ބެންގަލޫރު އެފްސީ، މޯހަން ބަގާން އަތް ދަށުވެ މާޒިޔާއަށް ދެވަނަ ބުރުގެ ފުރުޞަތު ބޮޑުވެއްޖެ

ފެޑެރޭޝަން ކަޕް 2017ގައި މޯހަމް ބަގާންއާ ބެންގަލޫރު އެފްސީ ބައްދަލުކުރި މެޗުގެ ތެރޭން -- ފޮޓޯ: ގޯލް

އޭއެފްސީ ކަޕްގައި އިންޑިޔާގެ ގަދަ ދެބާރު، މޯހަން ބަގާންއާ ބެންގަލޫރު އެފްސީ ބައްދަލު ކުރި މެޗުން މޯހަން ބަގާން ކުރި ހޯދައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ގުރޫޕްގެ އެއްވަނައިގެ ގޮތުގައި ދެވަނަ ބުރަށް ދިޔުމުގެ މަގު ތަނަވަސް ވެއްޖެއެވެ.

މޯހަން ބަގާން ބެންގަލޫރް އެފްސީ އަތުން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

އެ ނަތީޖާއާއެކު މާޒިޔާ ގުރޫޕްގެ އެއްވަނާގައި އޮތް އިރު އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް ބަލިވެ ބެންގަލޫރަށް ވަނީ ތާވަލްގެ ދެވަނަ ލިބިފައެވެ. އަދި މެޗުން މޮޅުވި މޯހަން ބަގާން އޮތީ ތިންވަނައިގައެވެ. މިއަދު މާޒިޔާ އަތުން ބަލިވި ޑާކާ އަބަހާނީ އޮތީ ތާވަލްގެ ހަތަރުވަނަ މަގާމްގައެވެ.

ބެންގަލޫރު ދެ މެޗުން ބަލިވެ މާޒިޔާއާ ދެމެދު 3 ޕޮއިންޓުގެ ފަރަގެއް އޮތްއިރު ދެން މި ދެޓީމް ކުޅޭ މެޗުން މާޒިޔާ މޮޅުވެއްޖެނަމަ ނުވަތަ އެއްވަރު ވިޔަސް ދެވަނަ ބުރަށްދާނީ މާޒިޔާއެވެ. ނަމަވެސް ބަލިވެއްޖެ ނަމަ ބެންގަލޫރު އަތުން ކުރިން އެ މުބާރާތުގައި މާޒިޔާ ބަލިވެފައިވާތީ ދެވަނަ ބުރަށް ދާނީ ބެންގަލޫރެވެ.

މޯހަން ބަގާންގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ޖޭޖޭ، ލެވިސް އަދި ސިންހުއެވެ. ބެންގަލޫރުގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ ޑޯންޖެލެވެ.

comment ކޮމެންޓް