ކައުންސިލް އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކޮށް ނިންމާލައިފި

މޭ 6، 2017: ކުރިއަށް އޮތް ތިން އަހަރު ދުވަހަށް އިންތިޚާބުކުރާ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓްލުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކޮށް ނިންމާލައިފިއެވެ.

ރަސްމީ ނަތީޖާ އިއުލާންކުރަން އިލެކްޝަންސް ކޮމިޝަނުން ފަށާފައި ވަނީ އިއްޔެ މެންދުރުފަހު 2:30 ގައެވެ. އަދި ނަތީޖާ އިއުލާންކޮށް ނިންމާލީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

ރަސްމީ ނަތީޖާ އިއުލާންކޮށް އިއްޔެ ނިންމާލާފައިވާއިރު، ށ. ކޮމަންޑޫ ކައުންސިލްގެ ދެވަނަ ބުރެއް ބާއްވަން ވަނީ ޖެހިފައެވެ. އެއީ ތިން ވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުން އެއްވަރުވުމުންނެވެ. އެއީ އެމްޑީޕީގެ ދެ ކެންޑިޑޭޓެކެވެ.

ކޮމަންޑޫ ކައުންސިލްގެ އިތުރުން ތ. މަޑިފުށީ ކައުންސިލަށް އިންތިޚާބު ކުރަންޖެހޭ ތިން ކައުންސިލަރުން ހޮވުމަށް އެ ކައުންސިލްގެ ދެވަނަ ބުރެއް ބާއްވަން ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ނަތީޖާތަކަށް ބަލާއިރު، ޕީޕީއެމް އަށްރަށު ކައުންސިލްގެ 174 ގޮނޑި ލިބުނުއިރު، އެމްޑީޕީ އަށް ލިބިފައި ވަނީ ރަށު ކައުންސިލްގެ 254 ގޮނޑިއެވެ. އަދި އެމްޑީއޭ އަށް ރަށު ކައުންސިލްގެ 18 ގޮނޑި ލިބުނުއިރު ޖުމްހޫރީ ޕާޓީއަށް ލިބިފައި ވަނީ ރަށު ކައުންސިލްގެ 17 ގޮނޑިއެވެ. އަމިއްލަގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނަށް ވަނީ ރަށު ކައުންސިލްގެ 98 ގޮނޑި ލިބިފައެވެ.

އަތިޅު ކައުންސިލްތަކަށް ބަލާއިރު، އެމްޑީޕީން އަތޮޅު ކައުންސިލްތަކުގެ 37 ގޮނޑި ކާމިޔާބުކޮށްފައިވެއެވެ. ޕީޕީއެމް އަށް ކާމިޔާބުކުރެވުނީ އަތޮޅު ކައުންސިލްގެ 16 ގޮނޑިއެވެ. ޖުމްހޫރީ ޕާޓީން އަތޮޅު ކައުންސިލްގެ ތިން ގޮނޑި ކާމިޔާބުކުރިއިރު، އެމްޑީއޭ އަށް އަތޮޅު ކައުންސިލްގެ އެއްވެސް ގޮނޑިއެއް ކާމިޔާބެއް ނުކުރެވެއެވެ.

ސިޓީ ކައުންސިލްތަކަށް ބަލާއިރު، އެމްޑީޕީން ވަނީ ސިޓީ ކައުންސިލްގެ 21 ގޮނޑި ކާމިޔާބުކޮށްފައެވެ. ޕީޕީއެމް އާއި ޑީއާރްޕީން ކާމިޔާބުކުރީ ސިޓީ ކައުންސިލްގެ އެންމެ ގޮނޑިއެކެވެ.

comment ކޮމެންޓް