ދުވާރާއި ޒޯންތައް މިނިވަންކުރޭ

ޕޭމަންޓް ބޭނުން ކުރަން އުނގަދޫވާގޮތަށް އެއްޗެތި ބަހައްޓާފައި-- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

ސައިކަލް ޕާކްކުރަން ބެލި އިރު ޕާކިން ޒޯނު ދިގަށް ހަރުގަނޑެއް ވަނީ ބާއްވައިފަ އެވެ. އެއީ ކޮންކަމެއްތޯ ސުވާލުކުރުމުން ބުނީ ކުރިމަތީ ހުރި ގުދަނަށް މުދާ ހުސްކުރުމަށް ޖާގަ ހަދާފައި ކަމަށެވެ. މާ ދުރުގައި ސައިކަލް ބަހައްޓާފައި ޕޭމަންޓަށް އެރި އިރު ތަރުތީބެއްނެތި ފުނި ޖަހާފައި ހުރި ގަލާއި ގޮނޑި ފަދަ ތަކެތީގެ އިތުރުން އިމާރާތްތަކަށް އަޅާފައިވާ އެސްލޯން ފަލަ ހޮޅިތަކުގެ ސަބަބުން ހިނގެން ނެތެވެ. މިއީ ތޮއްޖެހިފައިވާ މާލޭގެ ހާލެވެ.

ޕޭމަންޓުން ހިނގެންނެތް

ޕޭމަންޓް މެދުގައި ގޮނޑި އެއް ބަހައްޓާފައި ހުރެދާނެ އެވެ. ނޫނީ ގާތަކެއް ނަގާފައި ހުރެދާނެ އެވެ. ނުވަތަ ކޮންމެ ވެސް ފިހާރައަކަށް ގެނެސް ހުރި މުދާތަކެއް ނޫނީ އިމާރާތެއް ހަދާ ބަރު މުދާތަކެއް ބަހައްޓާފައި ހުރެދާނެ އެވެ. އެކަމުގެ ސަބަބުން ހިނގާ ބިނގާވުމަށް މަގުން ހާއްސަކޮށްފައިވާ ޕޭމަންޓުން ހިނގަން ފުރުސަތު ނުލިބެ އެވެ.

"މަގުން އެދަނީ ބޫންބޫން ކަނޑާފައި، ދެން ހިނގަން މިއޮންނަނީ ޕޭމަންޓް، ޕޭމަންޓް މިއޮންނަނީ ގުދަނެއްހެން ފުރިފައި، ނޫނީ ދެފަރާތުގައި ކުނިކޮތަޅުއަތުރާފައި،" ޕޭމަންޓުންވާ ދަތި ހިއްސާ ކުރަމުން ޒުވާން ބެލެނިވެރިއަކު ބުންޏެވެ.

ކާރުބާރު ބޮޑު އަދި ނުރައްކާ ދުއްވުންތައް ގިނަ މާލޭގައި ހިނގާބިނގާވެ އުޅުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޕޭމަންޓުން އެފުރުސަތު ނުލިބުމެވެ. އެއީ ޅަދަރިންނަށާއި ދުވަސްވީ މީހުންގެ އިތުރުން އެތައް ހާސް ބަޔަކު ދިރިއުޅޭ މާލޭގައި އޮތް ބޮޑު ބިރެކެވެ.

ޕަލެޓް ފިލާއަށް ހައްލެއްނެތް

ޒަމާންވީ މައްސަލައެކެވެ. ކޮންމެ ގެއަކަށް ފާލަމެއްހެން ގޭގެއަށް ވަނުމަށް ތަންހެދުމަށް "ޕަލެޓް" ފިލާ އެޅުމުގެ ސަބަބުން އެތައް ޕާކިން ޒޯނަކުން ބޮޑު ޖާގައެއް އެވަނީ ނަގާފަ އެވެ. ހަމައެއާ އެކު މުދާ ބޭލުމަށް ޖާގަ ހެދުމަށް ހިނގާ ބިނގާވެ އުޅުމަށާއި ދުއްވާއުޅަނދު ދުއްވުމަށް ދަތިވާގޮތަށް މަގުގެ އެކި ސަރަހައްދުތައް ބަންދުކުރުމަކީ ވެސް ހައްލެއްނެތް ޒަމާންވީ މައްސަލައެކެވެ.

އެހެން ހަދަން ޖެހޭ ސަބަބެއް ވެސް ވެ އެވެ. އެހެން ނޫނީ ގޭދޮރާށި ކުރިމަތީގައި ވެސް ޕާކް ކުރަނީ އެވެ. ގުދަން ކުރިމަތީގައި ވެސް ޕާކްކުރަނީ އެވެ. ތާކަށް ވަދެވެން ނެތީ އެވެ.

ހަރުދަނާ އުސޫލެއް ނެތި ގަދަމީހާ ގަދަވުމުގެ ނަތީޖާ އަކަށް ވެގެންދަނީ މަގުތަކުގައި ހަމައެއް ލަމައެއްނެތުމެވެ. މިއަދު މަގުތައް ވެފައި ވަނީ ލޭމައްޗަށްދާ މީހުން އިތުރަށް ލޭ މައްޗަށް ދިއުމަށް ބާރަކަށެވެ.

ފިޔަވަޅުތައް އެބައަޅަން

ޓުރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދު ވިދާޅުވީ އެފަދަ މައްސަލަތައް ހައްލު ކުރުމަށް ޓަކައި ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އަދި އުނދަގޫވާނެހެން މަގުތަކުގައި ބަހައްޓާފައި ހުންނަ ތަކެތި ފުލުހުން މެދުވެރިކޮށް ނަގަމުން އަންނަ ކަމަށް ވެސް މަހުދީ ވިދާޅުވި އެވެ.

ފުލުހުންގެ ހެޑް އޮފް ޓްރެފިކް މެނޭޖްމަންޓް ފަތުހުﷲ ވަހީދު ވިދާޅުވި ގޮތުގައި ދާއިމީ ހައްލަކަށްވާނީ ޕޭމަންޓް މީހުން ހިންގަން ޖާގަލިބޭގޮތަށް ހުސްކުރެވި ފިހާރަތައް ހުސްކުރުމަށް ފުރުސަތުތަކެއް ލިބިގެން ކަމަށާއި އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"ދެ ފަރާތަށް އެކަން ފައިދާވާ ގޮތަކަށް ހައްލެއް ގެނައުމަށް ހައުސިންއާއި ވާހަކަ ދައްކަމުން ދަނީ، ތަފްސީލްތައް ފަހުން ހާމަ ކުރާނަން،" ފަތުހުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ކުރަމުން އަންނަ މަސައްކަތަކީ ސާމްޕަލް މަގެއް މާލޭގައި ހެދުން ކަމަށާއި އެމަގަކީ ޕާކްކުރުމާއި ޕޭމަންޓަށް އަރާނެ ޖާގަ ލިބޭނެ ގޮތަށް ހަދާނެ މަގެއް ކަމަށެވެ.

ކޮންމެ އަކަސް މި މައްސަލަ އިންތިހާއަށް ކުރިމަތިވެފައި ވަނީ މިކުޑަ މާލެއާ އެކަށީގެންނުވާ ވަރަށް އުޅަނދުތައް މާލޭގައި ދުއްވަމުން ވެސް އަންނާތީ އެވެ. އެކަން ވެސް ހައްލަކަށް ގެންނަންޖެހެ އެވެ. މާލޭގައި އުޅަނދު ދުއްވޭނެ ވަކި މިންވަރެއް ކަނޑައެޅުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކުރިން ވަނީ ނިންމާފައި ވެސްމެ އެވެ. ނަމަވެސް ފަހުން ވަނީ އެނިންމުން ބާތިލްކޮށްފަ އެވެ.

މާލޭގެ މަގުތަކަކީ ދުއްވާ އެއްޗިއްސަށް ދުއްވަން ފަސޭހަ އަދި ހިނގާ މީހުންނަށް ހިނގާ ބިނގާވެ އުޅުމަށް ފަސޭގަ ތަނަކަށް ހެދުމަށް ގިނަ ބަދަލުތަކެއް އެބަގެންނަންޖެހެ އެވެ. މިހާރު މަގުތައް ވެފައި ވަނީ ރައްކާތެރިކަމެއް ނެތް މީހުންގެ ރުޅިގަދަވާ ތަނަކަށެވެ. އެކަންކަން ހައްލުކުރަން ޖެހެ އެވެ.

comment ކޮމެންޓް