އަބަހާނީ ބަލިކޮށް، މާޒިޔާއިން ދެވަނަ ބުރުގެ އުންމީދު ބޮޑުކޮށްފި

އަބަހާނީ ކޮޅަށް ލަނޑުޖެހުމަށްފަހު މާޒިޔާގެ އުމައިރު އުފާފާޅުކުރަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގައި ބަނގްލަދޭޝްގެ ދާކާ އަބަހާނީ ބަލިކޮށް، ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ދެވަނަ ބުރުގެ އުންމީދު ބޮޑުކޮށްފިއެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އަބަހާނީގެ މައްޗަށް މާޒިޔާއިން ކުރި ހޯދީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ. މިއަހަރުގެ އޭއެފްސީ ކަޕްގެ 'ގްރޫޕް އީ'ގައި މާޒިޔާއާއި އަބަހާނީ ބައްދަލުކުރި ފުރަތަމަ މެޗުގައި ވެސް މާޒިޔާއިން ކުރި ހޯދީ އެ ނަތީޖާއިންނެވެ.

އޭއެފްސީ ކަޕްގެ 'ގްރޫޕް އީ'ގައި މާޒިޔާއާއި އަބަހާނީ ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

'ގްރޫޕް އީ'ގައި ކުޅުނު ހަތަރު މެޗުން ހޯދި 12 ޕޮއިންޓާއެކު މިވަގުތު ގްރޫޕްގެ އެއްވަނައިގައި އޮތީ މާޒިޔާއެވެ. ދެވަނާގައި އޮތް އިންޑިއާގެ ބެންގަލޫރު އެފްސީއަށް ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނާގައި އޮތް އިންޑިއާގެ މޯހަން ބަގާން އަދި ފުލުގައި އޮތް އަބަހާނީއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މޯހަން ބަގާންއާއި ބެންގަލޫރު ކުޅޭ މެޗު މިއަދު ކުރިއަށްދާނެއެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގައި އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލީ މާޒިޔާގެ އެލެކްސެންޑާ ރަކިޗްއެވެ. މެޗުގެ 24 ވަނަ މިނެޓުގައި ރަކިޗް ފޮނުވާލި ހިލޭ ޖެހުން އަބަހާނީގެ ކީޕަރު ސަހިދުލް އަމަން ވަނީ މަތަކޮށްފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

އޭއެފްސީ ކަޕްގެ 'ގްރޫޕް އީ'ގައި މާޒިޔާއާއި އަބަހާނީ ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އަބަހާނީގެ ފަރާތުން ނުރައްކާތެރި ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން އަބަހާނީއަށް ލިބުނު ކޯނަރުތަކުން އެޓީމުގެ ޔީސިން ޚާނާއި އެމެކާ އޮނުއޮހާ ވަނީ ނުރައްކާކޮށްފައެވެ. ނަމަވެސް އަބަހާނީގެ އެ ހަމަލާތައް މާޒިޔާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 59 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. މާޒިޔާއަށް ލިބުނު ހިލޭ ޖެހުމަކުން މާޒިޔާއަށް ލީޑު ހޯދައިދިނީ މުހައްމަދު އުމައިރެވެ އޭނާ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ އަބަހާނީ ގޯލުގެ ތިރީ ކަނަށެވެ.

އަބަހާނީ ކޮޅަށް ލަނޑުޖެހުމަށްފަހު މާޒިޔާގެ އުމައިރު(ކ) އުފާފާޅުކުރަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ 83 ވަނަ މިނެޓުގައި މާޒިޔާއަށް ލީޑު ފުޅާކޮށްލުމަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. އަބަހާނީގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ، ރަކިޗް ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، ރީބައުންސް ބޯޅައިން ހުސައިން ނިޔާޒް (ބޮކުރީ) ފޮނުވާލީ ހަމަލާ، ކީޕަރު ސަހުދުލް އަލަމް ވަނީ މަތަކޮށްފައެވެ.

މެޗުގައި މާޒިޔާއިން ދެވަނަ ލަނޑެއްޖަހައި ލީޑު ފުޅާކުރީ މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށެވެ. މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވަޑް އެލެކްސެންޑާ ރަކިޗެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބޮކުރީ ފޮނުވާލި ހަމަލާއެއް ކީޕަރު ސަހިދުލް އަލަމް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިންނެވެ.

comment ކޮމެންޓް