ކޮމެޓީތަކުގެ މައްސަލަ ނިންމީ ގަވާއިދާ ހިލާފަށްކަމަށް ބުނެ މައްސަލަ އަލުން މަޖިލީހުގެ ތަޅުމަށް ގެންދަން ޒެޑްފެކްޝަނުން އެދެފި

މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޮމެޓީތަކުގެ މައްސަލަ ނިންމާފައި ވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ވުމާއެކު، ކޮމެޓީތަށް މެންބަރުން ބެހުމުގެ މައްސަލަ އަލުން މަޖިލީހުގެ ތަޅުމަށް ގެނެސްދިނުމަށް ޒެޑްޑީއާރްޕީން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ދަންނަވައިފި އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޑީއާރްޕީން ލީޑާޝިޕާ ދެކޮޅަށް ތެދުވެ، އަޑު އުފުލަމުންދާ ޒެޑް ފެކްޝަންގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު މިދިޔަ ހޮނިހިރު ދުވަހު އަބްދުﷲ ޝާހިދަށް ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ކޮމެޓީތަކަށް މެންބަރުން ބެހުމުގެ މައްސަލާގައި ނިންމާފައި ވަނީ މަޖިލީހުގެ ގަވާއިދުގެ ފަސް މާއްދާއަކާ ހިލާފަށް ކަމަށެވެ.

އެ ގޮތުން މަޖިލީހުގެ ގަވާއިދުގެ 35 އަދި 36 މާއްދާއާއި 153 ވަނަ މާއްދާގެ )ހ( ގެ އިތުރުން 111 ވަނަ މާއްދާގެ )ށ( އާ ހިލާފަށް ކަމަށެވެ. އަދި އެ ގަވާއިދުގެ 160 ވަނަ މާއްދާއާ ހިލާފަށް ކަމަށް އިލްހާމް ވިދާޅުވެފައިވެ އެވެ.

"ޕާޓީތަކުގެ ލީޑަރުން މަޝްވަރާކުރެއްވި ކަމުގައި ވިޔަސް ގަވާއިދާ ހިލާފަށް މަޖިލީހުގެ ރައީސަކަށް ކަންކަމެއް ނުނިންމޭނެ ކަމަށް އަޅުގަނޑު ގަބޫރު ކުރަމެވެ. ވީމާ ކޮމެޓީތަކުގެ މައްސަލަ އަލުން މަޖިލީހުގެ ތަޅުމަށް ގެންނަވައި ގަވާއިދާ އެއްގޮތަށް އެގޮސް ދިނުމަށް ދަންނަވަމެވެ،" އަބްދުﷲ ޝާހިދަށް ފޮނުއްވެވި ސިޓީގައި އިލްހާމް ވިދާޅުވެފައިވެ އެވެ.

ޒެޑް ޑިއާރްޕީން ބުނަމުންދަނީ އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ނުގެނެސް، ގަވާއިދާ ހިލާފަށް މަޖިލިސް ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އެބޭފުޅުންގެ ވާހަކަފުޅުތައް އަޑުނައައްސަވައި ކުރިއަށް ގެންދަވާ ކޮންމެ ޖަލްސާއެއް ހުއްޓުވާނެ ކަމަށް އެ ފެކްޝަނުން ދަނީ ބުނަމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު