ކޮމަންޑޫ އާއި މަޑިފުށި ކައުންސިލްގެ ދެވަނަ ބުރު ހޮނިހިރު ދުވަހު ބާއްވަނީ

މޭ 6، 2017: ލޯކަލް ކައުސިލް އިންތިހާބުގައި މާލޭގައި ބެހެއްޓި ބައެއް ވޯޓް ފޮށިތަށް ގުނަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ށ. ކޮމަންޑޫ އާއި ތ. މަޑިފުށީ ކައުންސިލްގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް "ސަން" އަށް ވިދާޅިވީ އެގޮތަށް ނިންމާފައި ވަނީ މިއަދު ކަމަށެވެ.

ކޮމަންޑޫ ކައުންސިލްގެ ދެވަނަ ބުރެއް ބާއްވަން ޖެހުނީ ތިން ވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުން އެއްވަރުވުމުންނެވެ. އެއީ އެމްޑީޕީގެ ދެ ކެންޑިޑޭޓެކެވެ.

ކޮމަންޑޫ ކައުންސިލްގެ އިތުރުން ތ. މަޑިފުށީ ކައުންސިލަށް އިންތިޚާބު ކުރަންޖެހޭ ތިން ކައުންސިލަރުން ހޮވުމަށް އެކައުންސިލްގެ ދެވަނަ ބުރެއް ބާއްވަން ނިންމާފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން އެ މަައްސަލަ ބެލުމަށްފަހުއެވެ.

މަޑިފުށީ ކައުންސިލަށް ވޯޓުލުމަށް އެހެން ކައުންސިލެއްގެ ވޯޓު ކަރުދާހެއް ވޯޓުލާން ދިޔަ މީހަކަށްދީފައިވާއިރު، އެ ކައުންސިލްގެ އިންތިޚާބު ކާމިޔާބު ކުރި ކެންޑިޑޭޓުން ހޮވުނީ އެއް ވޯޓުގެ ތަފާތަކުންނެވެ.

އެ ދެ ކައުންސިލްގެ ދެވަނަ ބުރުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް މިއަދު ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

comment ކޮމެންޓް