ފަރާތްތަކެކެވެ. އީރާނުގެ ޖުޑިޝަރީ ނުވަތަ ޝަރްޢީ ދާއިރާއަކީ މުސްތަގިއްލު ދާއިރާއެކެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް