ޓްރަމްޕް ވަނީ ރަޝިއާގެ ސަފީރާއި ފޮރިން މިނިސްޓަރާ 'ސިއްރު މައުލޫމާތު ހިއްސާ ކުރައްވާފައި

ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިއާގެ ފޮރިން މިނިސްޓަރު ސާޖީ ލަވްރޮވް އާއި އެގައުމުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސާޖީ ކިސުލްޔަކްއާ ބައްދަލުކުރައްވަނީ -- ފޮޓޯ: އޭއެފްޕީ

މޮސްކޯ (މެއި 16): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރަޝިއާގެ ސަފީރާއި ފޮރިން މިނިސްޓަރާ ސިއްރު މައުލޫމާތު ހިއްސާ ކުރައްވާފައި ކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެފި އެވެ.

ނަން ހާމަ ކުރަން ބޭނުން ނުވާ އޮފިޝަލުންތަކަކާ ހަވާލާދީ އެނޫހުގައިވާ ގޮތުން މިމަހުގެ 10 ވަނަ ދުވަހު ވައިޓް ހައުސްގައި އޮތް ބައްދަލުވުމެއްގައި ރައީސް ޓްރަމްޕް ވަނީ ރަޝިއާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޮވް އާއި އެގައުމުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސާގޭ ކިސްލިޔަކްއާ ސިއްރު މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ.

ރައީސް ޓްރަމްޕް އެ ދެ ބޭފުޅުންނާ ހިއްސާ ކުރެއްވީ އައިއެސްއާ ދެކޮޅަށް އެމެރިކާއިން ކުރާ ހަނގުރާމައިގައި އެގައުމަށް ވާގިވެރިވާ 'ޕާޓްނަރަކު' ހިއްސާ ކުރި މައުލޫމާތު ކަމަށާއި، އެއީ ރަޝިއާއާ ހިއްސާ ކުރުމުގެ ހުއްދަ ދީފައި ނުވާ މައުލޫމާތު ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. އަދި ޓްރަމްޕް އަމަލު ކުރެއްވި ގޮތުން އެފަރާތުން އައިއެސްއާ ބެހޭ މައުލޫމާތު އެމެރިކާއާ ހިއްސާ ކުރުން ހުއްޓާލުމުގެ ބިރު އޮތް ކަމަށްވެސް ވޮޝިންޓަން ޕޯސްޓުގައިވެ އެވެ.

ރައީސް ޓްރަމްޕް އެމައުލޫމާތު ހިއްސާ ކުރެއްވުމުގެ ސަބަބުން 'ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި' އެބައްދަލުވުމުގައި ތިއްބެވި ވައިޓް ހައުސް އޮފިޝަލުން ވަނީ ސީއައިއޭ އަށާއި ނެޝަނަލް ސެކިއުރިޓީ އޭޖެންސީއަށް އެކަން ވަގުތުން އަންގާފައި ކަމަށް ޕޯސްޓުގައިވެ އެވެ.

ނަމަވެސް ޓްރަމްޕްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އެޗް އާރު މެކްމާސްޓާ ވަނީ އެއީ 'ތެދު ނޫން' ރިޕޯޓެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ރަޝިއާގެ ޑިޕްލޮމެޓުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ޓްރަމްޕް ވަނީ ދެ ގައުމަށް އޮތް ނުރައްކާތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައި ކަމަށާއި އޭގެ ތެރޭގައި ޖާސޫސީ މައުލޫމާތު ހޯދާ ގޮތްތަކާއި އަސްކަރީ އޮޕަރޭޝަންތަކާ ބެހޭ މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށް މެކްމާސްޓާ ވިދާޅުވެފަ އެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރާއި ރައީސް ޓްރަމްޕް ބައްދަލު ކުރެއްވީ އެފްބީއައިގެ ވެރިޔާ ޖޭމްސް ކޯމީ މަގާމުން ވަކި ކުރެއްވިތާ އެއް ދުވަސް ފަހުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ކޯމީ މަގާމުން ދުރުކުރީ ޓްރަމްޕްގެ ކެމްޕެއިނާއި ރަޝިއާއާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަމުން ދާތީ އެވެ. (ވޮޝިންޓަން ޕޯސްޓް)

ގުޅޭ ޓެގު
comment ކޮމެންޓް