ކުޑައަކަސް މިއީ ދުނިޔޭގެ އެންމެ އަގުބޮޑު އަތް ދަބަސް!

"މަވަޑް 1001 ނައިޓްސް ޑައިމަންޑް ޕާސް"ގެ ނަން ދީފައިވާ ދުނިޔޭގެ އެންމެ އަގުބޮޑު އަތްދަބަސް: ދުނިޔޭގެ އެންމެ އަގުބޮޑު އަތްދަބަހުގެ ރެކޯޑް އޮތް މި އަތްދަބަހުގެ އަގަކީ 3.8 މިލިއަން އެމެރިކާ ޑޮލަރު ---

ބައެއް އަތް ދަބަސްތަކަކީ ބޮޑެތި ވެގެން ގޮސް ބާޒާރު ކޮތަޅެއްހާ ބޮޑެތި އެއްޗިއްސެވެ. އަނެއްބައި އަތް ދަބަސް ތަކަށް ބޭނުންވާ އެއްޗެހި ނުލެވުނު ނަމަވެސް، އިންނަ ގޮތް ރީތިވެގެން ވެސް ގެންގުޅޭ މީހުން މަދެއް ނޫނެވެ. އަނެއް ބައި މީހުންނަށް ބްރޭންޑެޑް ވެފައި އަގުބޮޑުވުމުން ވެސް އަތްދަބަސް ރީތިވެ އެވެ.

ނަމަވެސް ދައްކަން މިއުޅޭ ދަބަހަކީ އާދައިގެ ދަބަހެއް ނޫނެވެ. ދަބަހުގެ ސައިޒް ކުޑަ ވެދާނެ އެވެ. ނަމަވެސް މިއީ އެންމެ އަގުބޮޑު އަތްދަބަހުގެ ގޮތުގައި މިހާތަނަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާ އަތް ދަބަހެވެ.

ޖަވާހިރާއި އަލިމަސް ބޭނުންކޮށްގެން ލަގްޒަރީ ފެޝަން ގަހަނާ އުފައްދާ ސްވިޒަލޭންޑާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ކުންފުންޏެއް ކަމަށްވާ މަވަޑް އިން އުފެއްދި "މަވަޑް 1001 ނައިޓްސް ޑައިމަންޑް ޕާސް"ގެ ނަން ދީފައިވާ އެ އަތްދަބަހުގެ ނަމުން ވެސް މިއަތްދަބަހުގެ ފެންވަރު އަންދާޒާ ކޮށްލެވެ އެވެ.

"މަވަޑް 1001 ނައިޓްސް ޑައިމަންޑް ޕާސް"ގެ ނަން ދީފައިވާ ދުނިޔޭގެ އެންމެ އަގުބޮޑު އަތްދަބަސް: އަތްދަބަހުގައި 4500 އަށްވުރެ ގިނަ އަލިމަސް ހަރުކޮށްފައި ހުރޭ ---

އަށާރަ ކެރަޓް ރަން ނުވަތަ 3.6 ގްރާމް ރަން ބޭނުންކޮށް ހަދާފައިވާ އެ ދަބަހުގައި 4517 އަލިމަސް ހަރުކޮށްފައި ހުންނަ އިރު، އެ އަލިމަސްތަކުގެ ބަރުދަނުގައި 381.92 ކެރަޓް (76 ގްރާމް) ހުރެ އެވެ.

ރޮބާޓް މަވަޑް ޑިޒައިންކޮށްފައިވާ މި އަތްދަބަހުގެ އަގަކީ 3.8 މިލިއަން އެމެރިކާ ޑޮލަރު (58 މިލިއަން ދިވެހި ރުފިޔާ) އެވެ.

މިއީ މަވަޑް އިން އުފެއްދި އެއްޗެއް ދުނިޔޭގެ ރެކޯޑް ލެވެލް އަށް އެރި ދެވަނަ ފަހަރެވެ. މަވަޑް ކުންފުނިން ވަނީ 2003 ވަނަ އަހަރުގެ ތެރޭގައި ވިކްޓޯރިއާ ސީކްރެޓް އަށް 11 މިލިއަން އެމެރިކާ ޑޮލަރުގެ ބްރާ އެއް ތައްޔާރު ކޮށްފަ އެވެ.

comment ކޮމެންޓް