ސައިކަލް ރޯކޮށްލުމުން ދެކުދިންނަށް ލިބުނު ހިތާމަ ފިލުވަން އެކުވެރިން ސައިކަލެއް ހޯދަދީފި

އައްސޭރި ގޭގައި ހުރި ސައިކަލްތަކުގައި ރޯކޮށްލުމުގެ ސަބަބުން ބޭނުން ނުކުރެވޭވަރުވެފައި -- ފޮޓޯ/ ހުސެއިން

ލ. ގަމު މަތިމަރަދޫ އައްސޭރިގޭ ތެރޭގައި ހުރި ތިން ސައިކަލެއްގައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރޯކޮށްލާފަ އެވެ. އެ ހާދިސާގައި އެންމެ ބޮޑު އަސަރެއްކުރީ އެގޭގައި ދިރިއުޅޭ ދިހަ އަހަރުން ދަށުގެ ދެ ކުދިންނަށެވެ. ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ތިން ސައިކަލް ކައިރި އެ ކުދިން މަޑުކޮށްލައިގެން ތިބީ އަސަރާއެކުއެވެ.

އެ ގެ އަކީ ގަމު ތުނޑީ އަވަށުގެ އިންޖީނުގޭ ފެނަކަ ސުޕަވައިޒާ މުހައްމަދު އިމާދުމެންގެ ގެއެވެ. އެނދި ތިން ސައިކަލަކީ އޭނާގެ ސައިކަލާއި ތުނޑީ ސުކޫލެއްގެ ޓީޗަރަކަށް އުޅޭ އޭނާގެ އަންހެނުންގެ ސައިކަލުގެ އިތުރުން އޭނާ ކޮއްކޮއެއްގެ ސައިކަލެވެ.

ރާއްޖޭގެ އެންމެ ބޮޑު ރަށް ކަމަށްވާ ގަމަކީ ގިނަ ބޭނުން ތަކަކަށް ދިގު ދަތުރުތަކެއް ކުރަންޖެހޭ ރަށެކެވެ. ހާއްސަކޮށް މަތިމަރަދޫ އަވަށުގައި ދިރިއުޅޭ އިމާދާއި އޭނާގެ އަންހެނުން ތުނޑީ އަވަށަށް މަސައްކަތު ދިއުމަށާއި ދަރިން ސުކޫލަށް ގެންދިއުން ފަދަ ކަންކަމަށް ސައިކަލް އޮންނަނީ މުހިންމު ބައިވެރިއަކަށްވެފައެވެ.

އެހިތާމަ ފިލުވާ ދިނުމަށް އެއާއިލާއަށް އެހީތެރިވުމަށް އެމީހުންގެ ރަހުމަތްތެރިންތަކެއް އިސްނަގައި މިވަނީ ސައިކަލެއް ގަންނާނެ ފައިސާ ހޯދާފައެވެ.

އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ފެނަކައިގެ ރީޖަނަލް މެނޭޖާ އަބްދުލް ސުލައިމާން ސަން އަށް ވިދާޅުވީ ވައިބާ ގުރޫޕެއް މެދުވެރިކޮށް ކުރި މަސައްކަތުން ސައިކަލެއް ގަންނާނެ ފައިސާ ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވައިބާ ގުރޫޕެއް ހަދާ މިރަށު އެކިއެކި މީހުން އެޑް ކުރީ، މިރަށުން 53000 އަށް ސައިކަލެއް ލިބެން އެބަހުރި، މިހާރު ފައިސާ ހަމަވެއްޖެ،" ސުލައިމާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމީހުންގެ އެންމެ ބޮޑު މަގުސަދަކީ އެކުދިންނަށް ލިބުނު ހިތާމައަށް ލުއިކަމެއް ގެނެސް ދިނުން ކަމަށާއި މިއަދު ސައިކަލް ގަނެ އެއާއިލާއާ ހަވާލު ކުރާނެ ކަމަށެވެ.

ސައިކަލް ރޯކޮށްލި މައްސަލަ ފުލުހުން އަންނަނީ ތަހުގީގް ކުރަމުންނެވެ. އެކަމުގެ ތަފްސީލެއް އަދި ނުލިބެއެވެ.

comment ކޮމެންޓް