ކުރިނބީ ވޯޓު ފޮށި ދެވަނަ ފަހަރަށް ގުނުމުން ވެސް ހޮވުނީ އެމްޑީޕީ ކެންޑިޑޭޓް

ކުރިނބީގައި ބެހެއްޓި ވޯޓު ފޮށި ދެވަނަ ފަހަރަށް ގުނަނީ ---- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ހދ. ކުރިނބީ ކައުންސިލްގެ ފަހު ގޮނޑީގެ ނަތީޖާ އެއްވަރުވެ، ދެ ވަނަ ބުރަކަށް އިންތިހާބު ބާއްވަން ޖެހޭތީ އަލުން ވޯޓު ފޮށި ގުނިއިރު އެމްޑީޕީ ކެންޑިޑޭޓެއް ހޮވިފައި ވަނިކޮށް، އަނެއްކާވެސް އެ ފޮށި ގުނުމުން އެމްޑީޕީ ކެންޑިޑޭޓް ކާމިޔާބު ހޯދައިފިއެވެ.

ކުރިނބީ ވޯޓު ފޮށި ގުނުމުގެ މަސައްކަތް ކުރިއަށް ދިޔައީ އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒު، ބާ ޖަމާލުއްދީންގަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ވޯޓު ފޮށި ގުނަމުން ދަނިކޮށް، ޕީޕީއެމްގެ ކެންޑިޑޭޓަކު އެތަނުގައި އިހްތިޖާޖު ކުރަން ފެށުމާ ގުޅިގެން ވޯޓު ގުނުން ހުއްޓާލަން ވެސް ޖެހުނެވެ. އިހްތިޖާޖު ކުރި ކެންޑިޑޭޓު ވަނީ ވޯޓު ގުނަމުންދާ މަރުޒުން ބޭރުކޮށްފަ އެވެ.

ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނީޓަރުންގެ ހާޒިރުގަ އެވެ.

ކުރިނބީގައި ބެހެއްޓި ވޯޓު ފޮށި އޮބްޒާވަރުންނާއި މޮނިޓަރުންގެ ހާޒިރުގައި އިލެކްޝަންސް ކޮމިޝަނުން އަލުން ގުނި އިރު، ވަގުތީ ނަތީޖާ އިން އެއްވަރުވި ކަމަށް ދެއްކި ތިން ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ޝާފީ އަށް ވަނީ ވަގުތީ ނަތީޖާ އިން ދައްކާ އަދަދަށް ވުރެ އެއް ވޯޓު އިތުރަށް ލިބިފަ އެވެ. އެއްވަރުވި އަނެއް ދެ ކެންޑިޑޭޓުންނަށް ވޯޓު ލިބުނީ ވަގުތީ ނަތީޖާ އިން ދައްކާ އަދަދަށް ކަމަށް އަލުން ގުނުމަށް ފަހު ނެރުނު ވަގުތީ ނަތީޖާ ޝީޓް ދައްކަ އެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ އިއުލާންކުރި ވަގުތީ ނަތީޖާ އިން ދައްކާގޮތުގައި ޝާފީގެ އިތުރުން އެމްޑީޕީގެ އެހެން ކެންޑިޑޭޓެއް ކަމުގައިވާ އަހުމަދު މުޖުތަބާ އާއި ޕީޕީއެމްގެ ކެންޑިޑޭޓް އިސްމާއީލް އާސިފަށް ލިބިފައި ވަނީ 218 ވޯޓެވެ. ނަމަވެސް މިރޭ އަލުން ކުރިބީ ފޮށި ގުނި އިރު، ޝާފީއަށް އިތުރަށް އެއްވޯޓު ލިބުމުން އެ އަދަދު 219 އަށް އިތުރުވެފައިވާ ކަމަށް ދައްކަ އެވެ.

comment ކޮމެންޓް