ސައޫދީގައި ބާއްވާ ސަމިޓްގައި އިސްލާމް ދީނާ ބެހޭގޮތުން ޓްރަމްޕް ޚިތާބެއް ދެއްވަނީ

ވައިޓް ހައުސް (މޭ 17) : ސައޫދީ ގައި އަންނަ އާދީއްތަ ދުވަހު ބާއްވާ އަރަބި އިސްލާމީ އަދި އެމެރިކަން ސަމިޓްގައި އިސްލާމް ދީނާ ބެހޭގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕް ޚިތާބެއް ދެއްވާނެ ކަމަށް ވައިޓް ހައުސް އިން ބުނެފިއެވެ.

ވައިޓް ހައުސްގެ އިސް މަސްއޫލުވެރިއެއްކަމަށްވާ އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖެނެރަލް ހާބަޓް ރީމޮންޑް މެކްމާސްޓަރ ވިދާޅުވީ ޓްރަމްޕްގެ މި ޚިތާބު މައިގަނޑު ގޮތެއްގައި ބިނާ ކުރައްވާނީ އިސްލާމް ދީނުގައިވާ ސުލްހަވެރި ކަންކަން ބަޔާންކޮށްދިނުމަށާއި އިސްލާމް ދީނާ ބެހޭގޮތުން އެމެރިކާ އާއި ހުޅަނގުން ދެކޭގޮތް ހާމަކުރެއްވުމުގެ މައްޗަށެވެ. މުސްލިމުންގެ ބައެއް އިލްމުވެރިން ބޭނުންކޮށްގެން އިސްލާމް ދީނުގެ ކަންކަން އެމެރިކާ އާއި ހުޅަނގުގެ މަސްލަހަތާ އެއްގޮތަށް ބަޔާންކޮށް ތަފްސީރު ކުރުމުގެ ކަންތައްތަކެއް ބައެއް އިސްލާމީ ގައުމުތަކުގެ އެއްބާރުލުމާއެކު އެމެރިކާ ކުރަމުން ގެންދެއެވެ.

ޓްރަމްޕްގެ އެދިވަޑައިގަތުމަކަށް ސައޫދީ ރަސްގެފާނު ބާއްވައި ދޭ މިސަމިޓްގެ ބޭނުމަކީ ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށާއި ސޫރިޔާ އާއި އީރާނާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން އަރަބި އިސްލާމީ ގައުމުތައް އެލަންސެއްގެ ގޮތުގައި ނެރުމުގެ ބޭނުމުގައި ބާއްވާ ސަމިޓެއް ކަމަށް ވައިޓް ހައުސްއިން ކުރިން ބުނެފައިވެ އެވެ.

މުސްލިމުންގެ މުގައްދަސް ފުރަތަމަ ގިބްލަ ކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަގްސާ އާއި ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައިގެން އޮންނަ ޔަހޫދީ ޒަޔަނިސްޓް އިސްރާއީލަށް ހުރިހާ ގޮތަކުން ވާގިވެރިވާ ގައުމަކީ އެމެރިކާ ކަމަށްވާއިރު އިސްރާއީލާ ދެކޮޅަށް ނުނުކުމެ މަޛްހަބީ ގޮތުން ސައޫދީ އާ ޚިލާފްތަކެއް އޮންނަ އީރާނަކީ ދުޝްމަނުންކަމަށް ގަލްފުގެ ގައުމުތަކަށް ދެއްކުމަކީ ޒަމާނުއްސުރެ އެމެރިކާ ކުރަމުން ގެންދާ ކަމެކެވެ.

މިސަމިޓްގެ ހަގީގީ ބޭނުމަކީ އެމެރިކާއަށް ބަރޯސާވާ ގަލްފުގެ އަރަބި ގައުމުތަކާއި އެމެރިކާއަށް ބަރޯސާވާ މަދު އަރަބި އިސްލާމީ ގައުމުތައް ބޭނުންކޮށްގެން އެމެރިކާގެ އަމިއްލަ ސިޔާސީ މަގްސަދުތަކެއް ޙާސިލް ކުރުން ކަމަށާއި މިއީ އިސްލާމީ ދުނިޔެއާ ދެކޮޅަށް އެމެރިކާ ރާވާ އައު ރޭވުންތަކެއްގެ ފެށުން ކަމަށް އިސްލާމީ ބައެއް މުފައްކިރުން ސިފަކުރައްވަ އެވެ.

އެމެރިކާ އިން ސައޫދީ މެދުވެރިކޮށްގެން އަރަބި އިސްލާމީ ބައެއްގައުމުތަކާ އެކު ހަދާ އެލަޔަންސްގައި ބައިވެރިވާ ސަތާރަ ގައުމުގެ ތެރޭގައި ހިމެނެނީ އެމެރިކާ އަށް ބަރޯސާވާ ގަލްފު ކޯޕަރޭޝަން ކައުންސިލްގެ ފަސް ގައުމާއި މިސްރާއި އުރުދުން ފަދަ އެގައުމުތަކުގެ ވެރިކަމުގެ ނިޒާމުތައް ހިމާޔަތް ކުރުމަށްޓަކައި އެމެރިކާއަށް ބަރޯސާވާ ޑިމޮކްރަސީ ނެތް ގައުމުތަކެވެ.

އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަތަކުގެ ތެރޭގައި ގުދްސުގެ މައްސަލައާއި ފަލަސްތީނުގެ މައްސަލައާއި އިސްލާމީ އެތައް ގައުމެއްގައި ހިނގަމުންދާ ލޭއޮހޮރުވުން ބޮޑު ހަނގުރާމަތަކާއި މިޔަންމާގެ ރޮހިންޔާ މުސްލިމުގެ މައްސަލަ ހިމެނޭއިރު އަރަބި އިސްލާމީ ބައެއް ގައުމުތަކުގެ ވެރިންނާ އެކު ޓްރަމްޕް ބާއްވާ ސަމިޓްގެ އެޖެންޑާގައި މިއިން އެއްވެސް މައްސަލައެއް ހިމެނިފައެއް ނުވެ އެވެ.

ޓްރަމްޕަކީ މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށް ސިފަކުރުމުގެ އިތުރުން އިސްލާމްދީނާއި ޓެރަރިޒަމާ ގުޅުވައިގެން ފާޅުގައި ވާހަކަ ދައްކަވާ އިސްލާމް ދީނާ ދުޝްމަން ބޭފުޅެކެވެ. އަދި އިސްލާމް ދީނަކީ ރުޅިވެރިކަމާއި ނަފްރަތުގެ ދީނެއް ކަމަށް ވިދާޅުވެ އިސްލާމް ދީނާ އިދިކޮޅު އެތަށް ބަޔާންތަކެއް ޓްރަމްޕް ދެއްވާފައިވެއެވެ. މީގެ އިތުރުން ޓްރަމްޕް ވަނީ އެމެރިކާއަށް އިސްލާމީ ހަތް ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކުރުމުގެ ރިޔާސީ ގަރާރެއް ވެސް ނެރުއްވާފަ އެވެ.

ސައޫދީގައި ބާއްވާ އަރަބި އިސްލާމީ އަދި އެމެރިކަން ސަމިޓަށްފަހު ޓްރަމްޕް ދެން ވަޑައިގަންނަވާނީ މުސްލިމުންގެ އެންމެ ބޮޑު ދުޝްމަންކަމަށްވާ އިސްރާއީލަށެވެ. އެއަށް ފަހު ނަސާރާއިންގެ އިސްފާދިރީ ހުންނަވާ ރަށްކަމަށްވާ ވެޓިކަން އަށެވެ. ޓްރަމްޕް އިސްރާއީލުގައި ހުންނަވާއިރު އިސްރާއީލު ގަދަބާރުން ވެރިވެގެންފައިވާ އަލްގުދްސުގައި ޔަހޫދީން އަޅުކަންކުރުމަށް ބޭނުންކުރާ ފާރެއް ކަމަށްވާ ހާއިތުލްމަބްކާ އަށް އިސްރާއީލުގެ މަސްއޫލުވެރިންނާ ނުލައި އެކަހެރި ގޮތެއްގައި ޓްރަމްޕް ވަޑައިގަންނަވާނެ ކަމަށް ވައިޓް ހައުސް އިން ބުނެފައިވެއެވެ.

އެމެރިކާގެ ސިޔާސަތު ބިނާވެފައި ވަނީ އީރާނަކީ ބިރެއް ކަމަށް ދައްކައި ސައޫދީ އަށް ހަމްދަރްދީ ފާޅުކޮށްގެން އެމެރިކާގެ ހަތިޔާރުތައް ސައޫދީ އަށާއި ގަލްފުގެ މުއްސަނދި އަރަބި ގައުމުތަކަށް ވިއްކައިގެން އެއިން މަލްޓި ބިލިޔަން ޑޮލަރުގެ ނަފާ ހޯދުމުގެ މައްޗަށެވެ. މިމަގްސަދު ޙާސިލް ކުރުމަށްޓަކައި ޓްރަމްޕްގެ ދަތުރުފުޅާ ދިމާކޮށް 100 ބިލިޔަން ޑޮލަރުގެ ހަތިޔާރު ސައޫދީ އަށް ވިއްކުމުގެ އެއްބަސްވުންތަކެއްގައި އެމެރިކާއާއި ސައޫދީ ން ސޮއިކުރުމަށްވަނީ ހަމަޖެހިފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު