އަމިއްލައަށް ކުނި އުކަން ބޭނުންވާނަމަ ރަޖިސްޓްރީ ކުރޭ، ނޫނީ ފުލުހުން ހުއްޓުވާނެ

ބިދޭސީއަކު ބައިސްކަލަށް އަރުވައިގެން ކުނި އުކާލަން ދަނީ: ސަން ފައިލް ފޮޓޯ

މާލޭގައި އަމިއްލައަށް ކުނިއުކަން ބޭނުންނަމަ ބިދޭސީންނާއި ދިވެހިން ވެސް ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށާއި އަންނަ މަހަށްފަހު، ގަވާއިދާ ޚިލާފަށް ކުނި އުކާ ފަރާތްތައް ހުއްޓުވައި އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަންމަންޓު މިނިސްޓްރީން ބުނެފި އެވެ.

އެންވަޔަރަންމަންޓު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތާރިގު އިބްރާހީމް ވިދާޅުވީ، ޖުލައި މަހުން ފެށިގެން ރައްކާތެރި ނޫން ގޮތް ގޮތަށް ކުނި އުކާލާ ފަރާތްތައް ހުއްޓުވައި ފިޔަވަޅު އަޅާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އަމިއްލައަށް ކުނި އުކަން ބޭނުންވާނަމަ އެކަމަށް ރެޖިސްޓްރީވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް އެކަމަށް ވެމްކޯގައި ރެޖިސްޓްރީވާން ޖެހޭނެ ކަމަށް ތާރިގު ވިދާޅުވި އެވެ.

"އަމިއްލައަށް އުކާލައްވަން ބޭނުންފުޅުވާ ކަމުގައި ވަނީ ނަމަ އެކަން ފީ އެއް ނެތި އަމިއްލަ ބައިސްކަލުގައި ނުވަތަ ސައިކަލުގައި ގެންގޮސް މިހާރު ވެސް ވޭސްޓް މެނޭޖްމަންޓް އިންނަ އިންޑަސްޓްރިއަލް ވިލެޖުގަ އޮންނަ ވޭސްޓް މެނޭޖްމެންޓް އޭރިއާއަށް އުކާލެވޭނެ. އެކަމަކު އެގޮތަށް އަމިއްލައަށް އުކާލައްވަން ބޭނުންވާނަމަ އެބޭފުޅަކު އަމިއްލައަށް ރެޖިސްޓްރީ ކޮށްލެއްވުމަށްފަހު ވެމްކޯއިން ދެއްވާ ކާޑެއް ނުވަތަ އެ ޕްރޮސެސްއެއްގެ ތެރެއިން ކަންތައްތައް ކުރުމުގެ ފުރުސަތު އޮންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ނޫސްވެރިންނަށް މައުލޫޫމާތު ދެއްވަމުން ޓްރާންސްޕޯޓު އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދު ވިދާޅުވީ، ޖުލައި އެއް ވަނަ ދުވަހުން ފެށިގެން ގަވާއިދާ ޚިލާފަށް ކުނި އުކާ ފަރާތްތައް ހިފަހައްޓައި ފިޔަވަޅު އަޅާނެ ކަމަށާއި، އެކަން ކުރާނީ ޓްރެފިކް ޕޮލިހުން ކަމަށެވެ.

"އެކެއް ޖުލައި އިން ފެށިގެން އަޅުގަނޑުމެން ގަވާއިދު ހިފަހައްޓާނަން. އެ ތަންފީޒު ކުރައްވާނީ ޓްރެފިކް ޕޮލިހުން. އެކެއް ޖުލައިން ފެށިގެން އެ ގޮތަށް ސައިކަލުގަ އާއި އަދި އެހެން އެއްޗެހީގަ ކުނި ގެންދާ ކަމަށްވަންޏާ ޓްރެފިކް ފޮލިހުން ހުއްޓުވާނެ،" މަދުހީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ގަވާއިދުތައް އިއުލާނު ކުރާނެ ކަމަށެވެ.

ވެމްކޯގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖާ މުހައްމަދު އިގްބާލު ވިދާޅުވީ، އެ ކޯޕަރޭޝަނުން ތިިން ހިދުމަތެއް ދޭނެ ކަމަށާއި، އެކި ހިދުމަތްތަކުގެ އަގު ތަފާތުވާނެ ކަމަށެވެ. އެގޮތުުން ޑޯ ސްޓެޕް ސާވިސްގައި އެބޭފުޅެއް އުޅޭ އެޕާޓްމަންޓުގެ ދޮރުމަތިން ކުނި ނަގަައި ދިނުމުގެ ހިދުމަތް ދޭނެ ކަމަށެވެ. އެ ހިދުމަތަށް 150 ރުފިޔާ ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބިލްޑިން ސާވިސްގައި، މުޅި އިމާރާތުގެ ހުރިހާ އެޕާޓްމަންޓަކުން އެ އިމާރާތުގެ ތިރީގައި ހާއްސަކޮށްފައިވާ ތަނަކަށް ގެންދިއުމުން ކުނި އުކާލަ ދޭނެ ކަމަށެވެ. އެ ހިދުމަތަށް ކޮންމެ އެޕާޓްމަންޓަކުން ވެސް ނަގާނީ 100 ރުފިޔާ އެވެ.

އޭގެ އިތުރުން ކޮމާޝަލް ސާވިސްގައި، ސްކޫލުތަކާއި ކޮލެޖުތަކުން ލިޓަރަކަށް ފަސް ރުފިޔާ ނަގާއިރު، އެހެނިހެން ތަންތަނުން ނަގާނީ ލިޓަރަކަށް 10 ރުފިޔާ ކަމށް އިގްބާލު ވިދާޅުވި އެވެ.

comment ކޮމެންޓް