ޓުވިޓާގައި ސަލްމާންގެ ކެރެކްޓާ އިމޯޖީއެއް!

ސުޕަސްޓާ ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު 'ޓިއުބްލައިޓް'ގެ ޕްރޮމޯޝަނަށް ޚާއްސަ ކޮށްގެން ސަލްމާންގެ ކެރެކްޓާ އިމޯޖީ އެއް ޓުވިޓާ އިން ހަދައިފި އެވެ.

މިއީ ބޮލީވުޑް އެކްޓަރަކަށް ކެރެކްޓާ އިމޯޖީ އެއް ހެދި ފުރަތަމަ ފަހަރެވެ.

ޓުވީޓް ކުރާ އިރު #Tubelight ބޭނުން ކުރާ ނަމަ، ސަލްމާންގެ ކެރެކްޓާ އިމޯޖީ ފެނިގެން ދާނެ އެވެ. އެ އިމޯޖީގައި ސަލްމާން ފެންނަނީ ފިލްމުގައި އޭނާ އަދާކުރާ ރޯލާއި އެއްގޮތަށެވެ.

ފިލްމުގެ ޑައިރެކްޓަރު ކަބީރު ޚާން ވަނީ ޓުވިޓާ މެދުވެރިކޮށް އެކަން ހާމަކޮށްފަ އެވެ.

މީގެ ކުރިން އަދިއްތުޔަ ޗޯޕްރާގެ ފިލްމު 'ބޭފިކްރޭ' އަށް ޚާއްސަ އިމޯޖީ އެއް ވެސް ވަނީ ބޭނުންކޮށްފަ އެވެ. އެއީ ޕެރިސްގެ ޓަވަރެވެ.

'ޓިއުބްލައިޓް' އަކީ 1962 ވަނަ އަހަރު އިންޑިއާ އާއި ޗައިނާ އާދެމެދު ކުރެވުނު ހަނގުރާމައިގެ މައްޗަށް ބިނާކޮށް، އުފައްދާފައިވާ ފިލްމެކެވެ. ފިލްމަކީ 2015 ވަނަ އަހަރު ރިލީޒް ކުރި ހޮލީވުޑް ފިލްމު 'ލިޓްލް ބޯއީ'ގެ އެޑަޕްޓޭޝަން އެކެވެ.

އަންނަ ޖޫން މަހުގެ 23 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ 'ޓިއުބްލައިޓް' އަކީ މި އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމެވެ.

މިއީ ކަބީރު ޚާން އަދި ސަލްމާން އެކުގައި މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ. ފިލްމުގައި ސަލްމާންއާ އެކު ފެނިގެން ދާނީ ޗައިނާގެ އެކްޓްރެސް އެއް ކަމަށްވާ ޒޫ ޒޫ އެވެ.

comment ކޮމެންޓް