އީރާނުގެ ނައިބު ރައީސް ރިޔާސީ އިންތިހާބުން ވަކިވެއްޖެ

އީރާނުގެ ނައިބު ރައީސް އިޝާގު ޖަހަންގީރީ ވަނީ ރިޔާސީ އިންތިހާބުން ވަކިވެ، އެގައުމުގެ މިހާރުގެ ރައީސް ހަސަން ރޫހާނީއަށް ތާއިދު ކުރައްވާނެ ކަމަށް ވިދާޅުވެފައި -- ފޮޓޯ: އޭއެފްޕީ

ތެހެރާން (މެއި 17): އީރާނުގެ ނައިބު ރައީސް އިޝާގު ޖަހަންގީރީ ރިޔާސީ އިންތިހާބުން ވަކިވެ، އެގައުމުގެ މިހާރުގެ ރައީސް ހަސަން ރޫހާނީއަށް އިންތިހާބުގައި ތާއިދު ކުރައްވާނެކަން އިއުލާން ކުރައްވައިފި އެވެ.

ރިޔާސީ އިންތިހާބުން ވަކިވެވަޑައިގަންނަވާކަން އިއުލާން ކުރައްވަމުން ޖަހަންގީރީ ވަނީ އިންތިހާބުގައި ވާދަ ކުރެއްވީ ގައުމު އިސްލާހު ކުރަން ބޭނުންވާ ފަރާތްތަކުގެ އަޑު އިއްވުމަށް ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ވަނީ އަޅުގަނޑުގެ ތާރީހީ ޒިންމާ އަދާކޮށްފައި އަދި މިގައުމު ތަރައްގީވަމުންދާނެކަން ޔަގީން ކުރުމަށްޓަކައި ތިއެންމެންނާ އެކު އަޅުގަނޑު ރޫހާނީއަށް ވޯޓު ދޭނަން،" ޖަހަންގީރީ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާ ގުޅިގެން ބޭއްވި ޓީވީ ބަހުސްތަކުގައި ޖަހަންގީރީ ވަނީ ރައީސް ރޫހާނީ ދިފާއުކޮށް ވާހަކަދައްކަވައި، އޭނާއާ އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވެފަ އެވެ.

ރޫހާނީގެ ވެރިކަމުގައި 2015 ވަނަ އަހަރު އީރާނުން ދުނިޔޭގެ ބާރުތަކާ އެކު ހެދި ނިއުކްލިއާ އެއްބަސްވުމުގެ ސަބަބުން ސަރުކާރުން އުއްމީދު ކުރިވަރަށް އެގައުމުގެ އިގުތިސާދު ކުރިނޭރުމުން ގިނަ ބަޔަކު ވަނީ ރޫހާނީއަށް ފާޑު ކިޔާފަ އެވެ.

ރިޔާސީ އިންތިހާބުގައި ރޫހާނީއާ އެންމެ ގާތުން ވާދަ ކުރައްވަނީ ކުރީގެ ޕްރޮސިކިއުޓަރެއް ކަމަށްވާ އިބްރާހީމް ރައިސީ އެވެ. އަދި އިންތިހާބުގައި ވާދަ ކުރެއްވި އެހެން ކެންޑިޑޭޓެއް ކަމަށްވާ، ވެރިރަށް ތެހެރާނުގެ މޭޔަރު މުހައްމަދު ބާގިރު ގަލިބަފް ވަނީ އިންތިހާބުން ވަކިވެ، ރައިސީއަށް ތާއިދު ކުރައްވާނެ ކަމަށް ހޯމަ ދުވަހު ވިދާޅުވެފަ އެވެ.

އެންމެ ފަހުގެ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ރައިސީ އާއި ގަލިބަފްއަށް ގައުމުގެ 52 ޕަސެންޓް މީހުން ތާއިދު ކުރާ އިރު 42 ޕަސެންޓު މީހުން ރޫހާނީ އަށް ތާއިދު ކުރެ އެވެ.

އީރާނުގެ ރިޔާސީ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް