ރެއާލުން ރެކޯޑެއް މުގުރާލިއިރު، ރޮނާލްޑޯ ވެސް ރެކޯޑަކާ އަރާ ހަމަކޮށްފި

ސްޕެނިޝް ލަލީގާގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑުޖެހުމަށްފަހު ރޮޑްރިގޭޒްއާއެކު ރޮނާލްޑޯ(ކ) އުފާފާޅުކުރަނީ: އެ މެޗުން ރެއާލް މޮޅުވީ 4-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ސްޕެއިންގެ ރެއާލް މެޑްރިޑުން ޖަރުމަނުގެ ބަޔާން މިއުނިކްގެ ރެކޯޑެއް މުގުރާލިއިރު، އެ ޓީމުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ރެކޯޑަކާ އަރާ ހަމަކޮށްފިއެވެ.

ރެއާލުން ވަނީ ސްޕެނިޝް ލަލީގާގައި ރޭ 4-1 ލަނޑުން ސެވިއްޔާ އަތުން ހޯދި މޮޅާއެކު ވިދިވިދިގެން 62 މެޗުގައި ލަނޑުޖެހި ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގުގެ ތެރެއިން ފުރަތަމަ ކްލަބުގެ ޝަރަފު ހޯދައިފައެވެ. ބަޔާނުން ކުރިން ވަނީ ވިދިވިދިގެން 61 މެޗުގައި ލަނޑުޖަހައިފައެވެ.

ރެއާލުން ރެކޯޑެއް މުގުރާލިއިރު، އެ ޓީމުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގުގެ ތެރެއިން އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ. ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ދެ ލަނޑާއެކު އޭނާ ޖެހި ލަނޑުގެ އަދަދު 366އަށް ވަނީ އަރައިފައެވެ.

ރޮނާލްޑޯއާއެކު ޔޫރަޕްގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ޗެލްސީ އާއި، އޭސީ މިލާނާއި، ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ލެޖެންޑް ޖިމީ ގްރީވްސްއެވެ. އިނގިރޭސި ލެޖެންޑް ގްރީވްސް އެންމެ ގިނަ ލަނޑު ޖަހާފައި ވަނީ ޓޮޓެންހަމް ހޮޓްސްޕާއަށެވެ.

ރޭގެ މެޗުގައި ރޮނާލްޑޯގެ އިތުރުން ރެއާލްގެ ލަނޑުތައް ކާމިޔާބުކޮށްދީފައި ވަނީ ނާޗޯއާއި ޓޯނީ ކްރޫސްއެވެ. އެ މެޗުގައި ސެވިއްޔާގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ސްޓެވާން ޖޮވެޓިޗްއެވެ.

comment ކޮމެންޓް