ހުސްހަށިބައިވުމުން ނިދީ މަގުމަތިވެއްޖެ

ޓައިގާ ޝްރޯފް އާއެކު 'މުންނާ މައިކަލް' ގެ ލީޑު ރޯލުން ފެނިގެންދާ ބަތަލާ ނިދީ އަގަރްވާލް ގެއިން ނެރެފި އެވެ.

ނިދީ އާއި ހަވާލާދީ ޚަބަރުތައް ބުނާގޮތުން ނިދީ ގެއިން ބޭރު ކޮށްލާފައި ވަނީ އޭނާ އަކީ ހުސްހަށިބައި އެކްޓަރަކަށް ވުމުން ކަމަށެވެ. އެއީ މުމްބާއީގައި ދިރިއުޅޭ ވަރަށް ގިނަ އަންހެން އެކްޓަރުންނަށް ދިމާވާ މައްސަލަ އެކެވެ.

ނިދީ މުމްބާއީގެ ބަންޑްރާ ދިރިއުޅެމުން ދިޔައީ އޭނާގެ ކޮލެޖު ދުވަސްވަރުގެ އެކުވެރިއަކާ އެކު އެވެ. ނަމަވެސް ނިދީ އަކީ ހުސްހަށިބައި އެކްޓްރެސް އެއް ކަމުން ނިދީ ދިރިއުޅެމުން ދިޔަ ހައުސިން ސޮސައިޓީ އިން ވަނީ މައްސަލަ ޖައްސައިފަ އެވެ.

މިހާރު ވަންނާނެ އެހެން ތަނެއް ހޯދަން ނިދީ މަސައްކަތް ކުރަމުން އަންނަ އިރު، އޭނާ ގެއިން ބޭރުކޮށްލާފައި ވަނީ ހަ މަސް ދުވަހު އެ ގޭގައި އުޅުނު ފަހުންނެވެ.

ނިދީ ބުނީ އަލަށް ފިލްމީ ދާއިރާ އަށް ނުކުންނަ ފަރާތްތަކަށް ގެ ކުއްޔަށް ދިނުމަށް ބައެއް ފަރާތްތަކުން ދެކޮޅު ހަދަނީ، އެމީހުން ފައިސާ ހޯދަނީ ދަށުދަރަޖައިގެ އަމަލުތަކުން ކަމަށް ހީވާތީ ކަމަށެވެ.

ނިދީ ބުނީ މިއީ އޭނާ މުމްބާއީ އަށް ބަދަލުވި ފަހުން ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

comment ކޮމެންޓް