ކީޕަރު އިމްރާން ހިމެނޭ ގޮތަށް ނިއުއާއި އީގަލްސްގެ ބައެއް ކުޅުންތެރިން ސަސްޕެންޑްކޮށްފި

މެއި މަހުގެ ހަތްވަނަ ދުވަހު އީގަލްސް އަދި ނިއުރޭޑިއަންޓް ބައްދަލު ކުރި މެޗަށް ފަހު ބައެއް ކުޅުންތެރިން ހަމަނުޖެހުން ހިންގަނީ --ފޮޓޯ / ޕީއެސްއެމް

ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ކަމުގެ ކުށް ސާބިތުވެ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކެޕްޓަން އަދި ގޯލްކީޕަރު އިމްރާން މުހައްމަދު ހިމެނޭގޮތަށް ނިއުއާއި ކްލަބު އީގަލްސްގެ ބައެއް ކުޅުންތެރީން ދެ މެޗަށް ސަސްޕެންޑްކޮށް ޖޫރިމަނާކޮށްފިއެވެ.

އެފްއޭއެމްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އީގަލްސްއާއި ނިއުރޭޑިއަންޓް މާލޭ ލީގުގައި މި މަހުގެ 7 ވަނަ ދުވަހު ކުޅުނު މެޗަށް ފަހު ހަމަނުޖެހުން ހިންގުމުގެ ކުށުގައި ކީޕަރު އިމްރާން މުހައްމަދު ހިމެނޭ ގޮތަށް ދެޓީމުގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުންގެ މައްޗަށް ފިޔަވަޅު އަޅަން ނިންމާފައިވާކަމަށެވެ.

އެފްއޭއެމްގެ ބަޔާނުގައި ބުނެފައިވަނީ ކީޕަރު އިމްރާންގެ މައްޗަށް ފިޔަވަޅު އަޅަން ނިންމީ އެ ދުވަހު މެޗަށް ފަހު ދެ ޓީމުގެ ދެ ކުޅުންތެރިންގެ މެދުގައި ހިނގައިދިޔަ ކަންތައްތައް، ބޮޑު ހަމަނުޖެހުމަކަށް ބަދަލުވުމުގައި އިމްރާންގެ ހިއްސާ އޮތުމާއި އިމްރާންގެ އަމަލުތައް ހުރި ގޮތުން މައްސަލަ އިތުރަށް ހޫނުވެފައިވާތީ ކަަމަށެވެ. ކީޕަރު އިމްރާން ދެ މެޗަށް ސަސްޕެންޑް ކުރިއިރު އޭނާ ވަނީ 2000 ރުފިޔާއިން ޖުރިމަނާވެސް ކޮށްފައެވެ.

ނިއުރޭޑިއަންޓްގެ ފޯވަޑް ގަލާޑޯއާއި އީގަލްސްގެ މުބީނަށް ފިޔަވަޅު އާޅާފައިވަނީ އެފްއޭއެމް ޑިސިޕްލިނަރީ ކޯޑުގެ 37ގެ ދަށުން ހައްޓަށް ހަމަލާދިނުމުގެ ކުށުގަޔާއި ޑިސިޕްލިނަރީ ކޯޑުގެ 38ގެ ދަށުން ހަމަނުޖެހުން ހިނގުމުގެ ކުށް އެދެ ކުޅުންތެރިންގެ މައްޗަށް ސާބިތުވާތީއެވެ.

މި ދެކުޅުންތެރިންގެ މައްޗަށްވެސް ހަމަނުޖެހުން ހިންގުމާއި ހައްޓަށް ހަމަލާދިނުން ސާބިތުވެފައިވާތީ އެފްއޭއެމްއިން އެ ދެ ކުޅުންތެރިން ވަނީ ދެ މެޗަށް ސަސްޕެންޑްކޮށް 4000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

ނިއުރޭޑިއަންޓްގެ ބިދޭސީ ކުޅުންތެރިއާ ޖަމާލްވެސް ވަނީ ދެ މެޗަށް ސަސްޕެންޑްކޮށް 4000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އޭނާގެ މައްޗަށް ފިޔަވަޅު އަޅާފައިވަނީ އީގަލްސްގެ ކުޅުންތެރިއެއްގެ ގައިގާ ޖަހަން އެއްލި ބޫޓް އީގަލްސްގެ އެސިސްޓެންޓް ކޯޗުގެ ގައިގާ ޖެހިފައިވާތީ ޑިސިޕްލިނަރީ ކޯޑުގެ 37 ވަނަ މާއްދާގެ ދަށުން ހައްޓަށް ހަމަލާދިނުމުގެ ކުށުގައެވެ.

އީގްލްސްއާ ދެކޮޅަށް ނިއުރޭޑިއަންޓް ކުޅުނު މެޗުގައި ޓީމް ލިސްޓުގައި ޖަހާފައިނުވާ ސޮލާހް ދަނޑުމައްޗަށް އަރައި ހަމަނުޖެހުން ހިންގަން އުޅުނުކަން ސާބިތުވެ އޭނާއަށްވެސް އެފްއޭއެމުން ވަނީ ފިޔަވަޅު އަޅާފައެވެ. އެގޮތުން އޭނާއަށް ވަނީ ޑިސިޕްލިނަރީ ކޯޑުގެ 39 ވަނަ މާއްދާގެ ދަށުން ތަޅާފޮޅުން ހިންގާފައިވާތީ 6 މެޗަށް ސަސްޕެންޑްކޮށް ޖޫރިމަނާކޮށްފައެވެ.

މެޗުގައި ހިނގާދިޔަ ކަންތައްތަކަށް ފަހު ދެން ފިޔަވަޅު އަޅާފައިވަނީ އީގަލްސްގެ އެސިސްޓެންޓް ކޯޗު އަހުމަދު ނިމާދަށެވެ. އޭނާވަނީ ފަސް މެޗަށް ސަސްޕެންޑްކޮށް 8000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

މި ސަސްޕެންޝަނުގެ ސަބަބުން ދެޓިމުގެ ކުޅުންތެރިންނަށްވެސް މުހިއްމު މެޗުތަކެއް ގެއްލޭނެއެވެ.

comment ކޮމެންޓް