މަތީ ތައުލީމުގެ ލޯން ސްކީމުގެ ދަށުން 438 ދަރިވަރަކަށް ލޯން ލިބުނުކަމުގެ ލިޔުން ދީފި

ރާއްޖޭގައި މާސްތާސް ހެދުމަށް ލޯނުއެހީ ލިބުނު ދަރިވަރަކަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ލޯން ލިބުނު ކަމުގެ ލިޔުން ހަވާލު ކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލީ ދަތިކަމާ ހެދި މަތީ ތައުލީމް ހާސިލު ކުރަން ނުދެވިފައި ތިބި ދަރިވަރުންނަށް ސަރުކާރުން ދެމުންދާ މަތީ ތައުލީމުގެ ލޯން ސްކީމުގެ ދަށުން 438 ދަރިވަރަކަށް ލޯން ލިބުނު ކަމުގެ ލިޔުން ހަވާލު ކޮށްފިއެވެ.

ޣިޔާޒުއްދީން ސްކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ލޯން ލިބުނު ކަމުގެ ލިޔުން ހަވާލުކުރި ދަރިވަރުންނަކީ ރާއްޖެއާއި ރާއްޖޭން ބޭރުން ކިޔެވުމަށް އޮކްޓޯބަރު މަހުގެ ތެރޭގައި ހުޅުވާލި 900 ފުރުސަތަށް އެދި ހުށަހެޅި 542 ދަރިވަރުންގެ ތެރެއިން ހޮވުނު ދަރިވަރުންނެވެ.

އޭގެ ތެރޭގައި ހިމެނެނީ ހުރިހާ ހަރަދެއް ހިމެނޭގޮތަށް ޑިޕްލޮމާއިން ފެށިގެން މާސްޓާސް ފެންވަރަށް ކިޔެވުމުގެ ފުރުސަތު ތަކެވެ.

އެމްބީބީއެސް ހެދުމަށް ލޯން އެހީ ލިބުނު ދަރިވަރަކަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ލޯން ލިބުނު ކަމުގެ ލިޔުން ހަވާލު ކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ދަރިވަރުންގެ ތެރޭގައި ރާއްޖޭގައި ހުރެގެން ޑިޕްލޮމާ ފެންވަރަށް ކިޔެވުމަށް 21 ފުރުސަތަކާއި ރާއްޖޭން ބޭރުގައި ޑިޕްލޮމާއަށް ކިޔެވުމުގެ 44 ފުރުސަތެއް ދީފައިވާއިރު، އެންމެ ގިނައިން ލޯން ދީފައިވަނީ ޑިގްރީއަށް ކިޔެވުމަށެވެ.

އެގޮތުން ރާއްޖޭގައި ހުރެގެން ޑިގްރީ ފުރިހަމަކުރުމަށް 104 ފުރުސަތަކާއި ރާއްޖޭން ބޭރުގައި ޑިގްރީ ފުރިހަމަކުރުމަށް 139 ދަރިވަރަކަށް ވަނީ ފުރުސަތު ދީފައެވެ. އަދި ޑިގްރީ އިން އެމްއެމްބީއެސް ހެދުމަށް 30 ދަރިވަރަކަށް މިރޭގެ ރަސްމިއްޔާތުގައި ވަނީ ލިޔުން ހަވާލުކޮށްފައެވެ.

މިރޭގެ ރަސްމިއްޔާތުގައި މާސްޓާސް ފެންވަރަށް ކިޔެވުމަށް ޖުމްލަ 89 ލޯން ފުރުސަތެއް ވެސް ވަނީ ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކިޔެވުމަށް ދިން 25 ފުރުސަތަކާއި ރާއްޖޭން ބޭރުގައި 64 ފުރުސަތެކެވެ.

ސަރުކާރުގެ މަތީ ތައުލީމުގެ ލޯންއެހީގެ ލިޔުން ހަވާލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ އިތުރުން، ރާއްޖޭގައި ޕައިލްޓް ކަން ކިޔެވުމަށް ހުރިހާ ހަރަދެއް ދޭގޮތަށް 30 ދަރިވަރަކަށް ލޯން ލިޔުނު ކަމުގެ ލިޔުން މިރޭ ހަވާލު ކޮށްފައިވެއެވެ.

މަތީ ތައުލީމް ކަށަވަރުކޮށްދިނުމަށްޓަކާ 2014 ވަނަ އަހަރުން ފެށިގެން ސަރުކާރުން ދެމުން އަންނަ ލޯން ސްކީމުގެ ދަށުން މިހާތަނަށް ނުވަ ފަހަރެއްގެ މަތިން 4300 އަށްވުރެ ގިނަ ދަރިވަރުންނަށް ލޯންގެ ފުރުސަތު ވަނީ ދީފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ލޯން ސްކީމްގެ ދަށުން މަތީ ތައުލީމްގެ ހާސިލްކުރުމަށް ދިން ފުރުސަތުތަކުގެ ތެރޭގައި 380 ނަރުހުންނާއި 330 ޓީޗަރުންނާއި 125 ޑޮކްޓަރުންނާއި 178 އެކައުންޓެންޓުންނާއި 72 އިންޖިނޭރުންނާއި 30 ޕައިލެޓުންނާއި އަދި މިނޫން ވެސް މުހިއްމު ދާއިރާތަކުން ފުރުސަތު ދެވިފައިވާތީ އެއީ އުފާ ކުރައްވާ ކަމެއް ކަމަށެވެ.

އެމްބީބީއެސް ހެދުމަށް ލޯން އެހީ ލިބުނު ދަރިވަރަކަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ލޯން ލިބުނު ކަމުގެ ލިޔުން ހަވާލު ކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދި ދެވޭ ތައުލީމުގެ ފުރުސަތުތައް ރަނގަޅުގޮތުގައި ބޭނުންހިފައި ދަރިވަރުން ގައުމު ބިނާކޮސް އާރާސްތު ކުރުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވާތަން ފެނުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މިފަހަރުގެ ލޯން ސްކީމްގެ ދަށުން އަލަށް ވޮކޭޝަނަލް ދާއިރާއިން ޑިޕްލޮމާ ކޯސްތަކަކަށް ރާއްޖޭން ބޭރުން ފުރުސަތު ހުޅުވާލެވި ލޯން އެވޯޑް ކުރެވިފައިވާ ކަމަށެވެ.

އެ ދަރިވަރުން ކިޔަވާ ދާއިރާތަކުގެ ތެރޭގައި އެއާކްރާފްޓް މެއިންޓެނެސް އިންޖީނިއަރިން، ފުޑް ސައިންސް، ކޮންޓިޓީ ސާވޭ، އިންޓީރިއާ ޑިޒައިން، މެރިން ސައިންސް އަދި ކަލިނަރީ އާޓްސް ފަދަ ދާއިރާތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ މަތީ ތައުލީމުގެ ލޯންއެހީގެ ލިޔުން ހަވާލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭގެ އިތުރުން، ވަރަށް ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ އެދުމުގެ މަތިން މިފަހަރުގެ ލޯން ސްކީމްގައި ކުރިން ސާކް ގައުމުތަކަށް އެކަނި ދެމުންދިޔަ ފުރުސަތުގެ ތެރެއަށް އިތުރު ގައުމުތައް ހިމަނާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރުކުރި ގައުމުތަކުގެ ތެރޭގައި ދަރިވަރުން ކިޔަވަން އެންމެ ގިނައިން އެދެމުންދާ ގައުމުކަމަށްވާ މެލޭޝިއާ އާއި ތައިލެންޑް، ފިލިޕިންސް އަދި ޗައިނާ ހިމެނެއެވެ.

ސަރުކާރުގެ މަތީ ތައުލީމުގެ ލޯންއެހީގެ ލިޔުން ހަވާލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

comment ކޮމެންޓް