ޗެމްޕިއަން ޗެލްސީއަށް ވެންގާގެ އިންޒާރެއް- އަންނަ ސީޒަން ފަސޭހައެއް ނުވާނެ!

ޗެލްސީއަށް މި ސީޒަންގެ ޕްރިމިއަރ ލީގު ޗެމްޕިއަންކަން ހޯދައިދިން ކޯޗު އެންޓޯނިއޯ ކޮންޓޭއާއި އާސެނަލްގެ ކޯޗު އާސެން ވެންގާ -- ފޮޓޯ: ގެޓީ

މިދިޔަ ހުކުރު ދުވަހު ޗެލްސީން އިނގިރޭސި ޕްރިމިއަރ ލީގު ކަށަވަރުކުރި ނަމަވެސް، ކުރިއަށް އޮތް ސީޒަނަކީ އެޓީމަށް ވަރަށް އުނދަގޫ ސީޒަނަކަށް ވާނޭކަމަށް ބުނެ އާސެނަލްގެ ކޯޗު އާސެން ވެންގާ އިންޒާރުދީފިއެވެ.

ވެންގާ ވަނީ، އާސެނަލްގެ ލަންޑަން ވާދަވެރިޔާ، ޗެލްސީން މިސީޒަންގެ ޕްރިިމިއަރ ލީގު، ބާކީ ދެމެޗު ކުރިއަށް އޮއްވައި ކަށަވަރުކުރުމުން އެޓީމަށް މަރުހަބާ ކިޔައިފައެވެ. އެހެން ނަމަވެސް ޓްރޮފީއެއް ހޯދުމަށްވުރެ އެ ޓްރޮފީ ދިފާއުކުރުމަކީ މާބޮޑަށް ވެސް އުނދަގޫވާނެ ކަމެއް ކަމަށް އޭނާ ބުންޏެވެ. އެގޮތުން އަންނަ ސީޒަންގައި ޗެލްސީ ޖެހޭނީ، ޗެމްޕިއަންސް ލީގާއި ޕްރިމިއަރ ލީގާ ދެމެދު ހަމަޖެހުމެއްނެތި ތެޅިފޮޅެން ކަމަށް ވެންގާ ބުންޏެވެ.

"ޗެލްސީން ވަނީ މިސީޒަންގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކައި، ކާމިޔާބީ ހޯދާފައި. އެހެން ނަމަވެސް އެންމެ ފަހުން މިދިޔަ ދެ ސީޒަންގައި ވެސް ލީގު ކާމިޔާބުކުރި ދެ ޓީމުން ކުރެ ޓީމެއް ޖެހިގެން އައި ސީޒަންގައި ޗެމްޕިއަންސް ލީގު ކުޅެފައެއް ނުވޭ،" ވެންގާ ބުންޏެވެ.

"ޗެލްސީން ހޯދި ކާމިޔާބީއަށް އަހަރެން މަރުހަބާކިޔަން، އެހެން ނަމަވެސް އެމީހުން ޔޫރަޕްގައި ކުޅޭއިރު އެއީ އަދި ތަފާތު ވާހަކައެއް.

"ޗެމްޕިއަންސް ލީގުގެ ގަދަ16ގެ ދެ ލެގުގައި ބަޔާން އަތުން 5-1 ލަނޑުން ބަލިވިއިރު އަހަރެމެންވެސް އުޅުނީ ވަރަށް ހާލުގައި."

މިސީޒަންގައި ޗެލްސީ ފެނިގެން ދިޔައީ އާދަޔާޚިލާފަށް ވަރުގަދަކޮށް ކަމަށާއި، އެޓީމުން ފަސޭހަކަމާއެކު މިފަހަރުގެ ލީގު ކާމިޔާބުކުރި ނަމަވެސް މީގެ ދެސީޒަން ކުރީންވެސް ޗެލްސީން ހަމަ އެހާ ފެންވަރުގެ ޓީމަކާއެކު ލީގު ކާމިޔާބުކޮށް ޖެހިގެން އައި ސީޒަންގައި ވީގޮތުގެ ހަނދާން ވެންގާ އާކޮށްދިނެވެ.

މިދިޔަ 2015-16ގެ ފުޓްބޯޅަ ސީޒަންގައ،ި ތާވަލުގެ 10 ވަނައި ޗެލްސީން ލީގު ނިންމާލިއިރު އެ ކްލަބަކީ އޭގެ ކުރީ ފަހަރުގެ ލީގު ޗެމްޕިއަނުންނެވެ.

comment ކޮމެންޓް