ލާމަރުކަޒީ ގާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ ބިލް، ތަސްދީގު ނުކުރައްވައި، އަނބުރާ މަޖިލީހަށް ފޮނުއްވައިފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް، ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ތަސްދީގު ނުކުރައްވައި، މަޖިލިހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، އެބިލް އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން މިދިޔަ ޖޫން މަހުގެ 22 ގައި ފާސްކުރައްވައި، ތަސްދީގު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވި، އެ ބިލާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ އެ ބިލަށް އެޓާނީ ޖެނެރަލްގެ ޤާނޫނީ ލަފާ ހޯއްދެވުމަށް ފޮނުއްވުމުން، އެ ބިލާ ގުޅޭގޮތުން ބައެއް މައްސަލަތައް އެޓާނީ ޖެނެރަލް ފާހަގަކުރައްވާފައިވާތީ، އެމައްސަލަތަކަށް ރިއާޔަތް ކުރައްވައި، އެބިލުގައި އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ދެކިވަޑައިގެންނަވާ ކަމަށެވެ.

އެޓާނީ ޖެނެރަލް ފާހަގަކުރައްވާފައިވާ ކަންތައްތައް ކަމަށް ބަޔާންކޮށް، އެސިޓީގައި ވަނީ ބިލުގެ ތިން ވަނަ މާއްދާގައި، އަވަށު ކައުންސިލުތަކުން ނުވަތަ ރަށު ކައުންސިލުތަކުން ޖަވާބުދާރީވާ އަދި ރިޕޯޓުކުރާ ރަސްމީ ފަރާތަކީ، އެރަށެއް ނުވަތަ އެ އަވަށެއް ހިމެނޭ އަތޮޅެއްގެ އަތޮޅު ކައުންސިލު ނުވަތަ ސިޓީ ކައުންސިލު ކަމަށް ބަޔާންކޮށްފައިވާތީ، ސިޓީގައި ހިމެނޭ އަވަށު ކައުންސިލަކީ ރަށު ކައުންސިލަށް ޖަވާބުދާރީވެ، ރިޕޯޓް ކުރަން ނުޖެހޭ، އަދި ރަށު ކައުންސިލާ އެއްވެސް މަޝްވަރާ ކުރުމެއްނެތި، ހިންގޭ ކައުންސިލެއް ކަމަށް ދޭހަވާ ކަމަށެވެ. އަދި ބިލުގެ ހަ ވަނަ މާއްދާގައި، ސިޓީގައި ހިމެނޭ ރަށްރަށުގެ ރަށު ކައުންސިލުން ނުވަތަ އަވަށް އަވަށުގެ އަވަށު ކައުންސިލުން، ރައްޔިތުންގެ ބައިވެރިވުމާއެކު ތައްޔާރުކޮށް، ސިޓީ ކައުންސިލަށް ހުށަހަޅާ ތަރައްގީގެ ޕްލޭންތަކުގެ މައްޗަށް ބިނާކޮށް، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީން ސިޓީ ކައުންސިލުގެ މަޝްވަރާގެ މަތިން އެކަށައަޅައި، މުޅި ސިޓީގެ ތަރައްގީގެ ޕްލޭނަށް ރިއާޔަތްކޮށްގެން ތަރައްގީގެ މަޝްރޫއުތައް ރޭވުމާއި، ބަޖެޓު ތައްޔާރު ކުރުމާއި، ތަރައްޤީގެ މަޝްރޫއުތައް ތަންފީޒު ކުރުމަކީ ސިޓީ ކައުންސިލްގެ ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް އެސިޓީގައިވެ އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ނ) ގައި ރަށު ކައުންސިލުން ތަންފީޒު ކުރުމަށް ރަށު ކައުންސިލާ ސަރުކާރުން ހަވާލުކުރާ ތަރައްގީގެ މަޝްރޫއުތައް ތަންފީޒުކުރުން ހިމެނޭތީ، ތަރައްގީގެ އެކިއެކި މަޝްރޫއުތައް ހިންގައި ތަންފީޒު ކުރުމުގައި، ސިޓީ ކައުންސިލަށާއި، ސިޓީގައި ހިމެނޭ ރަށު ކައުންސިލަށް ނުވަތަ އަވަށު ކައުންސިލަށް ލިބިދީފައިވާ ބާރުތައް ފުށުއަރާ ކަމަށް އެޓާނީ ޖެނެރަލް ފާހަގަކުރައްވާފައިވާ ކަމަށްވެސްވެ އެވެ. އަދި ބިލުގެ އަށް ވަނަ މާއްދާގައި، ސިޓީ ކައުންސިލުން ދޭ ހިދްމަތްތަކާއި ރަށު ކައުންސިލުތައް ނުވަތަ އަވަށު ކައުންސިލުތައް މެދުވެރިވެގެން ދޭ ހިދްމަތްތަކަށް، އެގާނޫނުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ފީ ކަނޑައެޅުމާއި ފީ ނެގުމުގެ ބާރު ސިޓީ ކައުންސިލަށް ލިބިގެންވާ ކަމަށް ބަޔާން ކޮށްފައިވާއިރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް، ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ތ) ގައި ރަށު ކައުންސިލުން ދޭ ހިދްމަތްތަކާއި ކައުންސިލް މެދުވެރިވެގެން ދޭ ހިދްމަތްތަކަށް އެގާނޫނުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ފީ ކަނޑައެޅުމާއި ފީ ނެގުމުގެ ބާރު، ރަށު ކައުންސިލަށްވެސް ލިބިދީފައިވާތީ، ރަށު ކައުންސިލުން ދޭ ހިދްމަތްތަކަށް ފީ ކަނޑައަޅައި، ފީ ނެގުމަކީ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަމެއްތޯ ނުވަތަ ރަށު ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަމެއްތޯ ސާފުނުވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

އެ ބިލުގެ 13 ވަނަ މާއްދާގައި، އިދާރީ ދާއިރާއެއްގައި ހިމެނޭ ރަށަކީ ނުވަތަ އަވަށަކީ ނުވަތަ އިދާރީ ދާއިރާއަކީ ނުވަތަ ރަށްތަކެއް ގުޅިގެން އުފައްދާ ސަރަހައްދަކީ، ޤާނޫނުގެ ޖަދުވަލު ދޭއް ގައި ބުނެފައިވާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން، ސިޓީއެއްގެ ދަރަޖަ ހައްގުވާ ފަރާތެއް ކަމަށް ފެނިގެން، ލޯކަލް ގަވާމަންޓް އޮތޯރިޓީއަށް ހުށަހެޅުމުގެ ހައްގު، ކަމާބެހޭ ކައުންސިލަށް ލިބިގެންވާ ކަމާއި، ސިޓީއެއްގެ ދަރަޖަ ދިނުމުގެ ޝަރުތު ހަމަވާ އިދާރީ ދާއިރާއަކަށް ސިޓީގެ ދަރަޖަ ލިބިގެންވާ ކަމަށް ކަނޑައަޅާ ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާތީ، ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ކަމަށް ކަނޑައެޅުއްވުމަކީ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ކަމަށް ދޭހަވާ ކަމަށްވެސް އެސިޓީގައިވެ އެވެ. ނަމަވެސް، ބިލުގެ 14 ވަނަ މާއްދާގައި، ޤާނޫނުގެ ޖަދުވަލު 2 ގައި ބުނެފައިވާ ޝަރުތުތައް ހަމަވާނަމަ، އެ ރަށަކީ ނުވަތަ އެ އަވަށަކީ ނުވަތަ އެ ސަރަހައްދަކީ ސިޓީއެއް ކަމަށް ލޯކަލް ގަވާންމަންޓް އޮތޯރިޓީން ކަނޑައަޅަންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް، ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 39 ވަނަ މާއްދާއަށް ރިއާޔަތްކުރާއިރު، ޤާނޫނުގެ ޖަދުވަލު ދޭއް ގައި ބުނެފައިވާ ޝަރުތުތައް ހަމަވާ ރަށެއް ނުވަތަ ސަރަހައްދަކީ ސިޓީއެއް ކަމަށް ކަނޑައެޅުއްވުމަކީ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ކަމަށް ބަޔާންކޮށްފައިވާއިރު އެ ބިލުގެ 13 ވަނަ މާއްދާއާއި 14 ވަނަ މާއްދާއަށް ރިއާޔަތްކުރާއިރު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގައި ހިމެނޭ ރަށަކީ ނުވަތަ އަވަށަކީ ނުވަތަ އިދާރީ ދާއިރާއަކީ ނުވަތަ ރަށްތަކެއް ގުޅިގެން އުފައްދާ ސަރަހައްދަކީ ގާނޫނުގެ ޖަދުވަލު ދޭއް ގައި ބުނެފައިވާ ޝަރުތުތައް ހަމަވާ ފަރާތެއްނަމަ، އެފަރާތަކަށް ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ކަމަށް ކަނޑައަޅާނީ ކޮން ފަރާތަކުންކަން ސާފުނުވާ ކަމަށްވެސް އެޓޭނީ ޖެނެރަލް ފާހަގަ ކުރައްވާފައިވާކަން ވެސް އެސިޓީގައިވެ އެވެ.

ބިލުގެ 15 ވަނަ މާއްދާގައި، ސިޓީއެއްގެ ތެރޭގައި ހިމެނޭ ރަށު ކައުންސިލުތަކާއި އަވަށު ކައުންސިލުތަކަށް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް، ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ރަށު ކައުންސިލާބެހޭ ބާބުގައި ބަޔާންވެގެންވާ ބާރުތަކާއި އިހުތިސާސްތައް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާތީ، ޤާނޫނުން ސިޓީ ކައުންސިލަށް ލިބިދީފައިވާ ބާރުތަކާއި އިހުތިސާސްތަކާއި، ސިޓީއެއްގެ ތެރޭގައި ހިމެނޭ ރަށު ކައުންސިލުތަކުގެ ބާރުތަކާއި އިހުތިސާސްތަކާއި، ހަމަ އެސިޓީއެއްގެ ތެރޭގައި ހިމެނޭ އަވަށު ކައުންސިލުތަކުގެ ބާރުތަކާއި އިހުތިސާސްތައް ފުށުއަރާ ކަމަށްވެސް މަޖިލީހުގެ ރައީސްއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި އެސިޓީގައިވެ އެވެ.

އެ ބިލު ގާނޫނަކަށްވުމުން، އޭގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމުވާނެތީއާއި، އަވަށު ކައުންސިލާއި ރަށު ކައުންސިލާއި، ސިޓީ ކައުންސިލުން ފޯރުކޮށްދޭންޖެހޭ ހިދްމަތްތައް ފޯރުކޮށްދޭންޖެހޭނެތީ އާއި، ކައުންސިލްތަކުގެ ބާރުތަކާއި އިހުތިސާސްތައް ފުށުއަރާގޮތަށް އެ ބިލު އެކުލަވާލާފައި އޮތުމުން، ގާނޫނު ތަންފީޒު ކުރުމުގައި ދަތިތަކެއް ހުރި ކަމަށް އެސިޓީގައި ފާހަގަކުރައްވާފައިވެ އެވެ. އަދި އެބިލު ޤާނޫނަކަށްވުމުން، ލާމަރުކަޒީ ނިޒާމަށް އަންނާނެ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ ހަރަދުތައް ވަރަށް ބޮޑުތަން އިތުރުވެގެންދާނެތީ، އެ މައްސަލަތަކާމެދު ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އެސިޓީފުޅުގައި އެދިވަޑައިގެންފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު