ރައީސް، އައްޑޫގެ ހާލަތު ބައްލަވައިފި

އައްޑޫގެ ހިތަދޫއަށް މިރޭ އެރި ނަގޫރޯޅީގައި ގެއަކަށް ގެއްލުން ލިބިފައި --- ފޮޓޯ/ އައްޑޫ އޮންލައިން

މިރޭ އައްޑޫ ސިޓީގެ ހިތަދުއަށް ނަގޫރޯޅިއެއް އަރައި، ލިބުނު ގެއްލުންތަކާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.

އައްޑޫގެ ހިތަދުއަށް މިރޭ އެރި ނަގޫރޯޅިއެއްގައި، ހިތަދޫ މެދުގެ 12 ވަރަކަށް ގެޔަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހިތަދުއަށް ނަގޫރޯޅިއެއް އަރައި ލިބުނު ގެއްލުންތަކުގެ ޚަބަރު ރައީސް އެއްސެވީ ނުހަނު ހިތާމައާ އެކުގައި ކަމަށާއި، އެ ހާދިސާގެ މައުލޫމާތު ރައީސް ގެންދަވަނީ ނުހަނު ގާތުން ބައްލަވަމުން ކަމަށެވެ.

އަދި ނަގޫރޯޅިއާ ގުޅިގެން ރައީސް ވަނީ އައްޑޫގެ ހާލަތު އޮޅުންފިލުއްވާފައި ކަމަށްވެސް މުއާޒް ވިދާޅުވިއެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓު މިނިސްޓަރު މުހައްމަދު މުޖުތާޒް ގުޅުއްވައި، ހިތަދޫގެ ހާލަތު އޮޅުންފިލުއްވި ކަމަށެވެ.

ސޯބެ ވިދާޅުވީ ގެއްލުން ލިބުނު ގެތަކުގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމަށް އައްޑޫ ސިޓީ ކައުންސިލުގެ އިތުރުން އެމްއެންޑީއެފް، ފުލުހުން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރު އަދި ހައުސިންގް މިނިސްޓްރީން ގުޅިގެން ގެންދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

comment ކޮމެންޓް