ސަންއާގައި ކޮލެރާ ޖެހިގެން ގިނަ ބަޔަކު މަރުވުމުން ކުއްލި ހާލަތު އިއުލާންކޮށްފި

ޔަމަނުގައި ހަލުވި ކަމާއެކު ކޮލެރާ ފެތުރުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ވަނީ މަރުވެފައި -- ފޮޓޯ: ރޮއިޓާސް

ސަންއާ (މެއި 15): ޔަމަނުގެ ވެރިރަށް ސަންއާގައި ހަލުވިކަމާއެކު ކޮލެރާ ފެތުރި، ގިނަ އަދަދެއްގެ މީހުން މަރުވުމާ ގުޅިގެން އެސިޓީގައި ކުއްލި ހާލަތު އިއުލާންކޮށްފި އެވެ.

ރެޑް ކްރޮސްއިން ބުނި ގޮތުގައި ކޮލެރާ ޖެހިފައިވާ ކަމަށް ލަފާ ކުރެވޭ މީހުންގެ އަދަދު ވަނީ ފާއިތުވި ހަފްތާ ތެރޭ ތިން ގުނައަށް އިތުރުވެ، 8،500 އަށް އަރާފައެވެ. އޭގެ ސަބަބުން ހޫޘީންގެ ބާރުގެ ދަށުގައިވާ ސަންއާގެ ގިނަ ހޮސްޕިޓަލްތައް މިހާރު ވަނީ ފުރިފައެވެ.

ެރެޑް ކްރޮސްގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސް ޑޮމިނިކް ސްޓިލްހާޓް ވިދާޅުވި ގޮތުގައި މިދިޔަ މަހުގެ 27ހާއި މިދިޔަ ހޮނިހިރު ދުވަހާ ދޭތެރޭ، ސަންއާގެ 115 މީހަކު ވަނީ ކޮލެރާ ޖެހިގެން މަރުވެފައެވެ.

ކޮލެރާ އެންމެ ބޮޑަށް ފެތުރިފައި ވަނީ ސަންއާގައި ކަމަށްވާ އިރު އެބަލި ދެވަނައަށް އެންމެ ބޮޑަށް ފެތުރިފައި ވަނީ އެސިޓީއާ ޖެހިގެން އޮންނަ އަމާނަތް އަލް ސަމާހް ޕްރޮވިންސަށް ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެ އެވެ.

ކޮލެރާގެ އަލާމާތްތަކުގެ ތެރޭގައި ބޭރަށް ހިންގުމާއި، ހޮޑުލެވުން ހިމެނެ އެވެ. އަދި އެބައްޔަށް ފަރުވާނުކޮށްފި ނަމަ މީހާ ވަރަށް ބޮޑަށް ބަލިވެ، މަރުވުމަކީ އެކަށީގެންވާ ކަމެކެވެ.

އެއީ މިއަހަރު ތެރޭގައި ޔަމަނުގައި ކޮލެރާ ފެތުރުނު ދެވަނަ ފަހަރެވެ.

ޔަމަނުގައި އޮތް، ބައިނަލްއަގުވާމީ ދުނިޔެއިން ގަބޫލު ކުރާ ރައީސް އަބްދުއްރައްބު މަންސޫރު ހާދީގެ ސަރުކާރާއި އިދިކޮޅު ހޫޘީންނާ ދެމެދު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން އެގައުމުގެ 300 ހޮސްޕިޓަލާއި ކްލިނިކްތައް ވަނީ އެއްކޮށް ހަލާކުވެފައެވެ.

އަދި 2015 ވަނަ އަހަރު އެގައުމުގައި ހަނގުރާމަ ހޫނުވި ފަހުން އެގައުމުގެ 8،010އަށް ވުރެ ގިނަ މީހުން މަރުވެ، 44،500 މީހަކަށް އަނިޔާވެފައިވާ ކަމަށް އދން ބުނެ އެވެ. (ބީބީސީ)

comment ކޮމެންޓް