ޔުނިވާސަލް އިން ވިލާ ކޮލެޖުގެ ހޮސްޕިޓޭލިޓީ ކޯހުގައި ކިޔަވާ 20 ދަރިވަރަކު ސްޕޮންސާ ކުރަނީ

ހޮސްޕިޓަލިޓީ އިން ސެޓްފިކެޓް ތިނެއްގެ ޕްރޮގްރާމުގައި ކިޔަވާ 20 ކުއްޖަކު ސްޕޮންސަރު ކުރުމަށް ނިންމުމަށް ވިލާ ކޮލެޖާއެކު ޔުނިވާސަލް ފައުންޑޭޝަނުން މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ވިލާ ކޮލެޖް

ފަތުރުވެރިކަމުގެ ދާއިރާއަށް ޒުވާނުން ތަމްރީނުކޮށް ވަޒީފާގެ ބާޒާރަށް ނެރުމަށް ވިލާ ކޮލެޖުގެ ހޮސްޕިޓަލިޓީ އިން ސެޓްފިކެޓް ތިނެއްގެ ޕްރޮގްރާމުގައި ކިޔަވާ 20 ކުއްޖަކު ސްޕޮންސަރު ކުރުމަށް ޔުނިވާސަލް ފައުންޑޭޝަނުން ނިންމައިފިއެވެ.

އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވިލާ ކޮލެޖާއެކު ޔުނިވާސަލް ފައުންޑޭޝަންގެ ފަރާތުން ވަނީ މިއަދު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އެއްބަސްވުމުގައި ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރެވެ. ޔުނިވާސަލް ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ ފައުންޑޭޝަންގެ ރައީސް އިޔާޒް ވަހީދެވެ.

ޔުނިވާސަލް ފައުންޑޭޝަންގެ ސްޕޮންސަރު ދޭ ދަރިވަރުންނަށް ޓިއުޝަން ފީ ދިނުމުގެ އިތުރުން އިންޓާންޝިޕް ފުރިހަމަކުރުމަށްޓަކާ ދަރިވަރުން މަސައްކަތްކުރާނެ ރިސޯޓްތައް ހަމަޖައްސައިދޭނެއެވެ. އޭގެ އިތުރުން ކޯހުގެ މުއްދަތުގައި 3000 ރުފިޔާގެ އެލަވެންސެއް ދޭނެއެވެ.

ވިލާ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ. އަލީ ނަޖީބް ވިދާޅުވީ، މި އެއްބަސްވުމަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ޒުވާނުން ތަމްރީނުކޮށް ވަޒީފާގެ ބާޒާރަށް ނެރުމަށް ޔުނިވާސަލް ފައުންޑޭޝަނުން ހިންގާ ޑިސްކަވަރީ ހޮސްޕިޓަލިޓީ އިނިޝިއޭޓިވްގެ ދަށުން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

އެގޮތުން، ގާތްގަނޑަކަށް ހަތަރު މަހަށް ކުރިއަށްގެންދާ ސެޓްފިކެޓް 3 އިން ހޮސްޕިޓޭލިޓީ ޕްރޮގްރާމަކީ ވިލާ ކޮލެޖުގައި މިހާރުވެސް ކުރިއަށްދާ ޕްރޮގްރާމްގެ ބަދަލުގައި ޔުނިވާސަލް ފައުންޑޭޝަންގެ ކަންތައްތައް ހިމަނައިގެން ފަށާ ކޯހެއް ކަމަށް ނަޖީބް ވިދާޅުވިއެވެ.

އަދި މިއަދުން ފެށިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެ ޕްރޮގްރާމްގައި ދަރިވަރުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެޕްލިކޭޝަން ފޯމާއި ކޯހާއިބެހޭ އިތުރު މައުލޫމާތު ވިލާ ކޮލެޖުން ލިބޭނެ އެވެ.

comment ކޮމެންޓް