މަންމަގެ ރޯލުތަކުން ލޯބި ހޯދި ރީމާ ލަގޫ މަރުވެއްޖެ

ބޮލީވުޑް ފިލްމުތަކާއި ޓިވީ ޑްރާމާތަކުގައި މަންމަގެ ރޯލު ތަކުން ބެލުންތެރިންގެ ލޯބި ހޯދި އެކްޓަރު ރީމާ ލަގޫ މަރުވެއްޖެ އެވެ.

ރީމާގެ އާއިލާ އާއި ހަވާލާދީ ޚަބަރުތައް ބުނާގޮތުން، ރީމާ މަރުވެފައި ވަނީ ހިތް ހުއްޓިގެންނެވެ. ރީމާ މަރުވެފައި މޭގައި ރިއްސާތީ ރޭ ދަންވަރު މުމްބާއީގެ ކޮކީލާބެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިއަދު ފަތިހުގެ ވަގުތެއްގަ އެވެ.

"މޭގައި ރިއްސާތީ ދަންވަރު އެކެއް ޖެހި އިރު ހޮސްޕިޓަލަށް ގެންދިޔައީ. މަރުވީ ތިނެއް ޖަހާ އެހާ އިރު،" ރީމާގެ ދަނބިދަރިފުޅު ބުނެފައިވެ އެވެ.

އޭނާ ބުނީ ރީމާ އަކީ ވަރަށް ސިއްހަތު ރަނގަޅުކޮށް ހުރި މީހެއް ކަމަށާއި، މީގެ ކުރިން އެކަހަލަ އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށެވެ.

"މިއީ އެންމެނަށް ވެސް ލިބިގެން ދިޔަ ވަރަށް ބޮޑު ޝޮކެއް،" އޭނާ ބުންޏެވެ.

ހޮސްޕިޓަލުން ބުނީ އާއިލާ އާ ވާހަކަ ދެއްކުމަށް ފަހު، ރީމާގެ މަރުގެ ރިޕޯޓު މީޑިއާ އާއި ހިއްސާ ކުރާނެ ކަމަށެވެ.

ރީމާ މަރުވި އިރު އުމުރަކީ 59 އަހަރެވެ.

ރީމާ އަކީ ފިލްމުތަކުގައި ވެސް އަދި ޑްރާމާ ތަކުގައި ވެސް މަންމަގެ ރޯލުތަކުން ފެނިފައިވާ ފަންނާނެކެވެ. ރީމާގެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި 'ހަމް އާޕްކޭ ހޭ ކޯން'، 'ހަމް ސާތު ސާތު ހޭ'، 'މޭނޭ ޕިޔާރް ކިޔާ'، އަދި 'ކަލް ހޯ ނަ ހޯ' ފަދަ ފިލްމުތައް ހިމެނެ އެވެ.

ރީމާ ވަނީ ޝާހްރުކް ޚާން، ސަލްމާން ޚާން، އަކްޝޭ ކުމާރު، ސްރީދޭވީ، މާދުރީ ޑިކްޝިޓް ފަދަ ތަރިންނާ އެކު މަސައްކަތް ކޮށްފަ އެވެ.

ރީމާގެ ފާހަގަ ކޮށްލެވޭ ޑްރާމާ ތަކުގެ ތެރޭގައި 'ތޫ ތޫ މޭ މޭ' އަދި 'ޝްރިމާން ޝްރިމަތީ' ހިމެނެ އެވެ. ރީމާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ސްޓާ ޕްލަސް އިން ގެނެސްދޭ ސީރީޒް 'ނާމްކަރަން' އިންނެވެ.

ރީމާ ވަނީ އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ ފިލްމުފެއާ އެވޯޑު ހަތަރު ފަހަރު ހޯދައިފަ އެވެ.

comment ކޮމެންޓް