ސަންއިން އަލްހާފިޒް ނަބީހުގެ އަޑުން މުޅި ގުރުއާން ރެކޯޑް ކުރަނީ

ސަންގެ ސީއޯއޯ މިންހާ އާއި ނަބީހް އަދި އޭނާގެ މަންމަ: ސަންއިން ވަނީ ނަބީހުގެ އަޑުން މުޅި ގުރުއާން ރެކޯޑްކުރަން ނިންމާފަ-- ސަން ފޮޓޯ: އިހްތިޝާމް

ތިން މަސް ތެރޭގައި ކީރިތި ގުރުއާން ހިތުދަސްކުރި އުމުރުން 14 އަހަރުގެ އަހުމަދު ނަބީހުގެ އަޑުން މުޅި ކީރިތި ގުރުއާން ވީޑިއޯ ރެކޯޑިން ހެދުމަށް ސަން މީޑިއާއިން ނިންމައިފިއެވެ.

ނަބީހުގެ އާއިލާގެ ފަރާތުގެ އެ ރައިޓްސް ސަން މީޑިއާއަށް ދިނުމަށް ނިންމައި އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައެވެ. ނަބީހުގެ ފަރާތުން އޭނާގެ މަންމަ އައިމިނަތު މުހައްމަދު ސޮއިކުރިއިރު ސަންގެ ފަރާތުން ސޮއިކުރީ ސަން މީޑިއާ ގްރޫޕުގެ ސީއޯއޯ މިންހާ ފާއިޒްއެވެ.

ނަބީހުގެ މަންމަ ބުނީ، ނަބީހް ހާފިޒަކަށް ހެދުމަށްފަހު އޭނާ ދެކޭ އެންމެ ބޮޑު ހުވަފެނަކީ ނަބީހުގެ އަޑުން މުޅި ކީރިތި ގުރުއާން ރެކޯޑުކުރުން ކަމަށާއި އެފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ސަންއިން ގުޅައި އެފުރުސަތު ދިނުމުން ﷲއަށް ހަމްދު ކުރެވުނު، މިއީ އަޅުގަނޑު ދުޢާކޮށްކޮށް ހުރި ކަމެއް ހަގީގަތަކަށްވުން،" ނަބީހުގެ މަންމަ ބުންޏެވެ.

ސަންގެ ސީއޯއޯ މިންހާ ވިދާޅުވީ ނަބީހު ފަދަ ކުދިންގެ މަސައްކަތް މީޑިއާއިން ބަލައިގަންނަން ޖެހޭކަމަށް ސަންއިން ގަބޫލް ކުރާ ކަމަށާއި މުޅި ގުރުއާން ރެކޯޑް ކުރުމަށް ނަބީހުގެ އާއިލާއިން ކުރާ މަސައްކަތައް ޝުކުރު އަދާކުރާ ކަމަށެވެ.

ނަބީހް އޭނާގެ ބައްޕައާއި މަންމައާއެކު ---- ސަން ފޮޓޯ: އިހްތިޝާމް

ނަބީހުގެ އަޑުން ކީރިތި ގުރުއާން ކުރިއަށް އޮތް ރޯދަމަހާއި އަހަރުގެ އެހެން ދުވަސްތަކުގައި ސަން މީޑިއާގެ ސަންއެފްއެމްއާއި ސަންޓީވީއިން ގެނެސްދޭނެ ކަމަށް މިންހާ ވިދާޅުވިއެވެ.

ނަބީހުއަކީ އޯޓިޒަމް ހުރުމުގެ ސަބަބުން އަމިއްލަ މީހުން ހިންގާ ގުރުއާން ކުލާސްތަކުން ފުރުސަތު ނުދީ ބޭރުކޮށްލި ކުއްޖެކެވެ. އޭނާ ތިން މަސް ތެރޭގައި ގުރުއާން ހިތުދަސްކުރީ ހެޔޮއެދޭ ފަރާތެއްގެ އެހީގައި ގެއަށް ޓީޗަރަކު ގެނެސްގެންނެވެ.

comment ކޮމެންޓް