އެމެރިކާގެ އިންތިހާބަށް ރަޝިޔާ ނުފޫޒު ފޯރުވި މައްސަލަ ބަލަން މުސްތަގިއްލު މުހައްގިގެއް

ވޮޝިންޓަން (މޭ 18) : އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިޔާ ނުފޫޒު ފޯރުވި ކަމަށް ބެލެވޭ މައްސަލަ ތަހްގީގް ކުރުމަށް ޓަކައި މުސްތަގިއްލު މުހައްގިގެއް ކަނޑައަޅައިފިކަން އެމެރިކާގެ ޖަސްޓިސް މިނިސްޓްރީން ހާމަކޮށްފި އެވެ.

އެމިނިސްޓްރީން ބުނި ގޮތުގައި މިކަމަށް ކަނޑައެޅި މުހައްގިގަކީ އެފްބީއައިގެ ކުރީގެ ވެރިޔާ ރޮބަޓް މޯލާ އެވެ. މޯލަރަކީ އޭނާގެ މަސައްކަތްތައް މުސްތަގިއްލު ގޮތެއްގައި ވަކި ފަރާތަކަށް ނުޖެހި ކުރައްވާ ބޭފުޅެއްކަމަށް މަޝްހޫރު ބޭފުޅެވެ. މޯލާ މި މައްސަލަ ތަހްގީގްކުރާ މުހައްގިގަކަށް ހަމަޖައްސާފައި މިވަނީ މިމައްސަލައިގެ ތަހްގީގަށް ހުރަސްއަޅުއްވާ ކަމުގެ ތުހުމަތު ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ކުރެވޭ ދަނޑިވަޅެއްގަ އެވެ.

ޓްރަމްޕް ވަނީ އެފްބީއައިގެ ވެރިޔަކަށް އެންމެފަހުން ހުންނެވި ޖޭމްސް ކޮމީ އެމައްސަލަ ތަހްގީގް ކުރައްވަމުން ގެންދަވަނިކޮށް ކުއްލި ގޮތަކަށް މަގާމުން ދުރުކޮށްފަ އެވެ. އަނެއްކޮޅުން ޓްރަމްޕްގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރުކަމުގެ މަގާމުގައި ހުންނެވި މައިކަލް ފްލިން، ހުއްދަނޫން ޑިޕްލޮމެޓިކް ގުޅުންތަކެއް ރަޝިޔާގެ ސަފީރާ އެކު ބޭއްވި މައްސަލަ އެފްބީއައި އިން ބަލަމުން ގެންދަނިކޮށް އެމައްސަލަ ބެލުން ހުއްޓުވުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުވެސް ވަނީ ޓްރަމްޕްގެ މައްޗަށް ކުރެވިފަ އެވެ.

މިމައްސަލަތަކުގައި ޓްރަމްޕް އޭނާގެ އަމިއްލަ ގައުމުގައި ހޫނުފެނަށް ވެއްޓިފައިވާ އިރު އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިޔާ ނުފޫޒު ފޯރުވިކަމަށް ބެލެވޭ މައްސަލަ ތަހްގީގް ކުރުމަށްޓަކައި މުސްތަގިއްލު މުހައްގިގެއް އެކަށައެޅުމަށް އެމެރިކާގެ ޖަސްޓިސް މިނިސްޓްރީން ނިންމި ނިންމުމަކީ ޓްރަމްޕްގެ ދިފާއުގައި ނިންމި ނިންމުމެއްކަމަށް އެމެރިކާގެ މީޑިޔާއިން ގެންދަނީ ސިފަކުރަމުންނެވެ. (އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް