ޑީވާ މޯލްޑިވްސް ރިސޯޓުގެ ކޮޓަރިއެއް ތެރޭ މުވައްޒަފަކު ދަން ޖެހިފައި ހުއްޓައި ފެނިއްޖެ

20:16 އދ. އަތޮޅުގެ ޑީވާ މޯލްޑިވްސް ރިސޯޓްގައި މަސައްކަތްކުރާ މުވައްޒަފަކު ރިސޯޓުގެ ކޮޓަރިއެއް ތެރޭ ދަންޖެހިފައި ހުއްޓައި މިއަދު ފެނިއްޖެ އެވެ.

މިއަދު މެންދުރު 1:30 އެހާކަންހާއިރު ދަން ޖެހިފައި ހުއްޓާ ފެނުނީ އެ ރިސޯޓްގައި މަސައްކަތްކުރާ ސ. ހިތަދޫ ކޮކާހަނދުވަރުގެ، ހަސަން މިއާޒު،24 އެވެ. އޭނާ ދަން ޖެހިފައި ހުއްޓާ ފެނުނީ މުވައްޒަފުން ތިބޭ ކޮޓަރިން ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް ވިދާޅުވީ، ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފަކު ދަން ޖެހިފައި ހުއްޓާ ފެނުނު ކަމުގެ ރިޕޯޓް މިއަދު މެންދުރު ފަހު ލިބިފައިވާ ކަމަށެވެ. އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ޝިޔާމް ވިދާޅުވީ މައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މިއާޒުގެ ހަށިގަނޑު މިހާރު އޮތީ އދ. މާމިގިލީގަ އެވެ. މިއާޒްގެ ހަށިގަނޑު ރަށަށް ފޮނުވުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ޑީވާ ރިސޯޓުން ދީފައިވާ ކަމަށް މިއާޒްގެ އާއިލާއިން ބުންޏެވެ.

ސަން އަށް މައުލޫމާތު ދެމުން މިއާޒްގެ ބޭބެ ބުނީ، ކަން ހިނގައިދިޔަ ގޮތް ރިސޯޓް ކުދިން އޭނާ އަށް ކިޔައިދީފައިވާ ކަމަށެވެ. އެގޮތުން މިއާޒް އެންމެ ފަހުން ފެނުނީ އެ ރިސޯޓުގައި މަސައްކަތްކުރާ އާއިލީ ގޮތުން ތިމާގެ ކުއްޖަކާއެކު ކާން އިންދާ ކަމަށާއި ކެއުން ހުއްޓާލައި، އޭނާ ކޮޓަރިއަށް ދިޔައީ ފޯނެއް އައުމުން ކަމަށް އޭނާ ބުންޏެވެ.

އަދި އޭނާ ފޯނަށް ޖަވާބު ނުދޭތީ ވީގޮތެއް ބެލުމަށް ބައެއް މުވައްޒަފުން ދިޔައިރު ކޮޓަރި ހުރީ ތަޅުލައިފަ ކަމަށާއި އަދި ދޮރުގައި އެނދު ވިއްދައި އެތަނަށް ބޭރުން ނުވަދެވޭނެ ގޮތަށް ހަދައިފަ ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އެހެންކަމުން، އޭނާ އަމިއްލަ އަށް ދަން ޖެހުނީ ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ނަމަވެސް، މިއާޒްގެ މަންމަ އަށް މި ހަބަރު ގަބޫލުކުރަން ވަނީ ދަތިވެފަ އެވެ. ދަން ޖެހުނު ހަބަރު ލިބުމުން ޝޮކެއް ލިބުމުން މަންމަގެ ހާލު ދެރަވެ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށް އަންނަނީ ފަރުވާދެމުންނެވެ.

އާއިލާއިން ބުނީ، "މިއާޒް ދަން ނުޖެހޭނޭ" އޭނާގެ މަންމަ ތަކުރާރުކޮށް ބުނަމުންދާ ކަމަށެވެ.

މީގެ އިތުރުން، މިއާޒް ލޯބިން ގުޅިގެން އުޅުނު މ. އަތޮޅުގެ އަންހެން ކުއްޖައާ މީގެ ދުވަސްތަކެއް ކުރިން މައްސަލަތަކެއް ޖެހިގެން އުޅުނު ކަމުގެ މައުލޫމާތު މިއާޒްގެ ބައެއް ރައްޓެހިންގެ ފަރާތުން ލިބިފައިވާތީ، އެކަން އިތުރަށް ބަލަމުންދާ ކަމަށް ވެސް އާއިލާއިން ބުނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު