ކަނޑުއަޑީގެ މުޅިން ތަފާތު ތަޖުރިބާއެއް ކޮށްލުމަށް އަންޑަވޯޓާ ޑްރޯންއެއް!

އިންސާނުން ކަނޑު އަޑީގެ ތަޖުރިބާ ކުރާ ގޮތް ބަދަލު ކޮށްލުމަށް ކަނޑު އަޑިއަށް ޚާއްސަ 'އަންޑަވޯޓާ ޑްރޯން'އެއް މާކެޓަށް ނެރުމުގެ މަސައްކަތް ނޯވޭގެ ޓެކްނިކަލް ޔުނިވާސިޓީ، އެންޓީއެންޔޫ އިން މަސައްކަތް ފަށައިފި އެވެ. 'ބްލޫއައި ޕައިނިއާ'ގެ ނަން ދީފައިވާ އެ ޑްރޯން އަކީ ބެޓެރީ އިން އޮޕަރޭޓް ކުރާ އެއްޗެކެވެ. ސަތޭކަ ފަންސާސް މީޓަރު ފުނަށް ދަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވާ އެ ޑްރޯންގެ ބަރުދަނުގައި ހުންނަނީ އަށް ކިލޯ އެވެ. އެ ޑްރޯން އިން 1080 ޕިކްސެލް، 30 އެފްޕީއެސްގެ ކޮލިޓީ ވީޑިއޯ ދައްކާލާނެ އެވެ. ޑްރޯން ކޮންޓްރޯލް ކުރާނީ ސްމާޓް ފޯން ނުވަތަ ޓެބްލެޓުގައި އިންނަ އެޕްލިކޭޝަން އަކުންނެވެ. އެ އެޕްލިކޭޝަން އިން ވީޑިއޯ ރެކޯޑު ކުރުމުގެ އިތުރުން، ވީޑިއޯ ސޯޝަލް މީޑިއާގައި ލައިވްކޮށް ވެސް ދައްކާލެވޭނެ އެވެ. 'ބްލޫއައި ޕައިނިއާ' ލޯންޗް ކުރާނީ ސްމާޓް ފޯނުތަކަށް ފިޓުވާ 'ޑިޖިޓަލް ޑައިވް މާސްކް' އަކާ ވެސް އެކު އެވެ. ކަނޑު އަޑީގެ ވީޑިއޯ ކުރުމަށް ޚާއްސަ އުޅަނދުތަކަކީ އާ ކަމެއް ނޫނެވެ. ތެލުގެ އިންޑަސްޓްރީ އިން އެފަދަ އުޅަނދުތައް ބޭނުން ކުރަމުން އަންނަތާ އެތައް ގަރުނެއް ވެއްޖެ އެވެ. ނަމަވެސް އެއީ ހެޔޮ އަގުގައި ފަސޭހަ އިން އާންމުންނަށް ލިބެން ހުންނަ އެއްޗެއްސެއް ނޫނެވެ.

އެހެންކަމުން 'ބްލޫއައި ޕައިނިއާ' އަކީ އާންމުންނަށް ވެސް ގަނެވޭ ފަދަ އެއްޗަކަށް ވެގެން ދާނެ ކަމަށް އެންޓީއެންޔޫ އިން ބުނެ އެވެ. މި އަހަރުގެ ފަހު ކުއާޓަރުގައި 'ބްލޫއައި ޕައިނިއާ' ބާޒާރަށް ނެރޭ އިރު، އަގު އުޅޭނީ 4،500 އެމެރިކާ ޑޮލަރުގަ އެވެ. އަދި 3600 އެމެރިކާ ޑޮލަރަށް ޑްރޯން ޕްރީ-އޯޑަރު ވެސް ކުރެވޭނެ އެވެ. 'ބްލޫއައި ޕައިނިއާ' އަކީ މަސްވެރިންނަށާއި، ޑައިވަރުންނަށް އަދި ކަނޑުމަތީގައި ހަރަކާތްތެރިވާ ރެސްކިއު މިޝަންތަކަށް ވެސް ވަރަށް ބޭނުންތެރި އުޅަނދަކަށް ވާނެ އެވެ.

comment ކޮމެންޓް