ތާލިބާނުންގެ އަތްދަށުގައި އުޅޭ އަންހެން ކުއްޖެއްގެ މައްޗަށް އެންޖެލީނާ ހެދި ފިލްމުން މުހިއްމު މެސެޖެއް

އެނިމޭޓެޑް ފިލްމު، "ދަ ބްރެޑްވިނާ"ގެ ޓްރެއިލާގެ މަންޒަރެއް ---

ފިލްމު ކުޅުމާއި ފިލްމު އުފެއްދުމުގެ އިތުރުން އެންޖެލީނާ ޖޯލީ ފާހަގަވެފައިވަނީ ތައުލީމާއި އަންހެނުންނާއި ރެފިއުޖީންގެ ހައްގުތަކަށް މަސައްކަތްކުރާ މިސާލެއްގެ ގޮތުގައެވެ. އަދި އޭނާއަކީ ޔުނައިޓެޑް ނޭޝަންސް ހައި ކޮމިޝަނަރު ފޯ ރެފިއުޖީސް (ޔޫއެންއެޗްސީއާރު) އިން ރެފިއުޖީންގެ ފަރާތުން ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ ސަފީރެވެ.

އެމެރިކާގެ މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި އެންމެ ނުފޫޒުގަދަ އަދި އެންމެ ބާރުގަދަ އަންހެނުންގެ ތެރޭގައި ހިމެނޭ އެންޖެލީނާ މިވަނީ އޭނާގެ އެއްބާރުލުން، އެނިމޭޓެޑް ފިލްމަކުން ދައްކުވައިދީ، މުހިއްމު މެސެޖެއް އާއްމުންނަށް ފޯރުކޮށްދީފައެވެ.

އެންޖެލީނާ އެގްޒެކެޓިވް ޕްރޮޑިއުސްކޮށް "ދަ ބްރެޑްވިނާ" އަކީ ތާލިބާނުންގެ އަތްދަށުގައި އުޅޭ ކުޑަ އަންހެން ކުއްޖަކު އޭނާގެ އާއިލާ ސަލާމަތްކުރުމަށް ކުރާ މަސައްކަތް ދައްކުވައިދޭ އެނިމޭޓެޑް ފިލްމެކެވެ.

"މިހާ މުހިއްމު ވަގުތެއްގައި އެހާ މުހިއްމު މައުޟޫއެއްގެ މައްޗަށް މިކަހަލަ ރީތި ފިލްމެއް ހެދުމުގައި ބައިވެރިވުމަކީ ލިބުނު ފަހުރެއް،" ފިލްމާ ގުޅޭގޮތުން ޖޯލީ ބުންޏެވެ.

"ދުނިޔޭގެ އެތައް މިލިއަން ކުދިންނެއް އެމީހުންގެ އާއިލާތަކަށްޓަކައި ވަރަށް ހަގުއިރުގައި ވަރަށް ގިނަ އަދި ބުރަ ކަންތައްތަކެއް ބޮލުގައި އަޅަންޖެހޭ. ކުޑަ އަންހެން ކުއްޖެއް ކައިރީގައި އަހަން ނުވާނެ ކަހަލަ ކަންތައްތައް ކުރުމަށް ވެސް އެކުދިންގެ ހިތްވަރު ހުރޭ. އަހަރެންގެ އުއްމީދަކީ މި ފިލްމުގެ ސަބަބުން މި މައުޟޫ ވީހާވެސް ބޮޑު އޯޑިއަސްއަކަށް ފެނިގެންދިއުން،" އެކަޑަމީ އެވޯޑް ހޯދާފައިވާ ތަރި ބުންޏެވެ.

ޑެބޯރާ އެލިސްގެ ވާހަކައަކަށް އުފައްދާފައިވާ "ދަ ބްރެޑްވިނާ" ފިލްމަކީ އަފްޣާނިސްތާނުގެ ކުޑަ އަންހެންކުއްޖެއްގެ ބައްޕަ ހައްޔަރުކޮށްގެން ގެންދިއުމުން، އެ ކުއްޖާގެ އިސްތަށިގަނޑު ކޮށާލައި ފިރިހެން ކުއްޖެއްގެ ސިފައިގާ ނުކުމެ މަސައްކަތްކޮށްގެން އޭނާގެ އާއިލާ ސަލާމަތްކުރުމަށް މަސައްކަތްކުރާ ކުރުމެވެ.

އެންޖެލީނާގެ އިތުރުން މިމީ ޕޯކް ގިޓްލިން ޕްރޮޑިއުސްކޮށް އަޔަލެންޑްގެ އެނިމޭޓަރު އަދި ފިލްމުމޭކަރު ނޯރާ ޓޫމޭ ޑައިރެކްޓްކޮށްފައިވާ އެ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ ސަމާގައެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ރިލީޒްކުރި "ބައި ދަ ސީ" އަދި 2014 ވަނަ އަހަރު އެޅުވި "އަންބުރޯކަން" ޑައިރެކްޓް ކޮށްފައިވާ އެންޖެލީނާ ވަނީ ޑިޒްނީގެ ހިޓް ފިލްމު، "މެލްފިސެންޓް"ގައި ވިލަން އެއްގެ ރޯލުގެ އިތުރުން އެ ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރުގެ މަގާމުވެސް އަދާކޮށްފައެވެ.

comment ކޮމެންޓް