ދެ ކުލައިގެ އަލިމަަސް ޖަހާފައިވާ ކަންފަތުލާ މުދި ރެކޯޑު އަގަކަށް ވިކިއްޖެ

އާޓިމިސް އާއި އެޕޯލޯގެ ނަން ދީފައިވާ އަލިމަސް ޖަހާފައިވާ ދެ ޖަވާހިރު ވަނީ ދުނިޔޭގެ ރެކޯޑު އަގަކަށް ވިކިފައި -- ފޮޓޯ: ގެޓީ

ފިޔާތޮށި އަދި ނޫކުލައިގެ އަލިމަސް ޖަހާފައިވާ ދެ ކަންފަތުލާ މުދި ޖެނީވާގައި އޮތް ނީލަމެއްގައި 58 މިލިއަން ޑޮލަރަށް ވިކިއްޖެ އެވެ. އެއީ ދުނިޔޭގެ ޖަވާހިރުގެ ބާޒާރުގައި ރެކޯޑު އަގެކެވެ.

އެ ދެ މުދީގައި ޖަހާފައިވާ ދެ އަލިމަހަކީ 16 ކެރެޓުގެ ދެ އަލިމަހެވެ. އޭގެ ތެރެއިން ފިޔާތޮށި ކުލައިގެ އަލިމަހަށް އާޓިމިސްގެ ނަން ދީފައިވާ އިރު ނޫ ކުލައިގެ އަލިމަހަށް ކިޔަނީ އެޕޯލޯ އެވެ.

އެނީލަން އިންތިޒާމް ކުރި ބައިނަލްއަގްވާމީ ކުންފުންޏެއް ކަމަށްވާ ސޮތެބީސް އިން ބުނި ގޮތުގައި އެމުދީގައި ޖަހާފައިވާ ދެ އަލިމަހަކީ ވަރަށް މަދުން ފެންނަ އަލިމަހުގެ ބާވަތެކެވެ. އަދި އާޓިމިސް ވިކުނު އަގަކީ 15.5 މިލިއަން ޑޮލަރު ކަމަށްވާ އިރު އެޕޯލޯގެ އަގަކީ 42.5 މިލިއަން ޑޮލަރެވެ.

ދެކުނު އެފްރިކާއިން ފެނުނު އެޕޯލޯ އަލިމަހުގެ އަގު ބޮޑީ އޭގައި ހުރި ސާފު ނޫ ކުލައަކީ ފިޔާތޮށި އަލިމަހަށް ވުރެ މާ މަދުން ފެންނަ ކުލައަކަށް ވާތީ ކަމަށް ސޮތެބީސްއިން ބުންޏެވެ.

އެ ދެ ޖަވާހިރު ވެސް ގަތީ ނަން ހާމަކޮށްފައި ނުވާ މީހެއް ކަމަށް ރިޕޯޓުތަކުގައިވެ އެވެ. ނަމަވެސް އޭނާ އެ ދެ ޖަވާހިރު ގަނެފައި ވަނީ އެ ދޭތި ވިކޭނެ ކަމަށް ސޮތެބީސް އިން ލަފާ ކުރި އަގަށް ވުރެ 20 މިލިއަން ޑޮލަރު މަދު އަގަކަށެވެ. (ބީބީސީ)

comment ކޮމެންޓް