ގުރުއާނުގެ އިލްމު ފަތުރަން ފަސް ރަށަކަށް ސޫދާން މުދައްރިސުން ފޮނުވަން ނިންމައިފި

ސުއުދާންގެ ގުރުއާން ޓީޗަރުން-- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އަތޮޅުތެރޭގައި ހިންގަމުންދާ ކީރިތި ޤުރުއާނާބެހޭ މަރުކަޒުތަކުގައި ޤާރީ ކުލާސްތައް ހިންގުމަށާއި ޢަރަބިބަސް އުނގަންނައި ދިނުމަށް ސޫދާންގެ މުދައްރިސުން ފޮނުވަން ނިންމައިފި އެވެ.

އެ މަސައްކަތުގެ ދަށުން ފުރަތަމަ ބުރުގައި ހަ މުދައްރިސުން ރާއްޖެ ގެނެސްފައިވެ އެވެ. ކުރިއަށް އޮތް ތަނުގައި ވެސް މަރުކަޒުގެ ގޮފިތަކަށް ބޭނުންވާ އިތުރު މުދައްރިސުން ރާއްޖެއިން ބޭރުން ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

ފުރަތަމަ ބުރުގައި ރާއްޖެ ވަޑައިގެންނެވި ސޫދާނުގެ ހަ މުދައްރިސުންގެ ތެރެއިން ފަސް މުދައްރިސަކު ފޮނުއްވާނެ ރަށްތައް ވަނީ ކަނޑައެޅިފައެވެ. އެގޮތުން، ތ. ގުރައިދޫ، ރ. އުގޫފާރު، ލ. ފޮނަދޫ، ގދ. ތިނަދޫ އަދި ގއ. ކޮލަމާފުއްޓަށެވެ.

ރަމަޟާން މަހުގެ ތަރާވީސް ނަމާދު އެ ރަށްތަކުގައި އިމާމުވެ ޚަތިމްކޮށް ކުރައްވާނީ ވެސް އެ ބޭފުޅުންނެވެ.

"ކީރިތި ޤުރުއާނާބެހޭ މަރުކަޒުން އަތޮޅުތެރޭގައި ހިންގަވާ ބައެއް މަރުކަޒުތކަށް ފުރަތަމަ ފަހަރަށް ޢަރަބި އިސްލާމީ ޤައުމެއްގެ މުދައްރިސުން ފޮނުއްވާ ގޮތަށް ހަމަޖެހިގެން ދިޔައިރު، މިއީ، ދިވެހި ސަރުކާރުން ކީރިތި ޤުރުއާން ހިތުދަސްކޮށްދިނުމަށާއި، ހެޔޮކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމަށާއި ޢަރަބިބަސް އުނގަންނައިދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ،" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް