މިދިޔަ އަހަރު ދިވެހިން އެންމެ ގިނައިން ބޭރަށް ދިޔައީ ބޭސް ފަރުވާއަށް: ސާވޭ

އެމްއެމްއޭއިން ކުރި ސާވޭގެ ތެރެއިން --- ފޮޓޯ: އެމްއެމްއޭ

މިދިޔަ އަހަރު ރާއްޖެ އިން ބޭރަށް އެންމެ ގިނަ ދިވެހިން ގޮސްފައި ވަނީ ބޭސް ފަރުވާއަށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރި ސާވޭއަކުން ދައްކައިފި އެވެ.

ރާއްޖެ އިން ބޭރަށްދާ ދިވެހިންގެ ކުރާ ޚަރަދުތައް ދަނެގަތުމަށް އެމްއެމްއޭ އިން މިދިޔަ އަހަރު ކުރި ސާވޭ އިން ދައްކާ ގޮތުގައި ދިވެހިން އެންމެ ގިނައިން ދަނީ އަވަށްޓެރި ސްރީލަންކާ އަށެވެ. އެ ސާވޭ އިން ދައްކާ ގޮތުގައި ދިވެހިން އެންމެ ގިނައިން ދަތުރުކުރަނީ ސްރީލަންކާގެ އިތުރުން އިންޑިއާ އަށެވެ.

އެމްއެމްއޭގެ މި ސާވޭ ކުރި މުއްދަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވި ދިވެހިންގެ ޖުމްލަ އަދަދަކީ 7185 އެވެ. އޭގެ ތެރެއިން ސާވޭ ކުރީ 4488 ޕަސިންޖަރުންގެ ޚަރަދުތަކެވެ.

އެ 4488 ދިވެހިންގެ ތެރެއިން 1678 މީހުން ރާއްޖެ އެނބުރި އައިސްފައި ވަނީ ސްރީލަންކާއިންނެވެ. އެއީ ސާވޭގައި ބައިވެރިވި މީހުންގެ 37 ޕަސެންޓެވެ. ދެން އެންމެ ގިނަ ދިވެހިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އިންޑިއާ އިން އައީ 1613 ދިވެހިންނެވެ. އެއީ ބައިވެރިވި މީހުންގެ 36 ޕަސެންޓެވެ.

ދެން އެންމެ ގިނަ ދިވެހިން އެނބުރި އައީ މެލޭޝިއާ އާއި ތައިލެންޑު އަދި ސިންގަޕޫރުންނެވެ. މެލޭޝިއާ އިން 415 ދިވެހިން އައި އިރު ތައިލެންޑުން އައީ 302 މީހުންނެވެ. ސިންގަޕޫރުން 89 ދިވެހިން އެނބުރި އައި އިރު އެހެނިހެން ގައުމުތަކުން އެނބުރި ރާއްޖެ އައި ދިވެހިންގެ އަދަދަކީ 391 އެވެ.

ސާވޭގައި ބައިވެރި މީހުންގެ ތެރެއިން 51 ޕަސެންޓު މީހުން (2281 މީހުން) ދަތުރު ކުރީ ބޭސް ފަރުވާގެ ބޭނުމަށެވެ. ޗުއްޓީއަށް 34 ޕަސެންޓު މީހުން (1540 މީހުން) ދިޔަ އިރު ރަސްމީ އަދި ވިޔަފާރީގެ ދަތުރުތަކުގައި ހަތަރު ޕަސެންޓު މީހުން (188 މީހުން) ދަތުރުކޮށްފައިވެ އެވެ. ތައުލީމާއި ތަމްރީން ހާސިލް ކުރުމަށް ތިން ޕަސެންޓު މީހުން (131 މީހުން) ދިޔަ އިރު އެހެނިހެން ބޭނުންތަކަށް ޖުމްލަ 348 ދިވެއްސަކު ދަތުރު ކުރި އެވެ.

ރާއްޖެއިން ބޭރުގައި މި ޕަސިންޖަރުން އެވްރެޖްކޮށް 13 ދުވަހު ބޭރުގައި މަޑު ކުރި އިރު ދަތުރުގައި ބޭސް ފަރުވާއަށް އެވްރެޖްކޮށް 656 ޑޮލަރު ހޭދަކޮށްފައިވެ އެވެ. ބޭސް ފަރުވާއަށް އެންމެ ބޮޑު ޚަރަދެއްކޮށްފައި ވަނީ ތައިލެންޑަށް ދަތުރު ކުރި މިީހުންނެވެ. އެގޮތުން 13 ދުވަހުގެ ތެރޭގައި އެގައުމުގައި 1416 ޑޮލަރު އެގައުމުގައި ދިވެހިން ޚަރަދު ކޮށްފައިވެ އެވެ.

ޗުއްޓީއަށް ދިޔަ މީހުން އެވްރެޖްކޮށް 11 ދުވަހު މަޑުކޮށްފައިވެ އެވެ. އަދި ދަތުރުގައި އެވްރެޖްކޮށް 667 ޑޮލަރު ޚަރަދުކޮށްފައިވެ އެވެ. އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ ސިންގަޕޫރަށް ދިޔަ ދިވެހިންނެވެ. ދިވެހިން އެގައުމުގައި އެވްރެޖްކޮށް 931 ޑޮލަރު ހޭދަކޮށްފައިވެ އެވެ.

comment ކޮމެންޓް