ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ހަ ކުންފުންޏަކަށް ދީފި

އަލް ހަރަމައިންގެ ހައްޖުވެރިން އަރަފާތު ބިމުގައި: ދިވެހި ހުރިހާ ހައްޖުވެރިން ތިބީ އަރަފާތު ބިމުގައި-- ފޮޓޯ/ މުހައްމަދު އަފްސަލް

ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ފަސް ކުންފުންޏަކާއެކު ހައްޖު ކޯޕަރޭޝަނަށް ހައްޖު ކޯޓާ ދިނުމަށް އިސްލާމިކް މިނިސްޓްރީއިން ނިންމައިފި އެވެ.

ހައްޖު ކޯޕަރޭޝަންގެ އިތުރުން ދެން ފުރުސަތު ދޭން ނިންމި ހައްޖު ޖަމާއަތްތަކުގެ ތެރޭގައި ދަރުމަ ލިލްޙައްޖި ވަލްޢުމްރަތި ޕްރައިވެޓް ލިމިޓެޑާއި އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ އާއި ކިސްވާ ޕްރައިވެޓް ލިމިޓެޑު ހިމެނެ އެވެ. އަދި ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕާއި ޒަޢީ ޙައްޖު ގްރޫޕް ވެސް ހުއްދަ ލިބުނު ޖަމާއަތްތަކުގެ ތެރޭގައި ހިމެނެއެވެ.

ހައްޖު ކޯޕަރޭޝަނަށް 500 މީހުންގެ ކޯޓާ ދީފައިވާއިރު ކޮންމެ ޖަމާއަތަކަށް ދީފައިވަނީ 100 މީހުން ގެންދިއުމުގެ ކޯޓާއެވެ.

ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް 2000 މީހުންގެ ޖާގަ ލިބުނެވެ. މިއަހަރުވެސް އެވަރަށް ޖާގަ ލިބޭތޯ އަންނަނީ މަސައްކަތް ކުރަމުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ހައްޖު ކޯޕަރޭޝަން އަށް ދޭއިރު އަނެއްބައި ދިނީ އަމިއްލަ ފަސް ޖަމާއަތަކަށެވެ.

އަމިއްލަ ޖަމާއަތްތަކުން ހައްޖަށް ގެންދިއުމުގައި ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ވުރެ އިތުރަށް ފައިސާ ނެގުމާއި ހައްޖުގެ އިންތިޒާމްތައް ދަށްވުމުގެ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ވަނީ އުސޫލެއް ވެސް އެކުލަވާލައިފަ އެވެ.

comment ކޮމެންޓް