Sun Online
ޔާމީން ރަޝީދު މަރުގެ މައްސަލާގައި ފުލުހުން އާންމު ކުރި ވީޑިއޯ ފުޓޭޖުން ނަގާފައިވާ ފޮޓޯއެއް-- ފޮޓޯ/ ޕޮލިސް
ޔާމީން ރަޝީދު މަރުގެ މައްސަލާގައި ފުލުހުން އާންމު ކުރި ވީޑިއޯ ފުޓޭޖުން ނަގާފައިވާ ފޮޓޯއެއް-- ފޮޓޯ/ ޕޮލިސް

ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ވެސް ހައްޔަރުކޮށްފި

މަރާ ގުޅިގެން 7 މީހަކު ހައްޔަރު ކޮށްފައިވޭ

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި ބްލޮގަރު ޔާމީން ރަޝީދު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވިގެން ފުލުހުން އާންމު ކުރި ވީޑިއޯ ފޫޓޭޖުން ފެންނަ ދެ މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލައިގެ ތުހުމަތުގައި މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

"މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް 7 މީހަކު ހައްޔަރުކޮށްފައިވާއިރު، މި މީހުންގެ ތެރޭގައި މި ކަމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވިގެން، ފުލުހުންގެ ފަރާތުން އާންމުކޮށްފައިވާ ފޮޓޯތަކުގައި ފެންނަ ކަމަށް ތުހުމަތު ކުރެވޭ 2 މީހުން ހިމެނޭކަން ޔަގީންކޮށްދެމެވެ،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޔާމީން މަރުގެ މައްސަލާގައި ލިބެމުންދާ ކުރިއެރުމާއި ތަހުގީގުގައި ޝާމިލުވާ ފަރާތްތަކުގެ އިހްލާސްތެރި އަދި ބުރަސް މަސައްކަތުގެ ސަބަބުން އެ ތަހުގީގު ކާމިޔާބުވާނެ ކަމުގެ ބޮޑު އުންމީދެއް އެބަ އޮތް ކަމަށް ފުލުހުން ބުންޏެވެ.

"މާތްﷲގެ ވާގިފުޅާއެކު، މި ރަހުމްކުޑަ އަމަލު ހިންގުމުގައި ބައިވެރިވި އެންމެހާ ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނެސްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މި ފުރުސަތުގައި ވެސް ދިވެހި އެންމެހާ ރައްޔިތުންނަށް އަރުވަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

ޔާމީން މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ އެއްވެސް މީހެއްގެ ވަނަވަރެއް ފުލުހުން އާންމެއް ނުކުރެ އެވެ. ނަމަވެސް ހައްޔަރުކޮށްފައިވާ އެކަކު "ސަން"އަށް ވަނީ ޔަގީންވެފަ އެވެ. އޭނާއަކީ ގދ. ގައްދުއަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ މުހައްމަދު ދިފްރާނެވެ.

ޔާމީން މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ރާއްޖެއިން ބޭރުގެ ފަރާތްތައް ބައިވެރި ކުރުމަށް ޔާމީންގެ އާއިލާއިން ވަނީ އެދިފައެވެ. އެކަމާ ގުޅިގެން ފުލުހުން ސީދާ ޖަވާބެއް ނުދެ އެވެ. ފުލުހުން ބުނެފައި ވަނީ ޔާމީން މަރުގެ ތަހުގީގަށް ބޭރުގެ އެހީތެރިކަން ހޯދަމުންދާ ކަމަށެވެ.

ޔާމީން މަރާލާފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ މެންދަމު، އޮފީހުގެ މަސައްކަތް ނިންމާލުމަށްފަހު ގެއަށް ވަތް ވަގުތު އޭނާ ދިރިއުޅޭ މ. ސުޕެޓިއުލާގޭގެ ސިޑި ގޮޅީގަ އެވެ.

infinity loading...
×
DB released 01.