ޓްރަމްޕްގެ ކިބައިން އެދެނު އެއްވެސް ކަމެއް ހާސިލްނުވެ އުރުދުޣާން އެނބުރި ގައުމަށް

ޓްރަމްޕް ވައިޓް ހައުސްގައި އުރުދުޣާން އާ ބައްދަލުކުރައްވަނީ

ވޮޝިންޓަން (މޭ 17) : ސޫރިޔާގައި ހަރަކާތްތެރިވާ، ތުރުކީއާ އިދިކޮޅު ކުރުދީ ބާރުތަކަށް ހަތިޔާރު ދޭން އެމެރިކާ ނިންމި ނިންމުމާ ދެކޮޅަށް ރައީސް ޓްރަމްޕްގެ އަރިހަށް ޝަކުވާ ހުށަހެޅުއްވި ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު ދެއްވި ބަޔާނެއްގައި އުރުދުޣާން ވިދާޅުވީ ރައީސް ޑޮނަލްޑް ޓްރަމްޕާ އެމެރިކާގެ އިސް ބައެއް އެހެން މަސްއޫލުވެރިންނާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައި ތުރުކީއާ އިދިކޮޅަށް ހަރަކާތްތެރިވާ ސޫރިޔާގެ ކުރުދީ ބާރުތަކަށް ހަތިޔާރު ދޭން އެމެރިކާ ނިންމި ނިންމުމުގެ ޚުތޫރަތްތެރިކަން ބަޔާންކޮށްދެއްވި ކަމުގައެވެ.

މިގޮތުން ސޫރިޔާގެ ކުރުދީ ޖަމާއަތެއް ކަމަށްވާ "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" އަކީ ތުރުކީގައި ވަކިވެގަތުމަށް މަސައްކަތްކުރާ ޕީކޭކޭ ޖަމާއަތާ ގުޅުންބޮޑު ޖަމާއަތެއްކަމާއި އެމެރިކާގެ މިފިޔަވަޅަކީ ތުރުކީގެ އަމަނާއި ގައުމީ ސަލާމަތް ނުރައްކަލުގެ ތެރެއަށް ވެއްޓިގެންދާނެ ކަމެއްކަން ޓްރަމްޕަށް ދެންނެވި ކަމަށް އުރުދުޣާން ވިދާޅުވި އެވެ. އަދި އެމެރިކާގެ މިފިޔަވަޅާ ގުޅިގެން ތުރުކީގެ އަމަނާއި ގައުމީ ސަލާމަތް ކުރުމަށް ޓަކައި އަސްކަރީ ގޮތުންނާއި އެނޫންގޮތްގޮތުން ވެސް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަން ވެސް ޓްރަމްޕަށް ދެންނެވި ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

"ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" އަށް ޒާމާނީ ބަރުހަތިޔާރު ދިނުމަށް އެމެރިކާ ނިންމު ނިންމުމަކީ ތުރުކީގެ ރައްޔިތުންގެ ބުރަކަށްޓަށް ފަހަތުން ވަޅިޖެހުން ފަދަ ކަމެއްކަމަށް ސިފަކުރައްވައި އުރުދުޣާން ވަނީ އެމެރިކާއަށް ވަޑައިގަތުމުގެ ކުރިން އެމެރިކާއަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ރައްދުކުރައްވާފަ އެވެ. "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" އަކީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ގަދަބާރުން ވައްޓާލަން މަސައްކަތްކުރާ ޖަމާއަތެއްކަމަށްވެފައި ތުރުކީއަކީ އެކަމަށް ވާގިވެރިވާ ދައުލަތެއް ނަމަވެސް އެޖަމާއަތުގެ ހަގީގީ އެޖެންޑާއަކީ ސޫރިޔާގެ އިރު އުތުރުގައި ކުރުދީންނަށް ޚާއްސަ ދައުލަތެއް އުފެއްދުންކަމަށް ތުރުކީން ދެކެ އެވެ. ސޫރިޔާގައި އެމެރިކާ ހާސިލްކުރަން ބޭނުންވާ މަގްސަދްތައް ހާސިލް ކުރުމުގައި އެމެރިކާ އެންމެ ބޮޑަށް ބަރޯސާވާ ސޫރިޔާގެ އިދިކޮޅު ޖަމާއަތަކީ "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" އެވެ.

އަނެއްކޮޅުން ޓްރަމްޕާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައި އުރުދުޣާންވަނީ އެމެރިކާގައި ދިރިއުޅުއްވާ ތުރުކީގެ އިދިކޮޅު ލީޑަރު ފަތްހުﷲ ގުލެން ތުރުކީއާ ހަވާލުކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ. ނަމަވެސް އުރުދުޣާންގެ މިއެދުމަށް ޓްރަމްޕް އެއްވެސް ޖަވާބެއް ނުދެއްވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

ތުރުކީވިލާތުގެ ވެރިކަމުގެ ނިޒާމު ވައްޓާލުމަށް ޓަކައި ސިފައިންގެ ބަޔަކު މިދިޔަ އަހަރުގެ ފަހުކޮޅު ގެންނަން މަސައްކަތްކުރި އަސްކަރީ އިންގިލާބުގެ ފަހަތުގައި ހުންނެވީ ގުލެންކަމަށް ތުރުކީންވަނީ ތުހުމަތުކޮށްފަ އެވެ. މިތުހުމަތުތައް ގުލެންގެ މައްޗަށް ސާބިތުވާކަން ބަޔާންކޮށް ތުރުކީގެ ޝަރުޢީ ދާއިރާއިން ނެރުނު ބަޔާންތަކާއެކު އޭނާ ތުރުކީއާ ހަވާލުކުރުމަށް މިދިޔަ ޑިސެމްބަރުމަހު ތުރުކީ ސަރުކާރުން ރަސްމީ ސިފައެއްގައި އެމެރިކާގެ ކިބައިންވަނީ އެދިފައެވެ. ނަމަވެސް ތުރުކީގެ މިއެދުމަށް އިޖާބަދޭނެ ކަމުގެ އެއްވެސް އިޝާރާތެއް އެމެރިކާގެ ކުރީގެ ސަރުކާރުން ވެސް އަދި މިހާރުގެ ސަރުކާރުންވެސް ދީފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު