އިނގިރޭސި ރާނީގެ ޔޫތު ލީޑަރުންގެ މެންޓޯ ޕެނަލަށް އަނެއްކާވެސް ރަފިއްޔާ ހޮވިއްޖެ

އައިޝަތު ރަފިއްޔާ: މިއީ އިނގިރޭސި ރާނީގެ ޔޫތު ލީޑަރުންގެ މެންޓޯ ޕެނަލްއަށް ރަފިއްޔާ ހޮވުނު ދެވަނަ އަހަރު ---

މުޖުތަމައުއަށް ހިދުމަތް ކޮށްދިނުމާއި ލިބިފައިވާ ހުނަރެއް ބޭނުންކޮށްގެން އާއްމުންގެ ދިރިއުޅުމަށް އެދެވޭ ރަނގަޅު ބަދަލުތަކެއް ގެނައުމަށް އިސްނަގައިގެން މަސައްކަތްކުރާ ޒުވާނުންނަށް އިނގިރޭސި ރާނީ ދެއްވާ އެވޯޑް ލިބޭ ޒުވާނުންގެ މެންޓޯ ޕެނަލްއަށް ދެވަނަ ފަހަރަށް އައިޝަތު ރަފިއްޔާ ހޮވިއްޖެއެވެ.

ކުއީންސް ޔަންގް ލީޑާސް (ކިއުވައިއެލް)ގެ އެވޯޑް ލިބުނު ކުދީންނަށް ޔުނިވާސިޓީ އޮފް ކެބްރިޖުން ހިންގާ އެކްސްކުލޫސިވް ކޯހެއް ކަމަށްވާ، "ލީޑިން ޗޭންޖް"ގެ މެންޓޯ އިންގެ ގޮތުގައި ހޮވާނީ ދުނިޔޭގެ އެކި ގައުމުތަކުން އެކި ދާއިރާތަކުގެ މާހިރުންނެވެ.

އެގޮތުން އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ޒުވާނުން ބާރުވެރިކުރުވުމަށް އުފައްދާފައިވާ "ރަފީ" ޖަމިއްޔާގެ ފައުންޑިން ޕްރެޒިޑެންޓް ކަން ވެސް ކުރައްވާ ރަފިއްޔާ އަކީ ރާއްޖޭން އެ ޕެނަލްއަށް ހޮވުނު ފުރަތަމަ ފަރާތެވެ. އަދި މިއަހަރުގެ މެންޓޯ ޕެނަލް އަށް ވެސް ރަފިއްޔާ ހޮވިފައިވަނީ ޕާސަނަލް މެންޓޯއެއްގެ ގޮތުގައެވެ.

މިއީ ކޮމަންވެލްތު ގައުމުތަކުން އަންނަން އޮތް ޖީލުތަކުގެ ޒުވާން ލީޑަރުން މެންޓޯކޮށް ގައިޑް ކޮށްދިނުމަށް ޓަކައި ކިއުވައިއެލްގެ ޕްރޮގްރާމް ހިންގާ ކެބްރިޖް ޔުނިވާސިޓީގެ އިންސްޓިޓިއުޓް އޮފް ކޮންޓިނިއުއިން އެޑިއުކޭޝަން އިން ހޮވާ މެންޓޯ އިންނެވެ.

މިދިޔަ އަހަރުގެ މެންޓޯގެ ތަޖުރިބާ "ސަން"އާ ހިއްސާކުރަމުން ރަފިއްޔާ މިރޭ ވިދާޅުވީ، އިނގިރޭސި ރާނީގެ ޔޫތު ލީޑަރުންގެ މެންޓޯ ޕެނަލްގައި މަސައްކަތްކުރުމަކީ ލިބުނު ވަރަށް ބޮޑު ތަޖުރިބާ އެއް ކަމަށެވެ. އަދި ކޮމަންވެލްތުގެ ގައުމެއްގެ ގޮތުގައި ރާއްޖެ ނުހިމެނުނު ނަމަވެސް، މިއަހަރު އެ ޕެނަލްގައި މެންޓޯއަކަށް ވުމުގެ ފުރުސަތު ލިބުމަކީ މިދިޔަ އަހަރު ކުރި މަސައްކަތް ބަލައިގަތް ކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، މެންޓޯ ޕެނަލްގެ ސަބަބުން ގިނަ ބަޔަކާ ގުޅުން ބަދަހިވެ އާ ކަންތައްތަކެއް ދަސްވެފައިވާތީ، އެ ފުރުސަތު ދެއްވި ފަރާތަށް ރަފިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިދިޔަ އަހަރު ރަފިއްޔާގެ މެންޓީ އަކީ މައިކްރޮނޭޝިއާގައި އޮންނަ ކުޑަ ގައުމެއް ކަމަށްވާ ނައުރޫއަށް އުފަން، 26 އަހަރުގެ ޒުވާނެކެވެ. އޭނާ މަސައްކަތްކުރަމުންދިޔައީ އޮސްޓްރޭލިއާގައި ހުންނަ ނައުރޫ އެމްބަސީގައެވެ.

މި އަހަރުގެ ރަފިއްޔާއަކަށް މެންޓީއެއްގެ ގޮތުގައި ލިބިފައިވަނީ ގާނާއަށް އުފަން 21 އަހަރުގެ ވިނީފްރެޑް ސެލްބީ ނަމަކަށް ކިޔާ އަންހެން ޒުވާނެކެވެ.

ގާނާގައި އިޖްތިމާއީ އަދި ވަޒީފާއާއި ތައުލީމީ ފުރުސަތުތައް އަންހެނުންނަށް ފަހިކޮށްދިނުމުގެ އިތުރުން މުޅި އެފްރިކާގައި ޒުވާން ވިޔަފާރިވެރިޔާގެ ތެރޭގައި ގުނާލެވޭ، ވިނީ އަކީ ބެންބޫ ނުވަތަ އޮނު ބޭނުންކޮށްގެން ބައިސްކަލް ހެދުމުގެ ކުންފުންޏެއް ކަމަށްވާ ގާނާ ބެންބޫ ބައިކްސްގެ ކޯ ފައުންޑާއެވެ.

މިއަހަރުގެ މެންޓީއާ ގުޅޭގޮތުން ރަފިއްޔާ ވިދާޅުވީ، މިއަހަރުގެ ޒުވާނާއަކީ އޭނާއާ އެއްގޮތް ޒުވާނެއްކަމުން އޭނާއާއެކު މަސައްކަތްކުރުމަށް ލިބުމަކީ ނުހަނު ޝައުގުވެރިވާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ޒުވާނުންނާއި އަންހެނުންނަށް ކުރެވިދާނެ ކަންތައްތަކުގެ ހިޔާލު އޭނާގެ ފަރާތުން ހޯދައި، އެކަންތައްތައް ރާއްޖޭގައި ކުރުމަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ.

އަންހެނުންނާއި ޒުވާނުންގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ރަފިއްޔާއަށް ވަނީ މީގެ ކުރިން ވެސް ބައިނަލްއަގްވާމީ ގިނަ އެވޯޑްތަކެއް ހޯއްދަވާފައެވެ.

އެގޮތުން ރޯޔަލް އިންސްޓިޓިއުޓު އޮފް ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޓު އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދެކުނު އޭޝިއާގެ ފުރަތަމަ އޮނޮރަރީ ޕްރެސިޑެންޓްކަން ލިބިވަޑައިގަތް ރަފިއްޔާ ވަނީ، ގޯލްޑަން ގްލޯބް ޓައިގާ އައުޓްސްޓޭންޑިންގް ވިމެން ލީޑަޝިޕް އެވޯޑް ހޯދި ފުރަތަމަ ދިވެއްސެވެ.

comment ކޮމެންޓް