ޑެންގީއަށް ފަރުވާދެނިކޮށް 62 އަހަރުގެ މީހާ މަރުވީ އައިޖީއެމްއެޗުގެ އިހުމާލުން ކަމަށް ބުނެ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިފި

ޑެންގީއަށް ޕޮޒިޓިވް ވެގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ގދ. މަޑަވެލީ ދީނާރުގޭ، މުހައްމަދު ވަހީދު މަރުވީ ލޭގެ ކެންސަރުގެ ބައްޔެއްގައި ކަމަށް ޑެންގީ ޓާސްކްފޯހުން ބުނެފައިވާތީ އޭނާ މަރުވުމުގައި ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް ބުނެ، އޭނާގެ އާއިލާއިން އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން )އެޗްއާރްސީއެމް( އަށް މިއަދު ހުށަހަޅައިފި އެވެ.

އެ ކޮމިޝަނަށް މިއަދު އެ މައްސަލަ ހުށަހެޅުއްވީ ވަހީދުގެ ދަރިކަލުން، ވީޓީވީގެ އެސިސްޓެންޓް ސީއީއޯ ޝިހާމް މުހައްމަދު ވަހީދެވެ.

އެޗްއާރްސީއެމްގެ ރައީސާ ފާތުމަތު އަޒުރާ އަށް ފޮނުއްވި ސިޓީފުޅުގައި ޝިޔާމް ވިދާޅުވެފައި ވަނީ، އައިޖީއެމްއެޗްގައި އޭނާގެ ބައްޕަ، އެޑްމިޓްކޮށް ފަރުވާދެމުން ދިޔައީ ޑެންގީ ހުން ޖެހިގެން ކަމަށެވެ. އަދި ކެންސަރު ފަދަ ބައްޔަކަށް ފަރުވާދީފައިވާ ނުވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"... ބައްޕަ ނިޔާވި ފަހުން، ނިޔާވީ ކެންސަރު ފަދަ ބައްޔެއްގައި ކަމުގައި ކަމަށް ]ޑެންގީ ޓާސްކް ފޯހުން[ މީޑިއާގައި ބުނެފައިވާތީ، އަޅުގަނޑުމެންނަށް އެނގިގެން ބައްޕަ ނިޔާވިއިރު ޑެންގީ ހުމަށް ފަރުވާ ދީފައި، ކެންސަރު ފަދަ ބައްޔަކަށް ފަރުވާ ދީފައިނުވާތީ، މިއީ ބަލި މީހާގެ ހައްގު ގެއްލި، އައިޖީއެމްއެޗްގެ އިހުމާލުން ވެފައިވާ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލް ކުރެވޭތީ، މިކަން ބައްލަވާދެއްވުން އެދި ދެންނެވީމެވެ،" އެ ސިޓީގައިވެ އެވެ.

އަދި ވަހީދު62، ގެ މަރާ ގުޅޭ މައުލޫމާތު ޓާސްކްފޯހުން މީޑިއާއަށް ދީފައިވަނީ އާއިލާގެ ހުއްދަ ނުހޯދައި ކަމަށާއި އެހެންކަމުން އެކަމަކީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ޒާތީ ދިރިއުޅުމުގެ ހައްގަށް "އަރައިގަތުން" ކަމަށް ވެސް ކަމަށް ސިޓީގައި ބުނެ އެވެ.

"... މިއީ ގާނޫނު އަސާސީގެ ދެވަނަ ބާބުގެ 24 ވަނަ މާއްދާއިން )ބަލި މީހަކަށް ވިޔަސް(، އަދި ކޮންމެ ރައްޔިތަކަށްމެ ލިބިދީފައިވާ ހައްގަކަށް އަރައިގަތުން ނޫން ކަމަކަށް އަޅުގަނޑު ނުދެކެމެވެ،" ސިޓީގައި ޝިޔާމް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ، އޭނާގެ ބައްޕަ ހޮސްޕިޓަލުގައި އެޑްމިޓްކުރިއިރު، އެނދެއް ނުލިބިގެން އިމަޖަންސީ ރޫމްގައި އެއް ދުވަސް ވަންދެން އޮންނަން ޖެހުނު ކަމަށެވެ. އެތަނުގައި ބަލި އެނދުގައި އޮވެ، ފާހަނާ ކުރާނެ ނިޒާމް ވެސް ހަމަޖައްސައި ނުދެވުނު ކަމަށެވެ. އަދި ހަދަން ޖެހުނު ޓެސްޓުތައް ވެސް ހޮސްޕިޓަލުން ނުހެދުނު ކަމަށާއި ބޭނުންވި ބޭހާއި ލޭ މަނާކުރަން ޖަހައި އިންޖެކްޝަން ވެސް ނުލިބުނު ކަމަށެވެ.

މި މައްސަލަތައް ފާހަގަކޮށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ: "އައިޖީއެމްއެޗް އަކީ ގައުމުގެ އެންމެ ބޮޑު ހޮސްޕިޓަލަށްވެފައި، ފަރުވާ ހޯދުމަށް ބޭނުންވާ ބޭސިކް ބޭސް މިސާލަކަށް 'ލޭމަނާކުރުމަށް ޖަހާ އިންޖެކްޝަން ފަދަ' އޮކްސިޖަނަށް އަޅާ ލިކުއިޑް، އަދިވެސް އެތައް މުހިންމު ބޭސްތަކާއި އައިސީޔޫގައި އެކަށީގެންވާ ވަރަށް އެނދުނެތުމާއި ކޮލިފައިޑް ޑޮކްޓަރުން ނެތުން މިއީ ހިތާމަކުރާ ކަމެއް ކަމުގައި ދެންނެވީމެވެ. ގައުމުގެ ސިއްހީ ހާލަތު ދުވަހުން ދުވަހަށް ދަށަށް ދިޔުމަކީ އިންސާނިއްޔަތަށް ހުރި ވަރަށް ބޮޑު ނުރައްކަލެކެވެ،"

ސިޓީގައިވާ ގޮތުގައި ވަހީދުގެ މަރުގެ މައްސަލަ ބަލައިދިނުމަށް އާއިލާގެ ފަރާތުން އެދުނީ "ސަރުކާރަށް އިނގިލި ދިއްކުރުމަށް" ނޫނެވެ. އިންސާނީ ހައްގު ރައްކާތެރި ކުރުމަށް އެހީވުމަށެވެ.

އެހެންކަމުން "އިންސާނީ ހައްގުތަކަށް އަރައިގަނެވޭ ފަދަ އަމަލުތަކެއް ހެލްތުގެ ދާއިރާއިން ނަމަވެސް، ބަޔެއްގެ އިހުމާލުން ނަމަވެސް ހިނގަމުންދާތީ" އެކަންކަން ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ސިޓީގައި އެދިފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު