އަޅުވެތި ކުރުމަށް ޓަކައި "ތަކްފީރީން" އުފެއްދުން!

ދިވެއްސަކު ރާއްޖެ އިން ބޭރުގެ ހަނގުރާމައެއްގައި-- ރާއްޖޭގައި ތަކްފީރީން އުފެއްދުމަށް އެތައް މަސައްކަތެއް ކުރޭ:

ސޯވިއެޓް ޔޫނިއަން އިން 1979ގައި އަފްގާނިސްތާނަށް ވެރިވެގަތެވެ. އެއާއެކު ދެކުނު އޭޝިއާ ސަރަހައްދަށް އެމީހުންގެ ބާރު ގަދަވުމުގެ ބިރުބޮޑުވި އެވެ. އެއީ އެމެރިކާ އިން ވަރަށް މޭކެރި ސަބަބެކެވެ. ކުރެވުނު ކަމެއްކޮށްގެން ސޯވިއެޓް ޔޫނިއަން އަފްގާނިސްތާން އިން ބޭލުމަށް އެމެރިކާ އިން ނިންމައި ރޭވުންތައް ރޭވި އެވެ. އެމެރިކާގެ އެކިއެކި ޔުނިވާސިޓީތަކުން ހެދި އެކިއެކި ދިރާސާތަކަށް ފަހު އެމެރިކާ އިން ނިންމި ނިންމުމަކީ ހައްދު "ފަހަނައަޅާފައިވާ މުސްލިމުން" އަފްގާނިސްތާނުގައި އުފެއްދުމެވެ.

ސޯވިއެޓް ޔޫނިއަން އިން އަފްގާނިސްތާނަށް އަރައިގަނެގެން އުޅުނު ދުވަސްވަރު--

އަފްގާނިސްތާނުގެ މުސްލިމުންގެ ހިތްތަކަށް އެމެރިކާ އިން ޖިހާދުގެ ވިސްނުން ގެންނައީ އިސްލާމީ އުސޫލްތަކާ ހިލާފަށް ހަރުކަށި ފިކުރުތަކާ އެކު ކީރިތި ގުރުއާނާއި ހަދީޡްތަކަށް ބަދަލުގެނެސް ފޮތްތައް ތައްޔާރުކޮށްގެން ކަމަށް ތާރީހީ ލިޔުންތައް ބުނެ އެވެ. ހުރިހާ ކަމެއް ރާވައި ހިންގައި ހަރަދު ކުރަނީ އެމެރިކާއިންނެވެ. އޭގެ ފަހުން މިއަދު 38 އަހަރު ވެފައިވާއިރު ވެސް އެހަނގުރާމައަށް ބަދަލެއް ނައިސް އެގައުމު އެވަނީ ބޮޑު ހަމަނުޖެހުމެއްގެ ތެރޭގަ އެވެ. މުސްލިމުންގެ ނަން އެވަނީ ހަރުކަށި ބައެއްގެ ގޮތަށް ސިފަކޮށް ނިންމައިފަ އެވެ. އެންމެ ފަހުން އަފްގާނިސްތާނަށް އަތްގަދަކޮށްފައި އެވަނީ ވެސް އެމެރިކާއިންނެވެ.

"ޖިއޯ ޕޮލިޓިކްސް"ގެ ތެރެއިން އެތިއަރީއަކީ އެއް ގައުމުން އަނެއް ގައުމަށް ވެރިވެގަތުމަށް ބޭނުންކުރާ އުސޫލެކެވެ. އިރާގާއި ސީރިއާގައި ހިނގަމުންދާ ހަނގުރާމައަށް ބެލިނަމަވެސް އެކަން އެނގެ އެވެ. އެގައުމެއްގެ ތެރޭގައި ނުރައްކާ މީހުން އުފައްދަނީ ވެސް އަދި އެމީހުން ހުއްޓުވަން ކަމަށްބުނެ އެގައުމަށް އަރައި ހަނގުރާމަ ކުރަނީ ވެސް އެއްބައެކެވެ. ބޭނުމަކީ އެގައުމަށް ވެރިވެ ގަތުމެވެ.

ހައްދު ފަހަނަ އެޅި މީހުން އުފައްދަން ކުރާ މަސައްކަތް ދަށްކުވައިދޭ ކާޓޫން ކުރެހުމެއް--

ރާއްޖެއަށް އެބިރު އެބައޮތް!

ރާއްޖެއަށް ދަހިވެތިވެފައިވާ ގައުމެއް ލައްކަ ގިނަ މަސައްކަތް އެބަ ކުރެ އެވެ. އޭގެ ތެރެއިން ކުރިން ފާހަގަ ކުރި ހަރުކަށި ފިކުރުގެ މީހުން އުފެއްދުމުގެ ޖަރީމާ ހިންގާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ. އޭގެ ތެރެއިން އެތައް ކަމެއް އެބަ ހިނގަ އެވެ.

ދިވެހި ރާޢްޖޭގެ ގައުމީ ސަލާމަތާ ބެހޭ އިދާރާއެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި ރާއްޖޭގެ ދާހިލީ ކަންކަމާ ބެހެން ބޭނުންވާ ގައުމެއް އަޑީގައި އޮވެގެން ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުން އުފައްދަން މަސައްކަތް ކުރެ އެވެ.

"އަޅުގަނޑުމެންނަށް އެބަފެނޭ އެމަންޒަރު، އެމީހުން އެތެރޭގައި ތިބެގެން އެހެން މީހުން ލައްވައި ފަންޑުކޮށް ކަންކަން ބުނެދީގެން މިކަން ކުރާ މަންޒަރު، އެކްސްޓްރީމިސްޓުން އުފައްދަނީ ގައުމުގައި ހަމަނުޖެހުން ނެތްކަމަށް ބުނެ ގައުމަށް އަންނަން،" އޮފިޝަލް ވިދާޅުވި އެވެ.

އެގޮތުން ރާއްޖޭގައި "ތަކްފީރީން" އެބަ އުފައްދަ އެވެ. އެފަދަ މީހުން ގަބޫލުކުރާ ވިސްނުން ގަބޫލުނުކުރާ އެހެން އެންމެންނަކީ ކާފަރުންކަމަށް އެމީހުން ބުނެ އެވެ. އަދި އެއްވެސް ސަރުކާރެއް އެމީހުން ގަބޫލު ނުކުރާ އިރު އެމީހުނަށް ތަބާނުވާ މީހުންނަކީ މަރަން ޖެހޭ ކުފުރުވެފައިވާ ބައެއްގެ ގޮތުގައި އެމީހުން ދެކެ އެވެ.

އިސްލާމުން ދީނުން ބޭރުކޮށް އެހެން ދީންތައް މިގައުމުގައި ފަތުރާ އެތެރޭގެ ހަމަޖެހުން ނަގާލުމަކީ ވެސް އެމީހުންގެ މަސައްކަތެއް ކަމަށް މައުލޫމާތުލިބެެ އެވެ. އެކަން ވެސް ރާއްޖޭގައި ވެސް ކުރެ އެވެ. ނަމަވެސް އެންމެ ގަދަޔަށް ފަންޑުކޮށް ހިންގާ ކަމަށް ވަނީ ތަކްފީރީންނެވެ. އެއީ އެމީހުންގެ ނުރައްކާ މާބޮޑުވުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެއަށް އޭގެ އެންމެ ބޮޑު ނުރައްކަލެއް އޮތީ އަވައްޓެރި ގައުމެއްގައި 1925ގައި އުފެދިފައިވާ ޖަމާއަތެއްގެ ފަރާތުންނެވެ. އެޖަމާއަތުގެ މަގުސަދާއި އަމަލުތަކަށް ބަލާ އިރު އަދި ބޭނުންކުރާ ޗާޓަށް ބަލާ އިރު މުޅި ސަރަހައްދު ބާރުގެ ދަށަށް ގެނައުން ހިމެނެ އެވެ. މިއަދު ވެރިކަމުގެ ބާރާ އެކު އެ ޖަމާއަތުގެ ބާރު ވަރަށް ވެސް ގަދަ އެވެ. ރާއްޖޭގައި އެކްސްޓްރީމިސްޓުން އުފެއްދުމަށް ކުރާ މަސައްކަތުގެ ތުހުމަތު ކަމާބެހޭ އިދާރާތަކުން އެޖަމާއަތަށް ކުރެ އެވެ.

ފިތުނައަށް ފަހު ގައުމަށް އެރުން

އިސްލާމީ ރިވެތި އުސޫލާއި ކީރިތި މާތް އަހުލާގް ދޫކޮށް ހައްދު ފަހަނަ އަޅާފައިވާ އަނިޔާވެރި ވިސްނުންތަކެއްގެ ބަޔަކު އުފައްދައި މުޖުތަމައުއަށް އެނެރެނީ ގައުމުގެ މަސްލަހަތު ނަގާލުމަށެވެ. އެއާ އެކު ލޭ އޮހޮރުވުންތަކާއި ދެބަސްވުންތައް ގިނަވެ އެވެ. ނަތީޖާއަކަށް ވަނީ ގައުމަށްވެރިވެ ގަތުމަށް ބޭނުންވާ ގައުމުތަކަށް އެކި ނަންނަމުގައި އެފުރުސަތު ލިބިގެންދިއުމެވެ. އެމީހުންގެ ސިކުނޑިތަކަށް ޖިހާދުގެ ވިސްނުން ގެންނަނީ މުޅިން ގޯސް މާނައިގައި ކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތުދެ އެވެ.

125 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭގައި ބޭއްވި މިއުޒިކަލް ޑްރިލްގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ރައީސް ވަހީދުގެ ވެރިކަމުގައި އެ އުފެދުނު ހަމަނުޖެހުންތަކާ އެކު ރާއްޖެއަށް މިސްރާބުޖެހި [އަވައްޓެރި ގައުމެއް]، އަޅުގަނޑުމެން ވަރަށް މަސައްކަތުން އެކަން ހުއްޓުވީ. ހަމަޖެހުން ގެންނަން ކަމަށް ބުނެ އަންނަން އުޅުނީ،" ސަލާމަތީ ބާރެއްގެ މަތީފަންތީގެ ބޭފުޅަކު ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ނަންނަމުގައި ތިބެގެން ސުވައިދީބް ފަދަ ހިޔާލުތައް ދިވެހީންގެ ހިތްތަކަށް ދީގެން އެ މަސައްކަތްކުރާ ކަމަށް ތުހުމަތުކުރެވެ އެވެ. އެހެން ގައުމުތަކުން ބޮޑު ހަރަދުކޮށްގެން ރާއްޖޭގައި މީހުން ބައިތިއްބަނީ ސަބަބެއް އޮވެގެންނެވެ.

މަޝްވަރާކޮށް ފިޔަވަޅު އަޅަން ޖެހޭ!

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ ދީނީ އެކިއެކި މައްސަލަތައް ހައްލުކުރުމަށް ދައުލަތުގެ މުއައްސަސާތަކުން ގުޅިގެން އެކަން ހައްލުކުރުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ގުޅިގެން މަސައްކަތްތަކެއް ކުރަމުން، އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ ވަރަށް އަވަހަށް ފެނިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ބޭރު ދުނިޔޭގެ ހަބަރުތައް ކަވަރުކުރާ ރާއްޖޭގެ ފުންނާބު އުސް ލިޔުންތެރިއަކު ވިދާޅުވި ގޮތުގައި ގައުމީ މައްސަލަތަށް ހައްލު ކުރަން ގައުމީ ފެންވަރެއްގައި ވާހަކަ ދައްކަން ޖެހެ އެވެ. ހާއްސަކޮށް އަވައްޓެރިން އެމައްސަލަތަކަށް ނުވައްދައި ގައުމަށް ނުފޫޒް ނުފޯރުވާ ގައުމުތައް މެދުވެރިއަކަށް ލައިގެން ނަމަވެސް މަޝްވަރާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންމެ އަކަސް މިނިވަންކަން މަތީ ތިބުމަށް ކުރާ މަސައްކަތައް އިތުރު ބޮޅެއް މިވަނީ އިތުރު ކުރަންޖެހިފަ އެވެ. މާތްވެގެންވާ އިސްލާމްދީނުގެ ނަން ކިލަނބު ކުރުމަށް ހަރުކަށި ވިސްނުންތަކަށް ފުރުސަތު ދިނުން ހުއްޓުވަން ޖެހެ އެވެ. އަދި އެއީ ބަޔަކު ގައުމަށް ވެރިވެ ގަތުމަށް ކުރާ ކަމެއްކަން ދަންނަން ޖެހެ އެވެ.

comment ކޮމެންޓް