ސިފައިންގެ ބަޔާން:
މަޖިލީހަށް އަދި މަޖިލީހުގެ ރައީސަށް ވެސް ގާނޫނީ ލަފައެއް އަރުވާފައެއް ނުވާނެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ނަން އިއްވަވާ މެންބަރުން މަޖިލީހުގެ ތަޅުމުން ބޭރު ކުރުމަށް ސިފައިންގެ ބާރު ބޭނުންކުރެވޭނެ ކަމަށް ބުނެ، މަޖިލީހަށް އެއްވެސް ލަފައެއް ދީފައި ނުވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން މިއަދު ބުނެފި އެވެ.

އިއްޔެ ޒެޑް ފެކްޝަނުން މީޑިއާއާ ހިއްސާކުރި ސިފައިންގެ "ގާނޫނީ ލަފާ"އަކީ މަޖިލީހުގެ ރައީސަށް ސިފައިން ދިން ލަފައެއް ކަމަށް ރިޕޯޓްކޮށްފައިވާ ނަމަވެސް، މިއަދު ނެރުނު ބަޔާނުގައި އެމްއެންޑީއެފުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

އެ ބަޔާނުގައިވާ ގޮތުގައި، "އެމްއެންޑީއެފް އިން ރައްޔިތުންގެ މަޖިލީހަށް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށްވެސް ގާނޫނީ ލަފައެއް އަރުވާފައެއް ނުވާނެ" އެވެ.

މޭޖާ ޒުބައިރު އަހްމަދު މަނިކު ސޮއިކުރައްވައި މަޖިލީހަށް ފޮނުވި ކަމަށް ބުނާ އެ ލަފައަކީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ އަލީ ޖަލީލް މަޖިލީހުގެ ރައީސާއި ބައެއް މެމްބަރުންނާއެކު ބޭއްވެވި ބައްދަލުވުމަށް ވަޑައިގެންނެވުމުގެ ކުރިން ހޯއްދެވި ގާނޫނީ ލަފަ އެއް ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސާ، ލެފްޓިނެންޓް އަބްދުﷲ އަލީ ވިދާޅުވީ، އެހެނިހެން މުއައްސަސާތަކެކޭ އެއްގޮތަށް ސިފައިން ވެސް މަސައްކަތް ކުރަނީ ގާނޫނީ ލަފާ ހޯދައިގެން ކަމަށެވެ. އަދި ހަބަރުތަކުގައި ބުނާ ގާނޫނީ ލަފައަކީ މަޖިލީހަށް ދިން ލަފައެއް ނޫން ކަމަށާއި އެއީ ސިފައިންނަށް އާއްމުކޮށް ގާނޫނީ ލަފާ ދޭ ފަރާތްތަކުން ޗީފް އޮފް ޑިފެންސް ފޯސް އަށް ދެއްވި ލަފަ އެއް ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

ސިފައިންގެ ބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހާއި އެހެނިހެން މުއައްސަސާތައް ހިމާޔަތްކޮށްދިނުމަކީ ގާނޫނުން ސިފައިންނަށް ލާޒިމްކޮށްފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން، ގާނޫނީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅެއް އެޅުމަކީ ސިފައިންގެ ގާނޫނީ ޒިންމާއެއް ކަމަށް ވެސް ބުނެފައިވެ އެވެ.

"އެއީ ރައްޔިތުން މަޖިލީސް ހިމާޔަތްކުރަން ޖެހުނުކަމުގައިވިޔަސް، އަދި ޖުޑިޝަރީ ހިމާޔަތްކުރަން ޖެހުނުކަމުގައި ވިޔަސް، އަދި ސަރުކާރު ހިންގާ ބާރު ހިމާޔަތްކުރަން ޖެހުނުކަމުގައި ވިޔަސްމެއެވެ. މިފަދަ މުއައްސަސާތައް ހިމާޔަތްކޮށްދިނުމަކީ ގާނޫނުން ސިފައިންނަށް ލާޒިމްކޮށްފައިވާ ކަމަކަށްވާތީވެ، އެކަންތައްތައް ކުރުމަށް ޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ގާނޫނުގައި ބުނާގޮތެއްގެ މަތިން އެމްއެންޑީއެފް އިން ކުރަމުން ގެންދާނަމެވެ،" އެބަޔާނުގައިވެ އެވެ.

މަޖިލީހުގެ މަސައްކަތަށް ހުރަސްއެޅޭނެފަދަ އެއްވެސް ކަމެއް ސިފައިން ނުކުރާނެކަމުގެ ޔަގީންކަން އެބަޔާނުގައި ދީފައިވެ އެވެ. އަދި ރައްޔިތުން މަޖިލީސް، ހިމާޔަތްކޮށް ދިފާއުކުރުމަށް ގާނޫނީ ހަމަތަކުގެ މަތިން ކުރަންޖެހުނު ކަމެއް ކުރުމުގައި ސިފައިން އަދާކުރަންޖެހޭ ގާނޫނީ ވާޖިބުތައް އަދާކުރަމުން ގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު