އެންމެ އިންސާފުވެރި އިންތިހާބެއް ބޭއްވީ މިދައުރުގައި، ނަތީޖާއާ މެދު ވިސްނަން ޖެހޭ: ރައީސް

ޕީޕީއެމް އާއި އެމްޑީއޭ އަދި ޑީއާރުޕީ ކޯލިޝަންގެ ފަރާތުން އެމްޑީއޭ ހަރުގޭގައި ބޭއްވި ހަރުގެ ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ތާރީހްގައި މިހާތަނަށް އެންމެ އިންސާފުވެރި އިންތިހާބެއް ބާއްވާފައި ވަނީ މި ދައުރުގައި ކަމަށާއި އެ އިންތިހާބުގެ ނަތީޖާއާ މެދު ފުންކޮށް ވިސްނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް ކޯލިޝަނުން ބާއްވާ ޖަގަހަ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން އެއްވެސް މިނިވަން މުއައްސަސާއަކަށް ނުފޫޒް ފޯރުވާފައި ނުވާނެ ކަމަށާއި ސަރުކާރުން ހުރިހާ ކަމެއް ވެސް ކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

"އެންމެ މިނިވަން އިންސާފުވެރި އިންތިހާބެއް މިހާތަނަށް ބާއްވާފައި އޮތް ކަމަށް ބޭރުގެ ފަރާތްތަކުން ވެސް އެހާގިނަ އޮބްޒާވަރުން އައިސް ގަބޫލުކުރީ މިސަރުކާރުގެ މި ޒައާމަތުގައި،" ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމް ކޯލިޝަނުން އިންތިހާބުގައި ވާދަކޮށް ކާމިޔާބުހޯދި ފަރާތްތަކަށް މަރުހަބާ ދަންނަވަމުން ރައީސް ޔާމީން ވިދާޅުވީ، މިނިވަން، ދެފުށް ފެންނަ އިންތިހާބެއް ބާއްވާފައިވާ އިރު އެ އިންތިހާބުން ނިކުތް ނަތީޖާއާ މެދު ހުރިހާ ފަރާތްތަކުން ވެސް ވިސްނަން ޖެހޭ ކަމަށެވެ.

ޕީޕީއެމް އާއި އެމްޑީއޭ އަދި ޑީއާރުޕީ ކޯލިޝަންގެ ފަރާތުން އެމްޑީއޭ ހަރުގޭގައި ބޭއްވި ހަރުގެ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާތަކަށް ބަލާ އިރު ކުރިއަށް ހުރި އިންތިހާބްތަކަށް އަޅުގަނޑުމެން ނަގަން ޖެހޭ ފިލާވަޅުތަކުގެ ތެރޭގައި، މާލޭގެ މިއޮތް ބޮޑު އާބާދީ އޮތް ތަނުގައި މާލެއިން ވޯޓް ލާން ނިކުތީ ކޮންމެ 10 މީހެއްގެ ތެރެއިން ތިން މީހުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ މާލޭގެ ބޮޑު އާބާދީއެއް ވޯޓްލާން ނުނިކުތް ސަބަބު ވެސް ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ، މީގެ ކުރިން ވެސް މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތީ އެމްޑީޕީ އަތުގައި ކަމަށާއި ނަމަވެސް އެ ފަރާތްތަކުން ރައްޔިތުންގެ ލާބަޔާއި މަންފާއަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާތީ އެކަންކަން ވެސް ކުރަން ޖެހުނީ ސަރުކާރަށް ކަމަށެވެ. އެހެން ކަމުން ރައްޔިތުން ނިކުމެ އެ ފަރާތްތަކަށް ވޯޓް ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ގަބޫލުކޮށްގެން ތިބީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނަތީޖާތައް ދިރާސާކޮށްފިން. އަދިވެސް މި ދަނީ ނަތީޖާތައް ދިރާސާ ކުރަމުން. އަޅުގަނޑުމެން ވަރަށް އަވަހަށް ތަފްސީލީ ހިސާބުތަކެއް ރައްޔިތުންނާ ހަމައަށް ގެނެސް ދޭނަން،" ރައީސް ވިދާޅުވި އެވެ.

ޕީޕީއެމްގެ މުސްތަޝާރު ކަންވެސް ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްއަށް ގިނަ ގޮނޑިތަކެއް ގެއްލިގެންދިޔައީ އެ ޕާޓީގެ ފިކުރުގެ ފަރާތްތަކެއް އަމިއްލަ ގޮތުން ނިކުމެ ވާދަކުރުމުން ކަމަށާއި ޕާޓީއާއި ގައުމު ދެކެ ލޯބިވާ ފަރާތްތަކުން ޕާޓީން ދައްކާ މީހަކަށް ވޯޓްދޭން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އަޅުގަނޑުމެންނާ ވާދަކޮށް ސަތޭކަ އެތަކެއް ގޮނޑިއެއް މިވަނީ ގެއްލިފައި. އެއީ އިދިކޮޅު ފަރާތްތަކަށް ދިޔަ ގޮނޑި،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، އިންތިހާބުގެ ހަގީގީ ނަތީޖާ ފެނިގެންދާނީ އިދިކޮޅު ފަރާތްތަކަށް ލިބުނު ގޮޑިތަކުގެ ތެރެއިން ސަތޭކަ އުނިކުރުމަށް ފަހު ސަރުކާރު ކޯލިޝަނަށް ސަތޭކަ ގޮނޑި އެއްކުރުމުން ކަމަށެވެ.

ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާތައް އިއުލާންކޮށްފައިވާ އިރު އިދިކޮޅު އެމްޑީޕީން ވަނީ 305 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ޕީޕީއެމް ކާމިޔާބުކޮށްފައި ވަނީ 191 ގޮނޑި އެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އިން 19 ގޮނޑި ކާމިޔާބުކުރި އިރު، ޖުމްހޫރީ ޕާޓީން ވަނީ 20 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ޑީއާރްޕީން އެއް ގޮނޑި ކާމިޔާބުކުރި އިރު، އަމިއްލަގޮތުން ކުރިމަތިލެއްވި ކެންޑިޑޭޓުން ވަނީ 101 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

comment ކޮމެންޓް