ޑެންގީ ޓާސްކް ފޯހުގެ މަސައްކަތްތައް މާދަމާ ނިންމާލަނީ

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުން ދިޔަ ޑެންގޫ ހުން މިހާރު "ކޮންޓްރޯލު ކުރެވިއްޖެ" ކަމަށް ބުނެ، މާދަމާ ހެނދުނުން ފެށިގެން ޓާސްކް ފޯހުގެ މަސައްކަތްތައް ހުއްޓާލުމަށް ނިންމައިފި އެވެ.

ޑެންގީ ޓާސްކް ފޯހުގެ ފަރާތުން މައުލޫމާތު ދެއްވި ރައީސްގެ އިންފްރާސްޓްރަކްޗަރު ޑިވެލޮޕްމަންޓް އެންވޯއީ ސަރަނގު އާދަމް މަނިކު މިއަދު ވިދާޅުވީ، މިހާރު މާލެ އާއި އަތޮޅުތަކުގައި މަދިރި ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައި ކަމަށާއި މަދިރި އާލާވާ ތަންތަން ވެސް މިހާރު ވަނީ ނައްތާލެވިފަ ކަމަށެވެ. ޑެންގޫ މިހާ އަވަހަށް ކޮންޓްރޯލް ކުރެވުނީ ރަށު ކައުންސިލް ތަކާއި އަތޮޅު ކައުންސިލްތަކުން "މިއީ ސިޔާސީ ކަމެއްގެ ގޮތުގައި ނުދެކި" އެކި ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ ވަރަށް ބޮޑު އެހީ ތެރިކަމަކާއި އެއްބާރުލުން ލިބިގެން ކަމަށް ވެސް މާލޭގެ މޭޔަރުކަމުން ދާދި ފަހުން އިސްތިއުފާދެއްވި އާދަމް މަނިކު ވިދާޅުވި އެވެ.

އަދި ރާއްޖޭގައި ޑެންގޫ ޖެހިގެން ކުރިން ދުވާލަކު 35 ކޭސް ރިޕޯޓް ކުރިނަމަވެސް މިހާރު ވަނީ ދިހަ ކޭހަށް ތިރިވެފައި ކަމަށާއި، އެ ބައްޔަށް މިވަގުތު ފަރުވާ ހޯދަމުންދަނީ 58 މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ޓާސް ފޯހުގައި ހިމެނިވަޑައިގަންނަވައި އެޑިޔުކޭޝަން މިނިސްޓަރުގެ ނައިބު ޑރ. އަބްދުﷲ ނަޒީރު މިއަދު ވިދާޅުވީ ޓާސްކް ފޯހުގެ މަސައްކަތް މާދަމާ ނިންމާލި ކަމުގަ ވިޔަސް ހެލްތް މިނިސްޓްރީ އަށް ބޭނުންވާ އެހީތެރިކަން ޓާސްކް ފޯސްގައި ހިމެނޭ މުއައްސަސާތަކުން ދޭނެކަމަށާއި، ނަމަވެސް އެމަސައްކަތް ތައް ކުރިއަށް ގެންދާނީ ގައުމީ އީދާރާ ތަކާއި ކައުންސިލްތައް މެދުވެރިކޮށް ކަމަށެވެ.

ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި މިހާތަނަށް ޑެންގީ ބަލި ރާއްޖޭގައި އެންމެ ބޮޑަށް ފެތުރިފައިވަނީ 2006 ވަނަ އަހަރެވެ. އެ އަހަރު ނިމުނުއިރު، އެ ބަލި ޖެހިގެން 10 މީހުން ވަނީ މަރުވެ، 2788 މީހުން ފަރުވާހޯދާފައިވެ އެވެ. ނަމަވެސް، އެފަހުން އެންމެ ހަލުއި މިނެއްގައި ޑެންގީ ފެތުރިފައި މިވަނީ މިއަހަރެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސްވުދަހުގެ ތެރޭ އެކަނިވެސް 1900 ކޭސް ރިޕޯޓްކުރެވިފައިވާއިރު، ހަތް ކުޑަކުދިންނާއި ދެމީހަކު ވަނީ މަރުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު