Sun Online
ހުކުރު މިސްކިތުގެ ތާރީހީ މުންނާރު: އިސްލާމީ ހަޒާރަތާއި ދިވެހިވަންތަކަމުގެ ރީތި ގުޅުވުމެއް ---
ހުކުރު މިސްކިތުގެ ތާރީހީ މުންނާރު: އިސްލާމީ ހަޒާރަތާއި ދިވެހިވަންތަކަމުގެ ރީތި ގުޅުވުމެއް ---

ޞަޙާބިއްޔާތުންގެ ނަމޫނާ–5

އަބްދުﷲ ފާރޫގް ހަސަން
ދިޔަތިކިއަބްދުﷲ ފާރޫގް ހަސަން

ޚުލުޤުފުޅުހެޔޮކަން

ފިރިކަލުންދެކެ ލޯބިފުޅުވުން

ޞަޙާބިއްޔާތުން އެބޭކަނބަލުންގެ ފިރިފިރިކަލުންދެކެ ވަރަށް ލޯބިފުޅުވެވަޑައިގެންނެވިއެވެ. އިތުރުސާހިބާގެ ދަރިކަނބަލުން އައްސައްޔިދާ ޒައިނަބު ރަޟިޔަﷲ ޢަންހާ ކާވެނިބައްލަވައިގެންނެވީ އަބުލްޢާޞު ބުނުއް ރަބީޢު ރަޟިޔަﷲ ޢަންހު އާއެވެ. ބަދުރު ހަނގުރާމާ ހިނގިއިރު އަބުލްޢާޞު އަދި އިސްލާމްވެވަޑައެއް ނުގަންނަވައެވެ. އެކަލޭގެފާނު ޤުރައިޝުންނާއެކު އެހަނގުރާމައަށް ނިކުމެވަޑައިގެންނެވިއެވެ. އެހަނގުރާމައިގައި އަބުލްޢާޞު ހައްޔަރުވެވަޑައިގެންނެވިއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަދުރު ހަނގުރާމައިގެ އަސީރުންގެ އަތުން ފިދުޔަ އަތުލައްވައިފައި ދޫކުރައްވާގޮތަށް ހަމަޖެއްސެވުމުން އައްސައްޔިދާ ޒައިނަބު އެކަމަނާގެ ވަރަށް ތާރީޚީ ހާރުކޮޅެއް އަބުލް ޢާޞުގެ ފިދުޔައަކަށް ފޮނުއްވިއެވެ. އެހާރުކޮޅަކީ އެކަމަނާގެ އާކާވެނިފުޅުގެރޭ އެކަމަނާގެ މައިކަނބަލުން އުއްމުލް މުއުމިނީން އައްސައްޔިދާ ޚަދީޖާ ރަޟިޔަﷲ ޢަންހާ އެކަމަނާއަށް ދެއްވި ހާރުކޮޅެކެވެ.

ހިޖްރައިން ހަވަނަ އަހަރު އަބުލް ޢާޞު މައްކާގެ ވިޔަފާރި ގާފިލާއެއްގައި ޝާމްކަރައަށް ވަޑައިގެންނެވިއެވެ. ޒައިދު ބުނު ޙާރިޘަތު ރަޟިޔަﷲ ޢަންހުގެ ވެރިކަމުގެ ދަށުގައި އިސްލާމީ ލަޝްކަރާ އެޤާފިލާގައި ތިބި ބައެއް މީހުންނާއެކު އަތުލައިގަތްއިރު އަބުލް ޢާޞު ދެވަނަ ފަހަރަށް މުސްލިމުންގެ އަސީރަކަށް ވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު މަދީނާއާށް ގެނެވުމުން އައްސައްޔިދާ ޒައިނަބު ރަޟިޔަﷲ ޢަންހާ، އަބުލް ޢާޞަށް ޙިމާޔަތް ދެއްވިއެވެ.

ހިޖްރައިން ދެވަނަ އަހަރު ބަދުރު ހަނގުރާމައަށްފަހު އައްސައްޔިދާ ޒައިނަބު ރަޟިޔަﷲ ޢަންހާ މަދީނާއަށް ހިޖްރައަށް ވަޑައިގެންނެވިއިރު އަބުލް ޢާސް ހުންނެވީ އިސްވެދެންނެވި ފަދައިން މައްކާގެ މީހުންގެ ދީންމަތީގައެވެ. އެހެންކަމުން އެހައިތަނުން ދެކަނބަލުން ވަނީ ތަފްރީޤު ކުރެވިފައެވެ. ނަމަވެސް ހިޖްރައިން ހަވަނަ އަހަރު އަބުލް ޢާޞު އިސްލާމްވެވަޑައިގަންނަވަންދެންވެސް އައްސައްޔިދާ ޒައިނަބު ފިރިކަލަކު ނުހޯއްދަވައި އަބުލް ޢާޞު އިސްލާމްވެވަޑައިގަތުމުގެ އިންތިޒާރުގައި އިންނެވިއެވެ.

އަމީރުލް މުއުމިނީން ޢުމަރު ރަޟިޔަﷲ ޢަންހުގެ އަނބިކަބަލުން ޢާތިކާ ރަޟިޔަﷲ ޢަންހާ އަކީވެސް ފިރިކަލުންދެކެ ލޯބިފުޅުވެވަޑައިގަތުމުގެ ލާމަސީލު ނަމޫނާއެކެވެ. އެކަމަނާގެ އެންމެ ފުރަތަމަ ފިރިކަލަކީ ޢަބްދުﷲ ބިން އަބީބަކުރު ރަޟިޔަﷲ ޢަންހު އެވެ. ޢާތިކާ ޢަބްދުﷲ ދެކެ ވަރަށް ލޯބިފުޅުވެވަޑައިގަތެވެ. ޠާއިފްގެ ހަނގުރާމައިގައި ޢަބްދުﷲ ޝަހީދުވެވަޑައިގަތުމުން ޢާތިކާ ވަރަށް އަސަރުގަދަ ހިތާމާއިގެ ޅެމެއް ހެއްދެވިއެވެ. އެޅެމުގެ އެއްބައިތެއްގައި ވެއެވެ.

"އަހަރެން ހުވާކޮށްފީމެވެ. ތިބާގެ ހަނދާނުގައި އަހަރެންގެ ލޯ އަބަދު ހުންނާނީ ކަރުނައިން ފުރިފައެވެ. ހަށިގަނޑު ވާނީ ހިރަފުހުން ތަތްވެފައެވެ."

ޢާތިކާ ޢުމަރުގެފާނާ ކާވެނިބެއްލެވުމާ ވިދިގެން ބޭއްވެވި ވަލީމާގައި އަމީރުލް މުއުމިނީން ޢަލީ ކައްރަމަﷲ ވަޖްހަހޫ ބައިވެރިވެވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ސާމަސާ މިޒާޖުފުޅުގެ ސަބަބުން ވަލީމާގެ ތެރޭގައި ޢާތިކާއަށް އެބައިތު ހަނދުމަފުޅުކޮށް އެރުއްވިއެވެ. އެހިނދު އައްސައްޔިދާ ޢާތިކާ ވަރަށްބޮޑަށް ކީރިތިފުޅު ކުރެއްވިއެވެ. ޢުމަރުގެގާނު ޝަހީދުވެވަޑައިގަތުމުންވެސް ޢާތިކާ ވަރަށް އަސަރުގަދަ މަރްޘިއްޔާއެއް ހެއްދެވިއެވެ.

ފިރިކަލުންނަށް ޚިދްމަތް ކުރެއްވުން

އިތުރު ޞާޙާބިއްޔާތުން އެކަނބަލުންގެ ފިރިފިރކަލުންނަށް ޚިދްމަތް ކޮށްދެއްވައި އުޅުއްވީ ހިތްޕުޅުގެ އަޑީގެ އުފާފުޅަކަށް ހައްދަވައިގެންނެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ ތާހިރުކަމަށް ނިހާޔަތަށް ލޯބިކުރައްވާ ބޭކަލަކަށް ވުމާއިއެކު އެކަލޭގެފާނުގެ މިސްވާކޮޅު ވަރަށްގިނައިން ދޮންނަވާން ބޭނުންފުޅުވެވަޑައިގަންނަވައެވެ. އެމަތިވެރި ޚިދްމަތް އަދާކޮށްދެއްވަނީ އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާއެވެ.

އިތުރުސާހިބާ އެއްފަހަރަކު މިސްކިތްކޮޅަށް ނުކުމެވެވަޑައިގެންނެވިއިރު ތުރުކުރައްވައިގެން ހުންނެވި ރަޖާކޮޅުގައި ލަކެއް ހުއްޓައި ޞަޙާބީއަކަށް ފެނިވަޑައިގެން އެވާހަކަ ވިދާޅުވިއެވެ. އިތުރުސާހިބާ ޢާއިޝަތުގެފާނުގެ އަތްޕުޅަށް އެރަޖާކޮޅު ފޮނުއްވިއެވެ. އެކަމަނާ ވަގުތުން ފެން ނަންގަވައިގެން އަމިއްލަފުޅަށް އެތަން ދޮންނަވައި ރަޖާކޮޅު ހިއްކަވައިފައި އިތުރުސާހިބާގެ އަރިހަށް ފޮނުއްވައިދެއްވިއެވެ. އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިޙްރާމް ބަންނަވާއިރުގައްޔާއި އިޙްރާމް ކަނޑުއްވާ ވަގުތު އެމާތް ހަށިކޮޅުގައި ހުވަނދު ތުރުކޮށްދެއްވަނީ އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާއެވެ.

ޞަޙާބީ ބޭކަލަކު މުޅިދުނިޔޭގެ އެހީތެރިކަމާއި ޚިދްމަތް ލިބިވަޑައިގަތުމުން މަޙްރޫމްވެވަޑައިގެންނެވި ކަމުގައިވިޔަސް ޞަޙާބިއްޔާތުން ފިރިކަލުންގެ ޚިދްމަތުގައި ދެމިތިއްބަވައެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތަބޫކު ހަނގުރާމައިގެ ދުވަސްވަރު ހިލާލު ބުނު އުމައްޔަތު ރަޟިޔަﷲ ޢަންހު އާ ނުގަބޫލުފުޅުވެވަޑައިގެންނެވިއެވެ. އެކަލޭގެފާނާ ގުޅުން ކެނޑުމަށް އެންމެހައި މުސްލިމުންނަށް އަމުރުކުރެއްވިއެވެ. އެއަމުރުފުޅުގެ ތެރޭގައި އެކަލޭގެފާނުގެ އަނބިކަނބަލުންވެސް ޝާމިލުކުރެއްވިއެވެ. އެހިނދު އެކަމަނާ އިތުރުސާހިބާގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. ހިލާލަކީ މުސްކުޅިފުޅު ބޭކަލެކެވެ. އެކަލޭގެފާނުގެ އަރިހަކު ނޯކަރުންނާއި އަޅުންނެއް ނުތިބެއެވެ. އެހެންވީއިރު އަޅުގަނޑު އެކަލޭގެފާނަށް ޚިދްމަތްކުރުމުން ސާހިބާ ކޯފާއިސްކުރައްވާނުތޯއެވެ؟ އިތުރުސާހިބާ ވިދާޅުވިއެވެ. ނޫނެކެވެ.

ކިތަންމެ ކިޔަމަންތެރި، ކިތަންމެ ބަސްޤަބޫލުކުރާ އަނތްބަކަށް ވިޔަސް ފިރިޔަކު އޭނާއާ ގުޅުން ކަނޑައިލައިފިނަމަ އެއަންހެނެއް ފިރިމީހާގެ ފަރާތަކަށް ނުލެނބޭނެއެވެ. ނަމަވެސް ޞަޙާބިއްޔާތުން މިފިޠުރީ ޢާންމު އުޞޫލުންވެސް އިސްތިސްނާވެގެންވެއެވެ. ޞަޙާބީންކުރެ ބޭކަލެއް އެކަލޭގެފާނުގެ އަނބިކަނބަލުން ޡިހާރުކުރެއްވިއެވެ. (ތިމާއާ ކާވެނި ޙަރާމް މީހަކާ އަނބިމީހާއާ އެއްފަދަކުރުން) ނަމަވެސް އެކަލޭގެފާނުގެ އަނބިކަނބަލުން އެކަލޭގެފާނުގެ ޚިދްމަތުން ވަކިވެވަޑައިނުގެން އިންނެވިއެވެ.

infinity loading...
×
DB released 01.