"އާ ސިލްކް ރޯޑަށް" ޗައިނާއިން 124 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ

ޗައިނާގެ ރައީސް ޝީ ޖިން ޕިންގް -- ފޮޓޯ: ގެޓީ

ބެއިޖިން (މެއި 15): އޭޝިއާ، އެފްރިކާ، ޔޫރަޕު އަދި އެހެން ސަރަހައްދުތަކާ އެކު އޮންނަ ވިޔަފާރީގެ ގުޅުންތައް ފުޅާ ކުރުމަށް ޗައިނާއިން އިއުލާން ކުރި 'އާ ސިލްކް ރޫޓް' ޕްރޮޖެކްޓަށް އެގައުމުން 124 ބިލިއަން ޑޮލަރު ހަރަދު ކުރާނެ ކަމަށް ޗައިނާ ސަރުކާރުން ބުނެފި އެވެ.

ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ނަން ދީފައިވާ އެއިގުތިސާދީ ޕްލޭނުގެ ދަށުން އެތިން ބައްރު ގުޅުވާލެވޭ އާ މަގެއް ތައާރަފްކުރާނެ އެވެ. އެ އިނިޝިއޭޓިވްއާ ބެހޭ ގޮތުން ޗައިނާގައި ބާއްވާ ދެ ދުވަހުގެ ފޯރަމުގައި ވާހަކަދައްކަވަމުން ރައީސް ޝީ ވަނީ އެއީ 'ހުރިހާ ގައުމުތަކުން ބައިވެރިވެގެން އެންމެންނަށް ފައިދާވާ ގޮތަށް' ކުރިއަށްގެންދާނެ ޕްރޮޖެކްޓެއް ކަމަށް ވިދާޅުވެފަ އެވެ.

"ޗައިނާގެ ތަރައްގީގެ ހުރިހާ ތަޖުރިބާއެއް އެހެން ގައުމުތަކާ ހިއްސާ ކުރަން ޗައިނާއިން އޮތީ ތައްޔާރަށް. އަޅުގަނޑުމެން އެހެން ގައުމުތަކުގެ ދާހިލީ ކަންތަކާ ނުބެހޭނަން. އަދި ބެލްޓް އެންޑް ރޯޑް ގާއިމު ކުރުމުގައި އޭޝިއާ، ޔޫރަޕް، އެފްރިކާ އަދި އެމެރިކާވެސް ވާނީ ޕާޓްނަރުންނަށް،" ރައީސް ޝީ ވިދާޅުވި އެވެ.

އިއްޔެ ފެއްޓުނު ބެލްޓް އެންޑް ރޯޑް ފޯރަމްގައި ދުނިޔޭގެ 29 ގައުމެއްގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ހިމެނެ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް