މޮނާކޯއިން 17 އަހަރަށް ފަހު ލީގު ޗެމްޕިއަންކަން ހޯދައިފި

މޮނާކޯގެ ކެޕްޓަން ފަލްކާއޯ، ފްރާންސް ލީގު ތަށި އުފުލާލަނީ: މޮނާކޯއިން ފްރާންސް ލީގު ޗެމްޕިއަންކަން ހޯދާފައިވަނީ 17 އަހަރަށްފަހު --- ފޮޓޯ/ އޭޕީ

ސެއިންޓް އެޓިއެން ބަލިކޮށް، މޮނާކޯ އިން 17 އަހަރަށް ފަހު މޮނާކޯ އިން ފްރާންސް ލީގު ކާމިޔާބުކޮށްފި އެވެ.

މޮނާކޯ އިން ލީގުގެ ޗެމްޕިއަންކަން ހޯދީ، އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ސެއިންޓް އެޓިއެންގެ މައްޗަށް 2-0 ލަނޑުގެ ނަތީޖާއަކުން މޮޅުވެގެންނެވެ. ލީގުގައި ބާކީ އެއް މެޗު ކުޅެން ޖެހޭ އިރު، އެއްވަނާގައި އޮތް މޮނާކޯއާއި ދެވަނާގައި އޮތް ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ)އާ ދެމެދު ހަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

މޮނާކޯގެ ކެޕްޓަން ފަލްކާއޯ، ފްރާންސް ލީގު ތަށި އުފުލާލަނީ: މޮނާކޯއިން ފްރާންސް ލީގު ޗެމްޕިއަންކަން ހޯދާފައިވަނީ 17 އަހަރަށް ފަހު --- ފޮޓޯ/ އޭޕީ

ރޭ ކުޅުނު މެޗުގެ 19 ވަނަ މިނެޓުގައި މޮނާކޯއިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ކެޕްޓަން ރަޑަމެލް ފަލްކާއޯ ދިން ބޯޅައަކުން މޮނާކޯއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ތަރި ކީލިއާން އެމްބާޕޭ އެވެ. އެ ލަނޑަކީ ލީގުގައި އޭނާ ކާމިޔާބުކުރި 15 ވަނަ ލަނޑެވެ.

މެޗުގެ 35 ވަނަ މިނެޓުގައި އެޓިއެންއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޖޯޑަން ވެރެޓޫޓް ނަގައިދިން ހުރަހަކުން ފްލޮރެންޓިން ޕޮގްބޯ ބޮލުން ފޮނުވާލި ހަމަލާ، އަމާޒުވީ މޮނާކޯގެ ގޯލްކީޕަރު ޑެނިއެލް ސުބަސިޗްއާ ދިމާލަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން މޮނާކޯ ކުރީގައި އޮވެގެންނެވެ.

ފްރާންސް ލީގުގައި މޮނާކޯއާއި ސެއިންޓް އެޓިއެން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ހޯދި މޮޅާއެކު 17 އަހަރަށްފަހު މޮނާކޯއިން ވަނީ ލީގު ޗެމްޕިއަންކަން ހޯދާފައި --- ފޮޓޯ/ އޭޕީ

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު މޮނާކޯގެ ކެޕްޓަން ފަލްކާއޯއަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔަ އެވެ. އޭނާ ފޮނުވާލި ފުރަތަމަ ހަމަލާ ގޯލާ އަމާޒުވެފައިނުވާ އިރު، އޭނާ ފޮނުވާލި ދެވަނަ ހަމަލާގެ ހުރަހަކަށްވީ އެޓިއެންގެ ގޯލްކީޕަރު ސްޓެފާން ރުފްލާ އެވެ.

މެޗުގައި މޮނާކޯ އިން ޖެހި ދެ ވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓްގެ ތެރޭގަ އެވެ. ތޯމަސް ލެމާ ދިން ބޯޅައަކުން މޮނާކޯއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ފްރާންސް ފޯވަޑް ވެލެރޭ ޖާމައިން އެވެ.

comment ކޮމެންޓް