އަންނަ އަހަރުގެ މެއި މަހަށް ސާފް ޗެމްޕިއަންޝިޕް ފަސްކޮށްދިނުމަށް އިންޑިއާއިން އެދިއްޖެ

ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ: އެ ގައުމުން ވަނީ މުބާރާތް މެއި މަހަށް ފަސްކޮށްދިނުމަށް އެދިފައި --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަން އަދި އެންމެ ކާމިޔާބު ޓީމު، އިންޑިއާއިން މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ އަހަރުގެ މެއި މަހަށް ފަސްކޮށްދިނުމަށް އެދިއްޖެއެވެ.

އިންޑިއާއިން ސާފް ޗެމްޕިއަންޝިޕް ފަސްކޮށްދިނުމަށް އެދިފައިވަނީ އިންޑިއަން ސުޕާ ލީގު (އައިއެސްއެލް) ނިމޭތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސާފް ޗެމްޕިއަންޝިޕް ފަށާތީއެވެ.

މިއަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ބަނގްލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާއެކު ވާދަކުރަނީ ބަނގްލަދޭޝްއާއި، ބޫޓާންއާއި، ރާއްޖެއާއި، ނޭޕާލްއާއި، ޕާކިސްތާން އަދި ސްރީ ލަންކާއެވެ.

ސާފް ޗެމްޕިއަންޝިޕް ފަސްކުރުމަށް އިންޑިއާ އެދިފައިވާކަން ސާފްގެ ޖެނެރަލް ސެކްރެޓަރީ އަންވާރުލް ހައްގު ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އޭނާ ބުނީ، އިންޑިއާއިން 17 އަހަރުންދަށުގެ ވޯލްޑް ކަޕް އެގައުމުގައި ބާއްވާތީއާއި، އައިއެސްއެލް ލަހުން ނިމޭތީ އިންޑިއާއިން ބޭނުންވަނީ އަންނަ އަހަރުގެ މެއި މަހަށް ސާފް ޗެމްޕިއަންޝިޕް ފަސްކުރުމަށް ކަމަށެވެ.

"އިންޑިއާއިން އެގޮތަށް އެދުނީ 17 އަހަރުންދަށުގެ ވޯލްޑް ކަޕް ބާއްވާތީއާއި، އައިއެސްއެލް ލަހުން ނިމޭތީ. އައިއެސްއެލް ލަހުން ނިމުނު ނަމަވެސް، އެ ލީގު ނިމޭނީ ޑިސެމްބަރު ފަހުކޮޅެއް ނޫން. ދެން އެމީހުން ދެއްކީ އައިއެސްއެލްއާއި އައި-ލީގު އެއްކޮށްލުމުގެ ވާހަކައެއް. އޭރުން ޓީމުތައް އިތުރުވާނެ ވާހަކަ،" ސާފްގެ ޖެނެރަލް ސެކްރެޓަރީ ހައްގު ބުންޏެވެ.

ސާފްގެ ޖެނެރަލް ސެކްރެޓަރީ ބުނީ، ސާފް ޗެމްޕިއަންޝިޕް ފަސްކުރުމަށް އެދި ދުވަސްކޮޅެއް ކުރިން އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް)ގެ ޖެނެރަލް ސެކްރެޓަރީ ކުޝަލް ދާސް ސިޓީއެއް ފޮނުވި ކަމަށާއި އެކަމާމެދު ގޮތެއް ނިންމޭނީ ސްޕޮންސަރުން އެއްބަސްވޭތޯ އެ ފަރާތްތަކާ ވާހަކަދެއްކުމަށްފަހު ކަމަށެވެ.

އޭއައިއެފްއެފްގެ ނައިބު ރައީސް ސުބްރަތާ ދައްތާ ބުނީ، އިންޑިއާގައި ވޯލްޑް ކަޕް ބާއްވާތީއާއެކު މިއަހަރަކީ އެ ގައުމަށް ވަރަށް ހާއްސަ އަހަރެއް ކަމަށާއި އަންނަ އަހަރު މެއި މަހަށް ސާފް ޗެމްޕިއަންޝިޕް ފަސްކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ. އަދި އެގޮތަށް ސާފްއިން މުބާރާތް ފަސްކޮށްދޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

އިންޑިއާގައި 17 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕް ކުރިއަށްދާނީ މިއަހަރުގެ އޮކްޓޯބަރު 6 އިން ފެށިގެން 28ގެ ނިޔަލަށެވެ.

comment ކޮމެންޓް