ފަޅު ރަށްރަށުގެ ރުށްތަކުން ކާށްޓާއި ކުރުނބާ އަޅައި ވިއްކަން ހުޅުވާލައިފި

އަތޮޅު ތެރޭގެ ރަށްރަށުން ކުރުނބާ މާލެއަށް ބާލާފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ ބެލުމުގެ ދަށުގައިވާ ފަޅުރަށްތަކާއި ބިންބިމުގައިވާ ރުށްތަކުން ކުރުނބާ އަދި ކާށި އަޅައި ވިއްކުމުގެ ފުރުސަތަށް އެދުމަށް ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ގެޒެޓްގައި އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ، އެ ފުރުސަތު ހުޅުވާލާފައި ވަނީ ކުރިއަށް އޮތް ރޯދަ މަހު ކާށި އަދި ކުރުނބާ މާކެޓް ކުރުމަށް ކަމަށެވެ.

އިއުލާނުގައި ބުނީ ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ކާއްޓާއި ކުރުނބަލަށް އޮންނަ ޑިމާންޑު ބޮޑުވެ، އަގުތައް އުފުލޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ބާޒާރުގައި ކާށި ފުންޏެއް ކައިރީގައި ބިދޭސީއަކު މަސައްކަތުގައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެގޮތުން އެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ފަޅު ރަށްތަކުގައިވާ ރުށްރުކުން ކުރުނބަލާއި ކާށި އަޅައި، މިނިސްޓްރީއާ އެކު އެއްބަސްވެވޭ އަގުތަކެއްގައި އެތަކެތި ވިއްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމަށް ގަސްތުކޮށްފައިވާ ކަމަށް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

އެހެންކަމުން އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހު 21 ވަނަ ދުވަހު އޮފީސް ބަންދު ކުރުމުގެ ކުރިން މިނިސްޓްރީ އަށް ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެ އިއުލާނުގައިވެ އެވެ.

އީމެއިލް މެދުވެރިކޮށް، އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތައް ސިޓީ ފޮނުވާނީ [email protected] އަށެވެ.

comment ކޮމެންޓް